އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ބޮޑުކަމުން ކަންބޮޑުވުންތައް

މަޖިލީހުގެ ރައީސް ނަޝީދު -- ފޮޓޯ/ މަޖިލިސް

ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް އަންނަ އަހަރު ދައްކަންޖެހޭ ފައިސާގެ އަދަދާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ މުޅި މަޖިލީހުގެ ކޮމެޓީގައި، ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާ ގުޅޭ ގޮތުން ކޮމެޓީއިން އެކުލަވާލި ރިޕޯޓާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ވިދާޅުވީ ދައުލަތަށް ބުރަވެގެން ދަނީ ދަރަނި އަނބުރާ ނުދެއްކުމުން ކަމަށާއި މިއަދު ދިމާވެގެން އުޅޭކަމަކީ 2021 ވަނަ އަހަރު އަނބުރާ ދައްކަން އޮތް އަދަދު ބޮޑުވުން ކަމަށެވެ.

މީގެ ސަބަބަކީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭ ނަގާފައިވާ ލޯނުތައް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމެޓީ ރިޕޯޓުގައި ވަނީ ދައުލަތަށް ލިބޭނެ އާމްދަނީ އާއި ދަރަނީގެ ފަރަގުވެސް ފާހަގަކޮށްފަ އެވެ.

އެގޮތުން މި ހިނގާ 2020 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 13 ބިލިއަން ރުފި ޔާއެވެ. އަދި ދައުލަތުގެ ދަރަނި މި އަހަރުގެ ނިޔަލަށް 10 ބިލިއަނުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަންނަ އަަހަރު ޖުމްލަ އާމްދަނީ 17 ބިލިއަނުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު ޖުމްލަ ދަރަނި 20 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި 2022 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 21 ބިލިއަން ރުފިޔާގައެވެ. އަދި ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 9.9 ބިލިއަނުގަ އެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން 2023 ވަނަ އަހަރު ދައުލަތުގެ އާމްދަނީ 25 ބިލިއަނަށް އަރާނެކަމަށް ލަފާކުރެވެ އެވެ. އަދި އެ އަހަރު ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީފަސް ބިލިއަނުގަ އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައުލޫމާތަކީ ސީދާ ފިނޭންސް މިނިސްޓްރީ އިން މަޖިލީހަށް ހިއްސާކުރި މައުލޫމާތު ކަމަށެވެ.

އެ ރިޕޯޓުގައި ވަނީ ދައުލަތުގެ އާމްދަނީގެ ނިސްބަތުން ދަރަނި ބޮޑުވަމުންދާއިރު އެކަން ހައްލު ކުރުމަށްވެސް ކަންތައްތަކެއް ހުށަހަޅައިފަ އެވެ.

އެގޮތުން ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށާއި އެ މަސައްކަތަށް ހާއްސަ ކޮމިީޓީއެއް އެކުލަވާލައި، އެ ކޮމިޓީން ބޭރުގެ މާހިރުންގެ ލަފާ ހޯދުމަށް ވަނީ ލަފާދޭން ނިންމައިފަ އެވެ.

އެ ކޮމިޓީގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ލަފާދޭން ރިޕޯޓުގައި ހިމަނާފައިވާއިރު އެ ކޮމިޓީގެ މަސައްކަތް ކޮންމެ ހަފްތާއަކު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރުމަށްވެސް ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން އަންނަ އަހަރު ދައްކަންޖެހޭ އެތެރޭގެ ދަރަނި ރޯލްއޯވާކޮށް، ދަރަނި ދެއްކުން ފަސްކުރުމަށާއި ދަރަނި ރީސްޓްރަކްޗާ ކުރަން ގާނޫނަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް ލަފާދޭން ވަނީ ނިންމައިފަ އެވެ.

