ދައުލަތުގެ ޖުމްލަ ދަރަނި 172 ބިލިއަން ރުފިޔާގައި

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 172 ބިލިއަން ރުފިޔާގައި ކަމަށް ބުނެފި އެވެ.

ރައްޔިތުންގެ މުޅި މަޖިލީހުގެ ކޮމެޓީގައި މިއަދު ކުރިއަށްގެންދިޔަ ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމެޓީއިން އެކުލަވާލި ރިޕޯޓު ހުށަހަޅުއްވަމުން ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުލަތުގެ ގިނަ ދަރަންޏަކީ ގާނޫނާ އެއްގޮތަށް އުފެދިފައިވާ ދަރަނި ކަމަށެވެ.

ދަރަނީގެ ގޮތުގައި ހަތް ބާވަތެއް މަޖިލީހުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ދޭދޭ ގައުމުތަކުން ނަގާފައިވާ ލޯނު: 49 ލޯނަކުން ޖުމްލަ 13 ބިލިއަން ރުފިޔާ.
  2. ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި: 124 ލޯނަކުން 12.9 ބިލިއަން ރުފިޔާ.
  3. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީ: 114 ގެރެންޓީއަކުން 41 ބިލިއަން ރުފިޔާ.
  4. ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރި ބިލުތައް: 5.4 ބިލިއަން ރުފިޔާ.
  5. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވާ ޑްރާފްޓް: 78 މިލިއަން ރުފިޔާ.
  6. އެމްއެމްއޭ އިން ނަގާފައިވާ ލޯނާއި ނަގާފައިވާ ބޮންޑާއި އަދި ޓްރެޒަރީ ބިލު: 7.4 ބިލިއަން ރުފިޔާ.
  7. ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީބިލް އަދި ބޮންޑު: 91.9 ބިލިއަން ރުފިޔާ.

މީގެ ތެރެއިން 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އުފައްދާފައިވާ ދަރަނި ގާނޫނާ އެއްގޮތަށްތޯ ބެލުމަށް ކޮމެޓީ އިން ދިރާސާކޮށްފައިވާއިރު، ޖުމްލަގޮތެއްގައި ދަރަނި އުފައްދާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކޮމެޓީގެ މުގައްރިރު ފާހަގަކުރެއްވި އެވެ.

މި ދަރަނިތަކުގެ ތެރެއިން ގާނޫނާ ހިލާފަށް ދެ ދަރަންޏެއް ވާކަމަށް މަޖިލީހިގެ ކޮމެޓީއަށް ފާހަގަ ކުރެވިފައިވާކަމަށް މަޖިލީހުގެ ކޮމެޓީ އިން ފާހަގަކުރި އެވެ.

"އެއީ 14 ޖުލައި 2016 ގައި ހިންގާފައިވާ އަމަލަކާއި 31 މެއި 2017 ގައި ހިންގާފައިވާ އަމަލަކާއި 16 ޖުލައި 2017 ގައި ހިންގާފައިވާ އަމަލެއް،" ކޮމެޓީގެ މުގައްރިއު ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތަށް ބުރަވެގެންދަނީ ދަރަނި އަނބުރާ ނުދެއްކުމުން ކަމަށާއި މިއަދު ދިމާވެގެން އުޅޭކަމަކީ 2021 ވަނަ އަހަރު އަނބުރާ ދައްކަން އޮތް އަދަދު ބޮޑުވުން ކަމަށެވެ.

ދައުލަތުގެ ދަރަނި ބެލެހެއްޓިފައިވާ މިންވަރުވެސް ކޮމެޓީ އިންވަނީ ބަލައިފަ އެވެ.

ދައުލަތުން ނަގާފައިވާ ލޯނުތައް ނަގާފައިވަނީ ކޮންސެޝަނަލް ރޭޓުގައި ނަމަވެސް، ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މުހިއްމު މަޝްރޫއުތަކަށް ފައިނޭންސް ހޯދުމަށް 2017 ވަނަ އަހަރު ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު، "ސަނީ ސައިޑް ބޮންޑު" ގެ އިންޓްރެސްޓް ރޭޓަކީ ހަތް ޕަސެންޓް ކަމަށާއި، 2022 ވަނަ އަހަރު މި ބޮންޑަށް އަނބުރާ ފައިސާ ދައްކަން ޖެހޭއިރު، އެ ބޮންޑު ރީ ޕްރޮފައިލް ކުރަންޖެހޭ ކަމަށް ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ ޖުމްލަ ދަރަނި ސާވިސް ކުރުމަށް ދައުލަތުން ގެރެންޓީކޮށްފައިވާ ދަރަނީގެ ސާވިސް ކުރުންވެސް ހިމެނިގެން 2019 ވަނަ އަހަރު 10.2 ބިލިއަން ރުފިޔާ ހަރަދުކޮށް، 2020 ވަނަ އަހަރުގެ ނިޔަލަށް 9.1 ބިލިއަން ރުފިޔާ ހޭދަކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި މިވަގުތު ދައުލަތަށް އެންމެ ރިސްކު ބޮޑީ ދައުލަތުގެ ނަމުގައި ނަގާފައިވާ ގެރެންޓީތައް ކަމަށް ފާހަގަކޮށްފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމަށް ނުކުޅެދިފައިވާ ގޮތުން، 2019 ވަނަ އަހަރު ދަރަނި ސާވިސް ކުރުމުގެ ހަރަދުގެ 70 ޕަސެންޓް އަދި 2020 ވަނަ އަހަރުގެ ދަރަނި ސާވިސް ކުރުމަށް އަންދާޒާ ކުރެވިފައިވާ އަދަދުގެ 66 ޕަސެންޓަކީ ދައުލަތުން ގެރެންޓީކޮށްފައިވާ ދަރަނި ސާވިސް ކުރުމުގެ ހަަރަދު ކަމަށް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އާމްދަނީގެ ނިސްބަތުން ދަރަނި ސާވިސްކުރުމުގެ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުންދާ ކަމަށާއި މިއއަހަރު ދިމާވެފައިވާ މާލީ ދަތިތަކާއެކު، ބަޖެޓުގައި ލަފާކޮށްފައިވާ އާމްދަނީ49 ޕަސެންޓް ދަށްވާނެކަމަށް ލަފާކުރެވޭތީ، އާމްދަނީގެ ނިސްބަތުން ދަރަނި ވަރަށް ބޮޑަށް އިތުރުވާނެކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މިހާރު ދިމާވާ އެންމެބޮޑު އެއް ގޮންޖެހުމަކީ ބޭރު ފައިސާގެ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ކުރިމަތިވާ، ދަތިކަން ކަމަށާއި ކުރުމުއްދަތުގައި ދައްކަންޖެހޭ ދަރަނީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް ދައުލަތުގެ ހަރަދުތައް ކުޑަކޮށް ފިސްކަލް ޑެފިސިޓްވެސް ކުޑަކުރުމަށާއި ދެމެހެއްޓެނިވި މިންވަރެއްގައި ދަރަނި ބެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަން ވަނީ ފާހަގަކޮށްފަ އެވެ.

މިއަހަރުގެ ފަހު ކުއާޓަރުގައި ދައުލަތުގެ ދަރަނި އަދާކުރުމަށް ޖުމްލަ 10 ބިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވެ އެވެ.

comment ކޮމެންޓް