މިދިޔަ އަހަރުގެ އޭޕްރީލްގައި އޮޕަރޭޝަން ހުއްޓާލި އިންޑިއާގެ ޖެޓް އެއާލައިން އެނބުރި އޮޕަރޭޝަނަށް އަންނަން ތައްޔާރުވާކަމަށް ބުނެފި އެވެ.
ޖެޓް އެއާވޭސްގެ ދަތުރުތައް 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ހުއްޓާލުމަށްފަހު ބޭންކްރަޕްސީ އިއުލާނުކޮށްފައިވަނީ އެ އަހަރުގެ ޖޫން މަހު އެވެ.
އިންޑިއާގެ އެންމެ ބޮޑު ކޮމާޝަލް އެއާލައިނުގެ ގޮތުގައި އޮތް ޖެޓް އެއާވޭސްގެ އޮޕަރޭޝަންތައް ހުއްޓާލާ، ބޭންކްރަޕްސީ އިއުލާނުކުރީ މާލީ ދަތިކަން ކުރިމަތިވެ، ފައިނޭންސިން ނުލިބުމުގެ ސަބަބުންނެވެ.
ޖެޓް އެއާލައިންގެ ހިއްސާ ނީލަން ކިޔުމުގެ ބިޑް ކާމިޔާބުކޮށް ކެލްރޮކް ކެޕިޓަލް އަދި މުރާރީ ލާލް ޖަލާން ކިޔާ ދެ ކުންފުންޏަކުން މިހާރު ވަނީ އެ އެއާލައިނާ ހަވާލުވެފަ އެވެ.
ކެލްރޮކް ކެޕިޓަލް އަކީ އިނގިރޭސިވިލާތުގެ ފައިނޭންޝަލް އެޑްވައިޒަރީ އަދި އެސެޓް މެނޭޖުމެންޓް ފާމެކެވެ. އެ ކުންފުނިން މައިގަނޑުގޮތެއްގައި ހަރަކާތްތެރިވަނީ ރިއަލް އެސްޓޭޓް އަދި ވެންޗާ ކެޕިޓަލްގެ ކަންތަކުގަ އެވެ.
ޖަލާން ކުންފުންޏަކީ އިންޑިއާ-ޔޫއޭއީ ބޭސްޑް ވިޔަފާރިއެކެވެ. ޓޫރިޒަމާއި ރިއަލް އެސްޓޭޓްގެ ދާއިރާ ގައި އެކުންފުނިން އިންވެސްޓުކޮށްފައިވެއެވެ. ސީއެންވީސީ-ޓީވީ18 ގައިވެސް އެ ކުންފުނިން ވަނީ އިންވެސްޓްކޮށްފަ އެވެ.
މި ދެކުންފުނިން ޖެޓް އެއާވޭސް ހިންގުމާ ހަވާލުވެ، ކުރިއަށް އޮތް ފަސް އަހަރު ތެރޭ އެ އެއާލައިނަށް 136 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމާފައިވެ އެވެ. މި އިންވެސްޓްމެންޓާއެކު އެއާލައިނު އަލުން ފަށައިގަނެ އެސެޓް އެކުއިޒިޝަން އަށް ފައިސާ ލިބޭނެ އެވެ.
ޖެޓް އެއާލައިނު އަލުން ވުޖޫދަށް ގެނައުމަށް ދެ ކުންފުންޏެއް އެކުވެގެން އިންވެސްޓް ކުރަން ނިންމިއިރު، އެ އެއާލައިން އެނބުރި އަންނާނީ ކޮން އިރަކު ކަމެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ފުލް ސާވިސް އެއާލައިނެއްގެ ގޮތުގައި އަލުން ޖެޓް އެެއާވޭސް ފެންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެގޮތުން ފުރަތަމަ ޑޮމެސްޓިކް ދަތުރުތަކުން ފަށައި ަޑުމަޑުން އިންޓަނޭޝަނަލް ދަތުރުތަކަށް އަލުން ވަދެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ޖެޓް އެއާވޭސްގެ އޮޕަރޭޝަންތައް ހުއްޓަލިއިރު އެ އެއާލައިނުގެ ފްލީޓުގައި 97 ބޯޓު އޮތެވެ. ކުންފުނި ބޭންކްރަޕްޓުވި އިރު، ދަރަނި 1.2 ބިލިއަން ޑޮލަރަށް އަރަ އެވެ.