މަސްޖިދުލްހަރަމްގައި އާއްމުކޮށް ޖަމާއަތުގައި ނަމާދު ކުރުން ފަށައިފި

ސައުދީ އަރަބިއާއިން ވަނީ ހަތް މަހުގެ މެދުކެނޑުމަކަށް ފަހު މި މަހު އުމްރާ ކުރަން ފަށާފަ -- ފޮޓޯ: އޭޕީ

ރިޔާޒު (އޮކްޓޯބަރު 19): ސައުދީ އަރަބިއާގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ މުސްލިމުންނަށް ބައިވެރިވެވޭ ގޮތަށް މަސްޖިދުލްހަރާމްގައި އާއްމު ގޮތެއްގައި ޖަމާއަތުގައި ނަމާދު ކުރުން އިއްޔެ ފަށައިފި އެވެ.

ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެން މީގެ ހަތް މަސް ކުރިން މަސްޖިދުލްހަރަމް ބަންދު ކުރުމަށް ފަހު މި މަހުގެ ހަތަރެއްގައި އެގައުމުން ވަނީ އެގައުމުގައި ދިރިއުޅޭ މީހުންނަށް އުމްރާ ކުރަން ހުއްދަ ދޭން ފަށާފަ އެވެ. އެގޮތުން އުމްރާ ކުރަން ފެށުމުގެ ފުރަތަމަ ފިޔަވަހީގައި އުމްރާގައި ބައިވެރިވާން ހުއްދަ ދިނީ ދުވާލަކަށް 6،000 މީހުންނެވެ. އަދި އިއްޔެ ދެވަނަ ފިޔަވަހި ފެށުމުން ދުވާލަކަށް 15،000 މީހުންނަށް އުމްރާ ކުރެވޭނެ އެވެ.

މީގެ އިތުރުން ދެވަނަ ފިޔަވަހީގައި ކޮންމެ ދުވަހަކު 40،000 މީހުންނަށް މަސްޖިދުލްހަރާމްގައި ނަމާދު ކުރަން ހުއްދަ ދޭނެ އެވެ.

އެއަށް ފަހު އަންނަ މަހުގެ އެކަކުން ފެށިގެން ދުވާލަކު 20،000 މީހުންނަށް އުމްރާ ކުރެވޭނެ އެވެ. އަދި ބައެއް ބޭރު ގައުމުތަކުގެ މީހުންނަށްވެސް އުމްރާގައި ބައިވެރިވެވޭނެ އެވެ.

ކޮރޯނާވައިރަސް ފެތުރުމުގެ ނުރައްކާ އޮތުމުން ސައުދީން މިއަހަރުގެ ހައްޖުގައި ބައިވެރި ކުރީ އެގައުމުގައި ދިރިއުޅޭ 10،000 މީހުންނެވެ. އެއާ އަޅާ ބަލާއިރު މިދިޔަ އަހަރުގެ ހައްޖުގައި 2.5 މިލިއަން މީހުން ބައިވެރިވި އެވެ.

ސައުދީ އަރަބިއާގައި މިހާތަނަށް 342،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 5,185 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 328،000އަށް އަރާފަ އެވެ.

comment ކޮމެންޓް