ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން ގައި ރާއްޖެ ބައިވެރިވެއްޖެ

ކަސްޓަމްސް އިމާރާތް

ދުނިޔޭގެ އެކި ގައުމުތަކުގެ ކަސްޓަމްސްގެ އިޖުރާއާތުތައް ފަސޭހަކޮށް އެއްގޮތްކުރުމާއިގުޅޭ މުއާހަދާ، އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދަ ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖަރސް ނުވަތަ ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން (އާރުކޭސީ) ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ބެލްޖިއަމްގެ ބްރެސަލްސް ގައި ހުންނަ ދުނިޔޭގެ ކަސްޓަމްސް ޖަމުޢިއްޔާ (ޑަބްލިއުސީއޯ) ގެ މައި އިދާރާގައި އިއްޔެ އޮތް ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ކޮންވެންޝަންގައި ބައިވެރިވުމުގެ ލިޔުން ޑަބްލިއުސީއޯގެ ސެކްރެޓްރީ ޖެނެރަލް ކުނިއޯ މިކްރިއާގެ އަތްޕުޅަށް އެރުވީ ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަސަން ސޯބިރެވެ.

އާރުކޭސީއަކީ ކަސްޓަމުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައިގަނޑު އަސާސްތަކާއި ސްޓޭންޑާޑްތައް ބަޔާންކުރާ ޑަބްލިއުސީއޯ ގެ މުއާހަދާއެވެ. އާރުކޭސީގެ މަގުސަދަކީ، ދޭދޭ ގައުމުތަކުގެ ކަސްޓަމްސްތަކުގެ އުސޫލުތަކާއި މިންގަނޑުތައް ވީހާވެސް އެއްގޮތްކޮށް، ލުއިފަސޭހަކޮށް، ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރެވޭނެ ގޮތުގެމަތިން ވިޔަފާރިއަށް ވީހާވެސް ބޮޑަށް ލުއިފަސޭހަ ކޮށްދިނުމެވެ.

ޑަބްލިއުސީއޯއިން އަންދާޒާކުރާ ގޮތުގައި، ދުނިޔޭގެ ވިޔަފާރީގެ 70 ޕަސެންޓް ހިނގަނީ އާރުކޭސީ ކޮންޓްރެކްޓިން ގައުމުތަކުގެ މެދުގައެވެ.

ރާއްޖެއަކީ މި ކޮންވެންޝަންގެ 124 ވަނަ ކޮންޓްރެކްޓިން ޕާޓީއެވެ.

އާރުކޭސީގައި ބައިވެރިވުމުން އެ ގައުމަކީ ބައިނަލްއަގުވާމީ ކަސްޓަމްސް ސްޓޭންޑާޑްތައް ބޭނުންކުރާ ގައުމެއްގެ ގޮތުގައި ބަލައިގަނެއެވެ.

މި މުއާހަދާއަކީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްގެ ގޮތުގައި ނަގާކިޔޭ މިންގަނޑަކަށްވާއިރު، މި މުއާހަދާގައި ސޮއިކުރުމުގެ ސަބަބުން، ރާއްޖޭގެ ކަސްޓަމްސްގެ އުސޫލުތައްވެސް ބިނާވާނީ، އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ މިންގަނޑުތަކާ އެއްގޮތަށެވެ.

އާރުކޭސީގެ މިންގަނޑުތަކުގެ ތެރޭގައި، އައިޓީ ނިޒާމްތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމާއި، ރިސްކް މެނޭޖްމެންޓް ގާއިމްކުރުމާއި، ޕްރީ-އެރައިވަލް އިންފޮމޭޝަން ފަދަ ނިޒާމްތަކުން ކަސްޓަމުން މުދާ ކްލިއާ ކުރުމުގެ ވަގުތު ކުޑަވެގެން ދާނެއެވެ. އަވަހަށް މުދާ ކްލިއާ ކުރެވުމަކީ ކަސްޓަމްސްއަށާއި ވިޔަފާރިވެރިންނަށް ފައިދާ ވާނެ ކަމެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އާރުކޭސީގައި ބައިވެރިވުމަށް ނިންމާފައިވާ ޑަބްލިއުސީއޯގެ މެމްބަރުންނަށް، ގާބިލްކަން އިތުރުކުރުމަށް ޑަބްލިއުސީއޯއާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކުންނާއި އެހީތެރިވެދޭ އެހެން ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ބޮޑުުވާނެ ކަމަށާއި ވަސީލަތްތައް ގާއިމުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި އަދި ފަންނީ ގޮތުން ލިބޭ އެހީތެރިކަން އިތުރުވެގެންދާނެ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

އާރުކޭސީގެ ސްޓޭންޑާޑެއް ކަމަށްވާ ކަސްޓަމްސް-ބިޒްނަސް ޕާޓްނާޝިޕް، ޓްރާންސްޕެރަންސީ، އެޕީލް ޕްރޮސީޖަރގެ ސަބަބުން، ރާއްޖެއަށް އަންނަ ފޮރިން އިންވެސްޓްމަންޓް އިތުރުކުރެވި، ވާދަވެރި އިގުތިސާދަކަށް ވެގެންދާނެ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ވޯލްޑް ބޭންކުގެ ސާވޭތަކުން ދައްކާގޮތުގައި، ގައުމެއްގައި އިންވެސްޓް ކުރުމުގެ ކުރިން އިންވެސްޓަރުން ރިއާޔަތްކުރާ މުހިންމު ކަންތައްތަކުގެ ތެރެއިން އެއްކަމަކީ، އެ ގައުމެއްގައި ހަރުދަނާ އަދި ފަސޭހަ ބޯޑަރުގެ އުސޫލުތަކެވެ. ކަސްޓަމްސްގެ އުޫސލުތަކާއި މިންގަނޑުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް އެކަށައެޅިފައިވާ އުސޫލުތަކަށްވާނަމަ، އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިތުރު އިންވެސްޓްމެންޓްތައް އައުމަށް މަގުފަހިވެގެންދާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މީގެ އިތުރުން، ދެފުށް ފެންނަ، ފަސޭހައިން ދޭހަވާ ކަސްޓަމްސް އުސޫލުތަކުގެ ސަބަބުން، މުވައްޒަފުންގެ ނަޒާހަތްތެރިކަން ހިފެހެއްޓި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށާއިކަސްޓަމްސްގެ ތަންފީޒީ މަސައްކަތްތައް މިކަމުގެ ސަބަބުން ހަރުދަނާވެ، ދޮރޯށި ބެލެހެއްޓުމާއި ދައުލަތުގެ އާމްދަނީ ހިމާޔަތްކުރުމުގައި އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް އެ މުުއައްސަސާ އިން ބުންޏެވެ.

comment ކޮމެންޓް