ހަމައެއާއެކު ދައުލަތުން ގެރެންޓީ ދޫކޮށްގެން ނަގާފައިވާ ލޯނުތަކުން ހިންގާ މަޝްރޫއުތަކުގެ ތަފްސީލްތައް ގަވައިދުން ހޯދުމަށާއި ސަރުކާރުގެ ކުންފުނިންތަކުގެ ހަރަދު ކުޑަކޮށް ހިންގައި، ގެއްލުންވާ ކުންފުނިތައް ޕާކުކޮށް ކުންފުނިތައް އުވާލާ، އެހެން ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ލަފާދޭން ހިމަނާފައިވާއިރު ދައުލަތުންދޭ ސަބްސިޑީ ދިނުމުގެ އުސޫލުތައް މުރާޖައާކޮށް، އެކަށޭނަ ގޮތުގައި ސަބްސިޑީ ދޭނެ ޕްލޭނެއް ހެދުމަށް ލަފާދޭން އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ދައުލަތުން ނަގާފައިވާ ލޯނުތައް ނަގާފައިވަނީ ކޮންސެޝަނަލް ރޭޓުގައި ނަމަވެސް، ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މުހިއްމު މަޝްރޫއުތަކަށް ފައިނޭންސް ހޯދުމަށް 2017 ވަނަ އަހަރު ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު، "ސަނީ ސައިޑް ބޮންޑު" ގެ އިންޓްރެސްޓް ރޭޓަކީ ހަތް ޕަސެންޓް ކަމަށާއި، 2022 ވަނަ އަހަރު މި ބޮންޑަށް އަނބުރާ ފައިސާ ދައްކަން ޖެހޭއިރު، އެ ބޮންޑު ރީ ޕްރޮފައިލް ކުރަންޖެހޭ ކަމަށް ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ ޖުމްލަ ދަރަނި ސާވިސް ކުރުމަށް ދައުލަތުން ގެރެންޓީކޮށްފައިވާ ދަރަނީގެ ސާވިސް ކުރުންވެސް ހިމެނިގެން 2019 ވަނަ އަހަރު 10.2 ބިލިއަން ރުފިޔާ ހަރަދުކޮށް، 2020 ވަނަ އަހަރުގެ ނިޔަލަށް 9.1 ބިލިއަން ރުފިޔާ ހޭދަކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި މިވަގުތު ދައުލަތަށް އެންމެ ރިސްކު ބޮޑީ ދައުލަތުގެ ނަމުގައި ނަގާފައިވާ ގެރެންޓީތައް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމަށް ނުކުޅެދިފައިވާ ގޮތުން، 2019 ވަނަ އަހަރު ދަރަނި ސާވިސް ކުރުމުގެ ހަރަދުގެ 70 ޕަސެންޓް އަދި 2020 ވަނަ އަހަރުގެ ދަރަނި ސާވިސް ކުރުމަށް އަންދާޒާ ކުރެވިފައިވާ އަދަދުގެ 66 ޕަސެންޓަކީ ދައުލަތުން ގެރެންޓީކޮށްފައިވާ ދަރަނި ސާވިސް ކުރުމުގެ ހަަރަދު ކަމަށް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އާމްދަނީގެ ނިސްބަތުން ދަރަނި ސާވިސްކުރުމުގެ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުންދާ ކަމަށާއި މި އަހަރު ދިމާވެފައިވާ މާލީ ދަތިތަކާއެކު، ބަޖެޓުގައި ލަފާކޮށްފައިވާ އާމްދަނީ 49 ޕަސެންޓް ދަށްވާނެކަމަށް ލަފާކުރެވޭތީ، އާމްދަނީގެ ނިސްބަތުން ދަރަނި ވަރަށް ބޮޑަށް އިތުރުވާނެކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މިހާރު ދިމާވާ އެންމެބޮޑު އެއް ގޮންޖެހުމަކީ ބޭރު ފައިސާގެ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ކުރިމަތިވާ، ދަތިކަން ކަމަށާއި ކުރުމުއްދަތުގައި ދައްކަންޖެހޭ ދަރަނީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް ދައުލަތުގެ ހަރަދުތައް ކުޑަކޮށް ފިސްކަލް ޑެފިސިޓްވެސް ކުޑަކުރުމަށާއި ދެމެހެއްޓެނިވި މިންވަރެއްގައި ދަރަނި ބެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަން ވަނީ ފާހަގަކޮށްފަ އެވެ.

މިއަހަރުގެ ފަހު ކުއާޓަރުގައި ދައުލަތުގެ ދަރަނި އަދާކުރުމަށް ޖުމްލަ 10 ބިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 172 ބިލިއަން ރުފިޔާގަ އެވެ.

ދަރަނީގެ ގޮތުގައި ހަތް ބާވަތެއް މަޖިލީހުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ދޭދޭ ގައުމުތަކުން ނަގާފައިވާ ލޯނު: 49 ލޯނަކުން ޖުމްލަ 13 ބިލިއަން ރުފިޔާ.
  2. ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި: 124 ލޯނަކުން 12.9 ބިލިއަން ރުފިޔާ.
  3. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީ: 114 ގެރެންޓީއަކުން 41 ބިލިއަން ރުފިޔާ.
  4. ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރި ބިލުތައް: 5.4 ބިލިއަން ރުފިޔާ.
  5. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވާ ޑްރާފްޓް: 78 މިލިއަން ރުފިޔާ.
  6. އެމްއެމްއޭ އިން ނަގާފައިވާ ލޯނާއި ނަގާފައިވާ ބޮންޑާއި އަދި ޓްރެޒަރީ ބިލު: 7.4 ބިލިއަން ރުފިޔާ.
  7. ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީބިލް އަދި ބޮންޑު: 91.9 ބިލިއަން ރުފިޔާ.

ނަޝީދު ވިދާލުވީ ކޮމެޓީ ރިޕޯޓު މިއަދު މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރައްވާނެ ކަމަށާއި އެ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މެންބަރުންނަށް އޮންނާނެ ކަމަށެވެ.

comment ކޮމެންޓް