މަސްތުވެގެން ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ޑިޕޯޓުކޮށްފި

މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި މީހާ --

މާލޭގެ މަގެއްގެ މަތީގައި މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ޑިޕޯޓުކޮށްލައިފި އެވެ.

މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ މާލޭ އަބަދަށްފެހި މަގުގައި، މަސްތުވެގެން ހުރެ ރާއްޖޭގެ ކޯޓުތަކަށް ގޮންޖަހައި، ދީނަށް ފުރައްސާރަކުރީ ރާއްޖޭގައި މަސައްކަތް ކުރަމުން އައި އިިންޑިއާގެ ޑޮކްޓަރެކެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުވެސް ކުރި އެވެ. ނަމަވެސް، ކޯޓުން އޭނާގެ ބަންދު އިތުރު ނުކުރުމުން އޭނާ ދޫކޮށްލީ އެވެ.

މިއަދު އެ މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ބުނީ އެ މީހާ ރާއްޖެއިން ޑިޕޯޓުކޮށް، މި މަހުގެ 13 ވަނަ ދުވަހު އޭނާ ރާއްޖެއިން ފުރުވާލާފައިވާ ކަމަށެވެ.

"މަސްތުގެ ހާލަތުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ އެއްގޮތަކަށްވެސް ރާއްޖެ ނާދެވޭ ގޮތަށް ރާއްޖެއިން ޑިޕޯޓުކޮށްފި. އޭނާ ރާއްޖެއިން ފޮނުވާލާފައި ވަނީ މި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު،" ފުލުހުން މިއަދު ބުންޏެވެ.

އެ މީހާ ދީނަށް ފުރައްސާރަ ކުރި މަންޒަރު ފެންނަ ވީޑިއޯ އާންމު ވުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރި އެވެ. އަދި އޭނާއާ މެދު ފިޔަވަޅު އަޅަން ގޮވާލި އެވެ.

comment ކޮމެންޓް