އަނަސްގެ ހަށިގަނޑުގެ 24 ތަނަކަށް ވަޅި ހަރާފައި، ގެނައި އިރުވެސް އޮތީ މަރުވެފައި: ޑޮކްޓަރު

އަނަސްގެ ގައިގެ 24 ތަނަކަށް ވަޅި ހަރައި ލިޓަސް ސާވިސް ސެންޓަރު ތެރެއަށް މަރާ ވައްޓާލާފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ ގައިގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ހުރި ކަމަށާއި ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފެއި ކަމަށް އޭނާ ބެލި އޭޑީކޭގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.

މުހައްމަދު އަނަސްއަށް ހަމަލާދީފައި ވަނީ ސައިކަލު ތަކެއްގައި އައި ހަތަރު މީހަކު ކަމަށާއި ހަމަލާ ދިނުމަށްފަހު އެ މީހުން ފިލި ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ. އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

އަނަސްގެ މަރުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ބެލި އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރު، ޑރ. އިބްރާހިމް މުބީން ވިދާޅުވީ، އަނަސް މަރުވެފައިވަނީ އޭނާއަށް ދީފައިވާ ހަމަލަތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބި ހިތް ހުއްޓިގެން ކަމަށެވެ.

"އަޅުގަނޑު ބަލާލިއިރު ހަށިގަނޑުގެ އެތައް މިތަނުން ޒަހަމްތައް ފެންނަން ހުރި. އެނެމް ފުރާނައަށް ނުރައްކާވާ ގޮތަށް ހުރީ ކަރުގެ ކަނާއަތް ފަރާތަށް ދީފައި ހުރި ޒަހަމްތައް އަދި އޭގެ އިތުރަށް ފުއްޕާމޭގެ މޭމައްޗަށް ކުރިމައްޗަށާއި އަރިމައްޗަށް ދީފައި ހުރި ޒަހަމްތައް އެެއީ އެންމެ ނުރައްކާތެރި ޒަހަމްތަކަކަށް ފާހަގަކުރެވެނީ. އޭގެ އިތުރުން އަޅުގަނޑު ބަލާލިއިރު 24 ވަރަކަށް ޒަހަމް މުޅި ހަށިގަނޑުން ފެންނަން ހުރި،" ޑރ. މުބީން ވިދާޅުވި އެވެ.

އަނަސްއަށް ލިބިފައި ހުރި ޒަހަމްތަކަކީ ވަގުތުން މީހާ މަރުވާފަދަ ޒަހަމްތަކެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

"ގެނައި އިރުވެސް އޮތީ މަރުވެފައި. ...އެއްވެސް ވަރަކަށް ވިންދެއް ޕްރެޝަރެއް ނޭވާލުމެއް އެކަހަލަ އެއްވެސް ކަމެއް ގެނެވުނު އިރު ނެތް،" ޑޮކްޓަރު ވިދާޅުވި އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ހަމަ އެކަނި އޮތީ އަނަސް ބެލި ޑޮކްޓަރުގެ ހެކިބަސް ނެގުމެވެ. އަދި އަވަސް މުސްތަގްބަލެއްގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަން މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވަނީ ވިދާޅުވެފަ އެވެ.

އަނަސް މަރާލާފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރާ ކޮޅު އެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުވާކޮށްފައިވާ މުހައްމަދު ސާޒު އާއި ޖުނައިދު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަހުމަދު ޒަހާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ހުރިހާ މީހުން ވެސް ވަނީ މީގެ ކުރިން ދައުވާއަށް އިންކާރު ކޮށްފަ އެވެ.

comment ކޮމެންޓް