އެމެރިކާ ވައްޓާލައި ދުނިޔޭގެ އެންމެ ބޮޑު ބޮކްސް އޮފީހަށް ޗައިނާ

ޗައިނާގައި ސިނަމާތައް ހުޅުވައި ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ---

ދުނިޔޭގެ އެންމެ ބޮޑު ބޮކްސް އޮފީހުގެ މާކެޓުގެ އޮތުގައި އޮތް އެމެރިކާ ފަހަތަށް ޖައްސާލުމަށް ފަހު ފުރަތަމަ ފަހަރަށް ޗައިނާ، ދުނިޔޭގެ އެންމެ ބޮޑު ބޮކްސް އޮފީހަށް ވެއްޖެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ވައިރަސް އަދި ވެސް ފެތުރެމުންދާއިރު ވައިރަސް ފެތުރެން ފެށުމާ އެކު ސިނަމާތައް ބަންދުކުރަން ޖެހުމުން ދުނިޔޭގެ ބޮކްސް އޮފީސް މާކެޓު ވަނީ އެއްކޮށް އަރިއަޅާލައިފަ އެވެ. އަދި މިހާތަނަށް ނުލިބޭ ވަރުގެ ބޮޑު ގެއްލުމެއް ވަނީ އެ ދާއިރާއަށް ލިބިފަ އެވެ.

މީގެ ކުރީން ބޮކްސް އޮފީސް މާކެޓުތަކުގައި ވެރިކަން ކުރަމުން ދިޔައީ އެމެރިކާ އެވެ. އެހެންނަމަވެސް އަދިވެސް އެމެރިކާގައި ކޮވިޑް-19ގެ ކޭސްތައް ގިނަ ކަމުން ސިނަމާތައް ހުޅުވޭ ގޮތް ވަނީ ނުވެފަ އެވެ.

ކޮވިޑް-19 ފުދޭވަރަކަށް ކޮންޓްރޯލުކޮށް ޗައިނާގައި މިހާރު ވަނީ ސިނަމާތައް ހުޅުވަން ފަށައިފަ އެވެ. އެއާ އެކު ބޮކްސް އޮފީސް އާމްދަނީ ވެސް ވަނީ އެމެރިކާއަށް ވުރެ ގިނަވެ އެއްވަނައަށް އަރައިފަ އެވެ.

މި އަހަރުގެ މިހާތަނަށް ޗައިނާގެ ބޮކްސް އޮފީހުގެ އާމްދަނީ ވަނީ 1.98 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. އަދި އެމެރިކާގެ ބޮކްސް އޮފީހުގެ އާމްދަނީ ހުރީ 1.93 ބިލިއަން ޑޮލަރުގަ އެވެ.

އަދި ލަފާކުރެވޭ ގޮތުގައި މި އަހަރު ނިމެން ވާއިރަށް ދެެގައުމުގެ ދެމެދުގައި އޮތް ފަރަގު ބޮޑުތަނުން ތަފާތު ވެގެންދާނެ އެވެ.

އެނަލިސްޓުން މީގެކުރީން ވެސް ވަނީ މިފަދަ ގޮތަކަށް ދުނިޔޭގެ ބޮކްސް އޮފީހުގެ މާކެޓު ބަދަލުވާނެ ކަމަށް ލަފާކޮށްފަ އެވެ. އެގޮތުން ދުނިޔޭގެ އާބާދީ އެންމެ ބޮޑު އެއް ގައުމަށް ޗައިނާ ވުމުން ދުނިޔޭގެ ބޮކްސް އޮފީސް މާކެޓުގައި އެ ގައުމު ވެރިކަން ކުރާނެ ކަމަށް ކުރީން ވެސް ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް