ހެކި ނެތިގެން ވެންޓިލޭޓަރު މައްސަލައިގައި ދައުވާނުކުރަން ނިންމައިފި

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ދައުވާކުރަން އެދި ފޮނުވި 11 މީހުންގެ ތެރޭގައި ހިމެނޭ މިނިސްޓަރު އަބްދުﷲ އަމީން (މ)، ފިނޭންސް އެކްޒެކެޓިވް އަހްމަދު އަސްލަމް (ކ) އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު (ވ) -- ސަން ފޮޓޯ

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑެކްލައިންކޮށްފައިވާ ކަމަށެވެ.

އެނގިފައިވާގޮތުގައި އެ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ މައްސަލާގައި ދައުވާކުރުމަށް ބޭނުންވާ މިންވަރަށް ހެއްކާ ގަރީނާ ނެތުމުގެ ސަބަބުންނެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ދައުވާ ނުކުރެވޭ ސަބަބާ ގުޅޭ މިއަދު ޕްރެސްކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލާގައި ހެލްތު މިނިސްޓަރު އަމީނާއެކު ދައުވާ ކުރަން ފޮނުވި މީހުންގެ ތެރޭގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުންނާއި އެ އޮފީހުގެ ބައެއް އާންމު މުވައްޒަފުންނެވެ. ބިޑް ކޮމިޓީގެ ބޭފުޅުންގެ ތެރެއިން ދައުވާ ކުރަނީ އެ ކޮމިޓީގެ ޗެއާ ޑެޕިޔުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތުގެ ޑިރެކްޓަރު، ކ.ގުރައިދޫ/ފަތިސްހަނދުވަރުގެ، ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ/ ނޫރާނީހިޔާ، އާމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު މ.ހަޒާރީވިލާ/ފާތިމަތު ލިމްޔާ އެވެ.

ދެން ދައުވާ ކުރަން ފޮނުވީ އެ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އަހުމަދު އަސްލަމް އާއި ހެލްތުގެ ލީގަލް އޮފިސަރު ލ.ގަން ފެއަރީ ގާޑެން އަލީ ޝިހާމާއި ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓާ އަބްދުﷲ ހަފީޒް، މުޝްތަރީގެ/ ހއ.ދިއްދޫ އާއި ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސާ، ހުސައިން ނިޔާޒު އަދި ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފްއަށެވެ.

އެ މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައި އޭސީސީ އިން އޭރު ނެރުނު ބަޔާނުގައި ބުނީ ހެލްތު މިިނިސްޓަރު އަމީންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރުމުގެ މަސައްކަތް ފެށީ ޑަބްލިއުއެޗްއޯއިން ދިން މައުލޫމާތަށް ކަމަށް ބުނެ ހެލްތް މިނިސްޓަރު ބިޑް ކޮމިޓީއަށް ދިން މައުލޫމާތުތަކަކާ ގުޅިގެން ކަމަށެވެ. އަދި ބިޑް ކޮމިޓީގައި އެ މަސައްކަތް ހިނގަމުން ދިޔައިރު އެ ކޮމިޓީގައި ބައިވެރިނުވާ ދެ މެންބަރަކު ބިޑް ކޮމިޓީގައި ބައިވެރިވުމަށް މިނިސްޓަރު ބާރު އެޅުއްވި ކަމަށް ތަހުގިގަށް ސާބިތުވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

އަދި 75 ވެންޓިލޭޓަރުގެ އެޑްވާންސުގެ ގޮތުގައި 75 ޕަސެންޓް ދުބާއީ ކުންފުންޏަށް ދެއްކުމަށް މިނިސްޓަރު ބާރު އަޅުއްވާފައިވާކަން ވެސް ތަހުގީގަށް އެނގޭ ކަމަށް ވެސް އޭސީސީއިން ބުންޏެވެ.

އޭސީސީއިން މިނިސްޓަރު އަމީނަށް ދައުވާކޮށްދިނުމަށް އެދުނީ ގާނޫނުލް އުގޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި އެ ގާނޫނުގެ 512ވަނަ މާއްދާގެ (ހ) އާއި ހަމަ އެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) އަދި އެ ގާނޫނުގެ 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ. އެއީ، ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ސައްހަ ނޫން މައުލޫމާތެއް ދިނުމުގެ ކުށް ބަޔާންކުރާ މާއްދާތަކެވެ.

ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ ހިމެނޭ ގޮތުން އެ ކޮމިޓީގެ ހަތަރު މެންބަރުންގެ މައްޗަށް ދައުވާ ކުރަނީ މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް ޑިއުޑިލިޖެންސާއި ޓެކްނިކަލް އިވެލުއުއޭޝަން ހެދުމެއް ނެތި ވެންޓިލޭޓަރުތައް ގަންނަން ބަޔަކާ ހަވާލުކުރަން ނިންމާފައިވާތީ އާއި މަސައްކަތް ހަވާލުކުރި "އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން"ގެ ނަމުގައި ބިޑް ކޮމިޓީއަށް ކޮޓޭޝަނެއް ހުށަހެޅިފައި ނެތް ނަމަވެސް ޑރ. އަލީ ޓުކްމަޗީގެ ނަމުގައިވާ ހުށަހެޅުމެއް އިވެލުއޭޓްކޮށް ފަހުން ދުބާއީ ކުންފުނީގެ ނަމަށް ލިޔުންތައް ބަދަލުކޮށްފައިވާތީ އެވެ. އޭސީސީއިން ތުހުމަތު ކުރަނީ ބިޑް ކޮމިޓީގެ މެންބަރުން އެގޮތަށް އަމަލުކުރީ، ޑރ. އަލީއަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި ކަމަށެވެ.

އެކަންކަމާ ގުޅިގެން ބިޑް ކޮމިޓީގެ މެންބަރުންގެ މައްޗަށް ދައުވާ ކުރަން އޭސީސީއިން އެދިފައި ވަނީ ގާނޫނުލް އަގޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. އެއީ ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެން ނުވާ އަމަލާއި ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ބޭނުން ކުރުމުގެ ކުށް ކަނޑައަޅާ މާއްދާ އެވެ.

ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް އަސްލަމްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މާލިއްޔަތު ގަވާއިދާ ހިލާފަށް ޑިއު ޑިލިޖެންސް ނުހަދާ ވެންޓިލޭޓަރު ގަންނަން ބިޑް ކޮމިޓީއަށް ހުށަހެޅުންތަކެއް ހުށަހަޅާފައި ވާތީ އާއި އަދި ގެރެންޓީއެއް ނުނަގާ ތަކެތީގެ އަގަށްވާ 90 ޕަސެންޓް ފައިސާ އެ ކުންފުންޏަށް ދައްކާފައިވާތީ އަދި އެކަމާ ގުޅޭ އެންމެހާ ކަންކަން އޭނާގެ ބެލުމުގެ ދަށުން ގާނޫނާ ހިލާފަށް ކޮށްފައި ވާތީ އެވެ. އޭނާގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދެނީ ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލުތައް ހިންގާފައި ވާތީ އަދި ސައްހަ ނޫން މައުލޫމާތު ދީފައިވާތީ އެވެ.

ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު ހަފީޒުގެ މައްޗަށް ދައުވާ ކުރަން އެދުނީ މާލިއްޔަތު ގާނޫނާ ހިލާފަށް ދުބާއީ ކުންފުންޏަށް ފައިސާ ދޭން ސެޕް ސިސްޓަމް މެދުވެރިކޮށް ޕީއޯ ހެދީ އޭނާ ކަމަށްވާތީ އެވެ. އަދި ދުބާއީ ކުންފުނިން ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނުދެނީސް އެތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމަށް އެންޓާކޮށްފައި ވާތީ، ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސާ ނިޔާޒުގެ މައްޗަށް ދައުވާކޮށް ދިނުމަށް ވެސް އެދިފައިވެ އެވެ.

ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދުނީ ޕޭމަންޓް ޕްރޮސެސްކުރަން ސެޕްސިސްޓަމްގައި ޕޭމަންޓް އެޕްރުވަލް ޕޯސްޓްކުރީ އޭނާ ކަމަށް ވާތީ އެވެ.

އޭސީސީއިން ބުނެފައިވަނީ މި މައްސަލައަކީ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްފައިވާ މައްސަލައެއް ކަމަށެވެ. އެގޮތުން ކޮމިޝަންގެ ހަތަރު އިންވެސްޓިގޭޓަރުންނާއި ފުލުހުންގެ އެހީތެރިކަމާ އެކު އަށް އިދާރާއަކުން މައުލޫމާތު އެއްކޮށް ޖުމްލަ 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައިވާ ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.

އޭސީސީއިން ބުނި ގޮތުގައި މި މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ އަދަދެއްގެ ބޭންކް އެކައުންޓްތަކާގުޅޭ މައުލޫމާތު ހޯދާފައިވެ އެވެ. މީގެއިތުރުން، މި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ޖުމްލަ 36 ބަޔާނެއް ނަގާފައިވާ ކަމަށް ވެސް އޭސީސީއިން ބުންޏެވެ.

comment ކޮމެންޓް