ގައުމީ އެއާލައިންގެ ގިނަ ކަންކަން އިސްލާހު ކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވިއަން ހޮލިޑޭޒްގެ އޮފީސް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގޮންޖެހުންތައް ކުޑަ ކުރުމަށް ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އަށް، ގިނަ ކަންކަން އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން އަންގަން ފާސްކޮށްފި އެވެ.

މަޖިލީހުން އެގޮތަށް ފާސްކުރީ، މިއަދު ބޭއްވި ޖަލްސާގައި އައިއޭއެސްއާ ގުޅޭ ގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމި ރިޕޯޓު ފާސްކޮށްގެންނެވެ.

އެ ރިޕޯޓު ފާސްކުރީ، 54 މެމްބަރުންގެ ވޯޓުންނެވެ.

ރިޕޯޓުގައި އައިއޭއެސްގެ ހިންގުން ހަރުދަނާ ކުރުމަށާއި މުސްތަގުބަލުގައި ދިމާވާނެ ގެއްލުންތަކާއި ގޮންޖެހުންތައް ކުޑަ ކުރުމަށްޓަކައި ގިނަ ކަންކަން އިސްލާހު ކުރުމަށް އެދި ލަފާ ދީފައިވެ އެވެ.

އިސްލާހު ކުރުމަށް އެނގި މުހިންމު ނިހެން ކަންކަން:

  • މުޅު ކުންފުނީގެ ދިގު މުއްދަތުގެ ތަސައްވަރެއް އެކުލަވާލުން.
  • ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ނޫނީ ނުގަން.
  • ކުންފުނީގެ ފައިދާ އިތުރު ކުރުމަށް ސީޕްލޭން އޮޕަރޭޝަން އިތުރަށް ފުޅާކޮށް އެކަމަށް ވީހާވެސް އަވަހަށް މަސައްކަތް ކުރުން.
  • ކުންފުނީގެ އެންޓަޕްރައިޒް ރިސްކް އެސެސްމެންޓު ހެދުމަށް އެންގުން.
  • ކޮންމެހެން ބޭނުން ނުވާ މަގާމުތަކަށް އިތުރު މުވައްޒަފުން ނުނެގުން.
  • ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލު މުރާޖާ ކުރުން.
  • ދަރަނި އަދާ ކުރުމުގެ ގާބުލުކަން ހުރި ކުންފުންޏެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން.
  • ކުންފުންޏަށް ލިބެންހުރި ފައިސާތައް ހޯދޭނެ ޝެޑިއުލްއެއް ހަދައި، ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާ ހޯދުން.
  • ވަކި ވަކި ސެކްޓާތަކުން ލިބޭ އާންމުދަނީ ވަކިން ރިކޯޑްކޮށް ބެލެހެއްްޓުމަށް އެންގުން.
  • ލޯނުތައް ދެއްކުމަށް ދިގުރާސްތާގެ ޕްލޭނެއް އެކުލަވާލައި އެ ގޮތަށް އަމަލު ކުރުން.

އައިއޭސްގެ ވެރިންގެ މުސާރަ ބޮޑު ކުރި މައްސަލަވެސް އެސްއޯއީ ކޮމިޓީން ވަނީ ދިރާސާކޮށްފަ އެވެ. އެ މައްސަލަ ދިރާސާކުރުމަށްފަހު، ކޮމިޓީން ނިންމީ، އެ ކުންފުނީގެ ވެރިންގެ މުސާރަ ބޮޑު ކުރަން ނިންމީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު ވަނީ އިތުރަށް ނެގި މުސާރަތައް ފިނޭންސް މިނިސްޓްރީންގެ އަންގައިގެން ހަވާލުކޮށްފައިކަމަށް އެސްއޯއީ ކޮމިޓީން ބުނެ އެވެ.

comment ކޮމެންޓް