ވެންޓިލޭޓަރު މައްސަލާގައި މަޖިލީހަށް ދިން މައުލޫމާތުތަކުގައި އޮޅުވާލުމެއް ނޯންނާނެ: އަމީން

މިއަދު ބޭއްވި މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމީޓީގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ — ސަންފޮޓޯ/ ފަޔާޒު މޫސާ

ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ދިން މައުލޫމާތުތަކުގައި އޮޅުވާލުމެއް ނޯންނާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިމްތިޔާޒު ތަކަށް މިނިސްޓަރު އަމީން އަރައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓުގައި ވާ މައުލޫމާތާއި އަމީން މަޖިލީހަށް ދިން މައުލޫމާތު ދިމާ ނުވުމުންނެވެ. އަދި އެމައްސަލަ ބަލަން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް އެންގި އެވެ.

އެމައްސަލާގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ މަޖިލީހަށް ދިން މައުލޫމާތު ތަކުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށެވެ. އަދި މިހާރުވެސް ދޭން އޮތީ ކުރިން ދިން މައުލޫމާތު ކަމަށް އަމީން ވިދާޅުވި އެވެ.

"ޑަބްލިއުއެޗްއޯ އެއްކޮށް އަޅުގަނޑުމެން ކުރި މުއާމަލާތްތައް ކުރެވުނުކަން ދަލީލުކޮށްދޭ ލިޔެކިޔުންތައް މިނިސްޓަރު އޮފް ހެލްތުން ވާނީ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައި. އަޅުގަނޑުމެންނަށް ވެންޓިލޭޓަރު ހޯދަން އޭރު ދަތިތައް ދިމާވެގެން އެކަން ކުރެވޭނެ އެއްވެސް މަގެއް ނުފެނިގެން އަޅުގަނޑު ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވްއާ ވާހަކަ ދައްކާފައި ރެޕްރެޒެންޓޭޓިވް އަރިހުގައި އަޅުގަނޑު ރިކުއެސްޓް ކުރިން އެތަކެތި ލިބޭނެ މަގެއް ފަހިވޭތޯ" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އޭނާއަށް އެރުވި މައުލޫމާތު މިނިސްޓްރީގެ މުވައްޒަފުންނާ ހިއްސާ ކުރި ކަމަށެވެ. އަދި އެ މުވައްޒަފުން ޑަބްލިއުއެޗްއޯއަށް ގޮސް އެތަނުގެ ތެރެއިން އެމައުލޫމާތުތައް ކަށަވަރު ކުރުމަށްޓަކައި މަސައްކަތް ކުރި ކަމަށް އަމީން ވިދާޅުވި އެވެ. އަދި ބިޑް ކޮމިޓީއިންވެސް ޑަބްލިއުއެޗްއޯގެ ކަމާބެހޭ ފަރާތްތަކާއި ވާހަކަދެކެވުނުކަން ލިޔެކިޔުންތަކުންވެސް އެނގެން ހުރި ކަމަށް އަމީން ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވްއާ އޭން ދެއްކި ވާހަކަ ތަކަކީ ރަސްމީ މުއާމަލާތްތަކެއް ކަމަށް އަމީން ވިދާޅުވި އެވެ. އަދި ސިޓީ ބިޓީތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޮނުވިފައި ނެތުމަކީ އެންމެ އެކަށީގެންވާ ގޮތެއްގައި ވާހަކަ ނުދެކެވުން ކަމަށް ނުބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މައުލޫމާތުތައް ތަރުތީބުވެގެން އައިސްފައި މިވަނީ ޑަބްލިއުއެޗްއޯގެ ދައުރު އޭގެ ތެރޭގައި ހިމެނިގެން. ޑަބްލިއުއެޗްއޯގެ ދައުރު ހިމެނި އިރުގައި އެތަނުގެ މުވައްޒަފުން އެކި މަރުހަލާތަކުގައި އެ މުއާމަލާތްތަކުގައި ހިމެނިފައިވާކަމުން ދޭހަކޮށްދެނީ މިއީ ޑަބްލިއުއެޗްއޯގެ ދައުރު އެކަށީގެންވާ ގޮތެއްގައި އޮތް ކަމެއްކަން." އަމީން ވިދާޅުވި އެވެ.

ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް މިނިސްޓަރު އަމީން މަޖިލީހަށް މައުލޫމާތު ދެއްވިއިރު، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ރާއްޖެ ގެނެސްފައިވަނީ ވެސް އޯޑަރު ކުރި ވެންޓިލޭޓަރު ތަކެއް ނޫން ކަމަށާއި އެއީ ފެންވަރު ދަށް އަދި ބޮޑު އަގުގައި ގެނެސްފައިވާ ވެންޓިލޭޓަރުތަކެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ވެންޓިލޭޓަރުތައް މައްސަލާގައި އޭސީސީއިން އަމީނާއި ބިޑް ކޮމިޓީގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފޮނުވި ނަމަވެސް އެކަށީގެންވާ ހެކި ނެތިގެން އެމައްސަލަ ވަނީ އަނބުރާ ފޮނުވާލާފަ އެވެ.

comment ކޮމެންޓް