އައިއޭސްގެ ވެރިން މުސާރަ ބޮޑު ކުރީ އުސޫލާ ހިލާފަށްކަމަށް ކޮމިޓީން ކަނޑައަޅައިފި

އައިލެންޑް އޭވިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: އިސްވެރިންގެ މުސާރަ ބޮޑު ކުރީ އުސޫލާ ހިލާފަށް ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައޮ --- ސަން ފޮޓޯ

ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް(އައިއޭއެސް)ގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލަވަންސެއް ނަގާފައި ވަނީ ފިނޭސް މިނިސްޓްރީގެ އުސޫލާ ހިލާފަށް ކަމަށް ރައްޔިންތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ، އެސްއޯއީ ކޮމިޓީން ކަނޑައަޅައިފި އެވެ.

އައިއޭއެސްގެ ވެރިންގެ މުސާރަ ގަވައިދާ ހިލާފަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަން ފެށުމުން އައިއޭއެސްއަށް ކުރިމަތިވެފައިވާ މައްސަލަތައް މިދިޔަ ޖޫން މަހުގެ ތެރޭ ކޮމިޓީން ވަނީ ބަލަން ފަށައިފަ އެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް ފަހު އެސްއޯއީ ކޮމިޓީއިން ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައިވާ ގޮތުގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާގެ މުސާރަ 45،400 ރުފިޔާއިން 67،630 ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ. ކުރިން ޗެއާޕާސަންގެ މުސާރަ އަކީ 12،875 ރުފިޔާ ނަމަވެސް ފަހުން އެ އަދަދު ވަނީ 19،100އަށް ބޮޑުކޮށްފަ އެވެ. އަދި ބޯޑު މެމްބަރުންގެ މުސާރަ 8،000 ރުފިޔާ އިން 11،850 ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ. އެ ތިން މަގާމުގެ މުސާރައަށް މި ގެނައި ބަދަލަކީ 48 ޕަސެންޓުގެ ބޮޑު ކުރުމެކެވެ. ނަމަވެސް މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ރިޒްވީގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ކޮމިޓީގެ ރިޕޯޓުގައި ބުނީ، މުސާރަ އެގޮތަށް ބޮޑުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން އެކުލަވާލައިފާއިވާ އުސޫލުތަކާއި ފާސްކޮށްފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން ކަމަށެވެ. އެހެން ކަމުން ކޮމިޓީން ނިންމީ، އައިއޭއެސްގެ ވެރިން އިތުރަށް ނަންގަވާފައިވާ އެލަވަންސް ފައިސާއާ މެދު އަމަލުކުރާނެ ގޮތެއް އެ ކުންފުނިން ކަނޑައެޅުމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ނިންމި ގޮތުގެ ތަފްސީލު ކޮމިޓީއަށް ފޮނުވުމަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އުސޫލުތަކުން ބޭރުން އިތުރު އެއްވެސް އެލަވަންސެއް ބޯޑު މެމްބަރުންނާއި ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން، ކުންފުނީގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުން ހަމަނުޖެއްސުމަށް އެ ކުންފުންނަށް އެނގުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

މުސާރަ ބޮޑު ކުރި މައްސަލާގައި އެ ކުންފުނީގެ ވެރިން މީގެ ކުރިން ކޮމިޓީއަށް ހާޒިރުކުރުމުން ވިދާޅުވެފައި ވަނީ އޭރު މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައީ ހަމަ އެކަނި ސީނިއާ މުވައްޒިފުންގެ މުސާރަ ނޫން ކަމަށާއި އެހެން މުވައްޒިފުންގެ މުސާރަ ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތަށް ބަދަލުކޮށްފައި ވަނީ، މުވައްޒަފުންގެ މުސާރަ ކުޑަވެގެން ވާދަވެރި ކުންފުނިތަކަށް މުވައްޒަފުން ބަދަލުވާތީ މުވައްޒަފުން ކުންފުނީގައި ބޭތިއްބުމަށް ކަމަށް ކުންފުނީގެ ވެރިން ކޮމިޓީގައި ވިދާޅުވެފައިވެ އެވެ.

އައިއޭއެސް އާއި ފިނޭންސް މިނިސްޓްރީ އަދި އޮޑީޓް އޮފީހުން މައުލޫމާތު އެއްކޮށް ކޮމިޓީން އެކުލަވާލާފައިވާ 40 ސަފްހާގެ ރިޕޯޓުގައި ގިނަ ކަންކަން އިސްލާހު ކުރުމަށް އައިއޭސްއަށް އަންގަން ވަނީ ހިމަނައިފަ އެވެ.

ރިޕޯޓުގައި އިސްލާހު ކުރުމަށް އެންގި މުހިންމު ބައެއް ކަންކަން:

  • ކުންފުނީގެ ފައިދާ އިތުރު ކުރުމަށް ސީޕްލޭން އޮޕަރޭޝަން އިތުރަށް ފުޅާކޮށް އެކަމަށް ވީހާވެސް އަވަހަށް މަސައްކަތް ކުރުން.
  • ކުންފުނީގެ އެންޓަޕްރައިޒް ރިސްކް އެސެސްމެންޓު ހެދުމަށް އެންގުން.
  • ކޮންމެހެން ބޭނުން ނުވާ މަގާމުތަކަށް އިތުރު މުވައްޒަފުން ނުނެގުން.
  • ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލު މުރާޖާ ކުރުން.
  • ކުންފުންޏަށް ލިބެންހުރި ފައިސާތައް ހޯދޭނެ ޝެޑިއުލްއެއް ހަދައި، ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާ ހޯދުން.
  • ވަކި ވަކި ސެކްޓާތަކުން ލިބޭ އާންމުދަނީ ވަކިން ރިކޯޑްކޮށް ބެލެހެއްްޓުމަށް އެންގުން.
  • ލޯނުތައް ދެއްކުމަށް ދިގުރާސްތާގެ ޕްލޭނެއް އެކުލަވާލައި އެ ގޮތަށް އަމަލު ކުރުން.

ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމަށް މިއަދު މަޖިލީހުގެ ޖަލްސާއަށް ތާވަލް ކުރި އެވެ. ނަމަވެސް ޖަލްސާގެ ވަގުތު ހަމަވެ، މިއަދު އެ ރިޕޯޓަށް ވޯޓަށް އެހޭ ގޮތެއް ނުވި އެވެ. https://sun.mv/121492

comment ކޮމެންޓް