ނައިފަރު ފެނާއި ނަރުދަމާ މައްސަލަ ހުއްޓިފައިވާތީ މަޖިލީހަށް ގަރާރެއް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް -- ފޮޓޯ: މަޖިލިސް

ޅ. ނައިފަރުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ހުއްޓިފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިީހަށް ގަރާރެއް ހުށަހަޅައިފި އެވެ

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ހުށަހެޅުއްވި މި ގަރާރުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފަ އެވެ.

މެންބަރު ޝިޔާމު އެ ގަރާރު ހުށަހެޅުއްވީ ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވަ އެވެ.

ޝިޔާމް ހުށަހެޅެއްވި އެ ގަރާރުގައި ބުނެފައިވަނީ، ފެނާއި ނަރުދަމާގެ 85 އިންސައްތް މަސައްކަތް ނިމިފައި ވަނިކޮށް، އެ މަސައްކަތް ކުރާ ކުންފުންޏާއި އެކު ވެފައިވާ އެއްބަސްވުން ވަނީ ކުއްލި ގޮތަކަށް މި އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު، ސަރުކާރުން އުވާލާފައި ކަމަށެވެ.

އެއްބަސްވުން ބާތިލު ކުރުމުން ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރިކަން ފާހަގަކޮށް އެ ގަރާރުގައި ބުނެފައިވަނީ އެކަމަށް އަލި މަގެއް ފެނެފައި ނުވާ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަން އެ ގަރާރުގައި ވަނީ ބުނެފަ އެވެ.

ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނައިސް އެކަމަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯދުމަށް މަސައްކަތް ކޮށް އަދި ވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ޝިޔާމުގެ ގަރާރުގައި ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޭރުގެ ޕްލޭނިން މިނިސްޓަރު އަދި މުހައްމަދު އަސަލަމް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުން އެ މަސައްކަތް ދައުލަތުގެ ހިއްސާ އޮންނަ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަން ޝިޔާމް ވަނީ ފާހަގަކޮށްފަ އެވެ.

"ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި ހުއްޓިފައި ވުމުގެ ސަބަބުން ނައިފަރުގެ މަގުތައް ހަލާކުވެ ހިނގާބިގާވެ އުޅުމަށް ދަތިތަކެއް ކުރިމަތިވެފައި ވީހިނދު މަގުތައް ހެދޭނެ ގޮތެއްވެސް ނެތި، ވިއްސާރަވުމުން މަގުތަކުގައި ފެންބޮޑުވުވެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ގެއްލުންތަކާ ކުރިމަތިވަމުންދޭ،" ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފަ އެވެ

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ ހިޔާ އެކްސްޕޯޓްސް އާއި ޓްރެވަނީއާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހު އެވެ.

އެ މަސައްކަތް އެ ކުންފުންޏަ ހަވާލުކުރިތާ ތިން އަހަރު ވެފައިވާއިރު މަސައްކަތް ކުރިއަށް ގޮސްފައިވަނީ ކުޑަ މިންވަރަކަށެވެ. އޯޕެކް ފަންޑުގެ އެހީ ލިބިގެން ފެށި ނައިފަރުގެ ފެނާއި ނަރުދަމާ މަސައްކަތް ހަވާލު ކުރި ފަހުން ތިން އަހަރުވީއިރު މަސައްކަތް ނިންމާލެވިފައިނުވާތީ އެ ރަށުގެ މަގުތަކުގެ ހާލަތުވެސް އޮތީ ދަށްވެފަ އެވެ.

މަގުތަކުގެ ހާލަތު ގޯސްވެ ދުއްވާ އެއްޗެހި ދުއްވަން ދަތިވާތީ އެރަށުގެ ޒުވާނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސައިކަލު ބުރެއް ބާއްވައި، އަޑު އުފުލައިފަ އެވެ.

ނައިފަރަކީ 5،000 އަށް ވުރެ ގިނަ މީހުންގެ އާބާދީ އެއް އޮންނަ ރަށެކެވެ. އުތުރުގެ ދެވަނައަށް އެންމެ އާބާދީބޮޑު ރަށުގައި ފެނާއި ނަރުދަމާ ގާއިމް ވެފައި ނެތުމާއި މަގުތަކުގެ ފެންވަރު ދަށްވެ، ވިއްސާރަވުމުން ފެންހެދި، އަޑިގަޑަންތައް ގިނަވުމަކީ ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ.

comment ކޮމެންޓް