ރައީސް އޮފީހުގެ އިސް ސިޔާސީ ބޭފުޅުންނަށް މުސާރައިގެ ގޮތުގައި މަހަކު 1.7 މިލިއަން

ކައުންސިލަރުންގެ މަހާސިންތާ، "ވިޔަވަތި ރާއްޖެ"ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައީސް އޮފީހުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތްތަކުގައި ގޮތުގައި މަހެއްގެ މައްޗަށް 1.68 މިލިއަން ރުފިޔާ ހަރަދު ކުރާކަން ހާމަކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުންކޮށް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައާއި އިނާޔަތުގެ މައުލޫމާތު އާންމު ކުރާ އާންމު ފަރުދެއް ކަމަށްވާ އައިމަން ލަތީފުގެ އެދުމުގެ މަތިން ރައީސް އޮފީހުން ވަނީ އެ އޮފީހުގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ހާމަކޮށްފަ އެވެ. އަދި އައިމަން ވަނީ އެ މައުލޫމާތު އާންމުކޮށްފަ އެވެ.

އޭނާ އާންމު ކުރި މައުލޫމާތުގައިވާ ގޮތުން، ރައީސް އާއި ނައިބު ރައީސް، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ ބޭފުޅުން، ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅުން، އަދި ޑިޕިއުޓީ މިނިސްޓަރު ފެންވަރުގެ ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 1.69 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. އެއީ އަހަރެއްގެ މައްޗަށް 20.24 މިލިއަން ރުފިޔާ އެވެ.

ރައީސަށް މުސާރައިގެ ގޮތުގައި މަހަކު 100،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު ނައިބު ރައީސަށް ލިބިވަޑައިގަންނަވަނީ މަހަކު 75،000 ރުފިޔާ އެވެ. އެ ބޭފުޅުންގެ މުސާރައަކީ ގާނޫނަކުން ކަނޑައަޅާފައި މުސާރައެކެވެ.

އެ ބޭފުޅުންގެ ދަށުން ތިއްބަވާ ބޭފުޅުންނަށް ބަލާއިރު ރައީސް އޮފީހުގައި މިނިސްޓަރު ފެންވަރުގެ ހަތް ބޭފުޅަކު ތިއްބަވަ އެވެ. އެއިން ކޮންމެ ބޭފުޅަކަށް މަހަކު 66،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އެ ބޭފުޅުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް ޖުމްލަ 462،000 ރުފިޔާ ހަރަދު ކުރެ އެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ފެންވަރުގެ 10 ބޭފުޅުން ތިއްބަވަ އެވެ. އެއިން ކޮންމެ ބޭފުޅަކަށް މަހަކު 48،500 ރުފިޔާ މުސާރައިގެ ގޮތުގައި ދެ އެވެ. ނަމަވެސް، ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓް އިބްރާހިމް ހޫދަށް އެހެން ބޭފުޅުންނަށް ވުރެ ގިނައިން ލިބިވަޑައިގަންނަވަ އެވެ. އޭނާއަށް ލިބިވަޑައިގަންނަވަނީ 55،000 ރުފިޔާ އެވެ. އެހެންކަމުން އެ ހުރިހާ ބޭފުޅުންގެ މުސާރައިގެ ގޮތުގައި ޖުމްލަ 491،000 ރުފިޔާ ހަަރަދު ކުރެ އެވެ.

ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ތިއްބަވަނީ 13 ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވަނީ މަހަކު 43،000 ރުފިޔާ އެވެ. އެއީ މަހެއްގެ މައްޗަށް 559،000 ރުފިޔާ އެވެ.

comment ކޮމެންޓް