އައިއޭއެސްގެ ޕްރޮމޯޝަންތައް ހައްދުން ނެއްޓުމުން، ހަމައަކަށް އެޅުވުމަށް އަންގަނީ

ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މުވައްޒަފުންގެ ޕްރޮމޯޝަންތައް އުސޫލެއް ނެތި ދީފައިވާތީ، ހަމައަކަށް އެޅުވުމަށް ރައްޔިންތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ، އެސްއޯއީ ކޮމިޓީން ކަނޑައަޅައިފި އެވެ.

އައިއޭސްއާ ގުޅޭގޮތުން ބެލި މައްސަލަތައް ދިރާސާކުރުމަށްފަހު، އެސްއޯއީ ކޮމިޓީން އެކުލަވާލައި ތަޅުމަށް ފޮނުވާފައިވާ ރިޕޯޓްގައި އެެކުންފުނިން މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި މުސާރައިގެ ކުރިއެރުން ދިނުމުގައިވެސް ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ރިޕޯޓްގައި ބުނެފައި ވަނީ ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ ޕާފޯމަންސް ވަޒަންކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން 18 މަސް ދުވަސް ތެރޭ 46 މުވައްޒަފަކަށް ދެ ފަހަރަށް ޕްރޮމޯޝަން ދީފައިވާކަމަށް ރިޕޯޓުގައި ބުނެ އެވެ. އަދި ގިނަ ޕްރޮމޯޝަންތަކަކީ، މަގާމެއް ހުސްވުމުން، އެ މަގާމަށް މުވައްޒަފަކު ޕްރޮމޯޓްކުރުމުގެ ބަދަލުގައި އެއް ފަހަރާ ގިނަ މުވައްޒަފުންތަކަކަށް ޕްރޮމޯޝަން ދިނުމުގެ ގޮތުން ދިީފައިވާ ކުރިއެރުންތަކެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ދިނުމަށް ކުންފިން ފާސްކޮށްފައިވާ ޕޮލިސީއެއް ނެތުމާއި، ޓެކްނިކަލް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި އަމަލުކުރާ އުސޫލެއް އާންމުކޮށްފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ޕްރޮމޯޝަން ދިފައިވާ މުވައްޒަފުންނަށް މުސާރަ އާއި މަގާމުގެ ކުރިއެރުން ދީފައިވީ ނަމަވެސް، އެ މީހުން ކުރާ މަސައްކަތްތައް ބަދަލުވެފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެ އެވެ.

"ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ މުސާރަ 10،000 ރުފިޔާ އާއި 25،0000 ރުފިޔާއާ ދޭތެރޭ އަދަދަކަށް ބޮޑުކޮށްފައިވާކަމާއި، މިއީ މާކެޓްގައި މުސާރަ ބޮޑުކުރާ ނިސްބަތަށްވުރެ ނިސްބަތުން ބޮޑު އަދަދެއް ކަމަށް،"އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމިޓީން ނިންމާފައިވަނީ، ކުންފުނީގެ އިސްވެރިންނާއިނ އެހެނިހެން މުވައްޒަފުންވެސް ފިނޭންސް މިނިސްޓްރީން ފާސްކޮށްފައިވާ މުސާރައއި އިނާޔަތްތަކަުގެ ބރުން އިތުރު އެއްވެސް އެލެވަންސެއް ހަމަޖައްސައި ނުދިނުމަށް އެ ކުންފުންޏަށް އެންގުމަށެވެ.

ރިޕޯޓުގައި ބުނާ ގޮތުން، ކުންފުނީގެ މުވައްޒަފުންވެސް އިތުރު ކުރަމުން ގޮސްފައިވަނީ، އޮޕަރޭޝަން ފުޅާވަމުންދާ މިންވަރަށް ނުބަލާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން، 18 މަސް ދުވަސް ތެރޭ، 169 (15.7 ޕަސަންޓް) މުވައްޒަފުން އިތުުރުވެފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމިޓީން ވަނީ، ކޮންހެން ބޭނުނުންވާ އަދަދަށް ނޫނީ މުވައްޒަފުން އިތުރު ނުކުރުމަށްވެސް ކުންފުންޏަށް އެންގުމަށް ނިންމާފަ އެވެ.

https://sun.mv/144431

comment ކޮމެންޓް