ރާއްޖޭގައި ގާނޫނުތައް ފާސްކުރަނީ އެހެން ގައުމުތަކުން ކޮޕީކޮށްގެން: ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ގާނޫނުތައް ފާސްކުރާ އެހެން ކޮންމެވސް ގައުމަކުން ހަދާފައި ހުންނަ ގާނޫނުތައް ކޮޕީކޮށްގެން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު އެހެން ވިދާޅުވީ މަޖިލީހުގައި މިއަދު ކުރިއަށް ދާ ޕޭމެންޓ ސިސްޓަމާއި ޕޭމެންތް ހިދުމަތްތަކުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ގާނޫނުތައް ހަދަން ޖެހޭނީ ރާއްޖޭގެ ސިސްޓަމަށް ފެތޭ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ކަން ހިނގާ ގޮތަކީ އެހެން ގައުމުތަކުން ހަދާފައި ހުންނަ ގާނޫނުތައް ކޮޕީ ކޮށްލާފައި ފާސްކޮށްލުން ކަމަށް ވިދާޅުވި އެވެ.

ގާނޫނެއް ފާސްކުރާއިރު ރާއްޖޭގައި އަމަލުކުރާ ގޮތާއި ގުޅުން ހުރި އެހެން ގާނޫނުތަކުގައި އޮންނަ އޮތް ބަލަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"ގިނަ ފަހަރު އަޅުގަނޑުމެން ގާނޫނެއް މި ހަދަނީ އަޅުގަނޑުމެންނަށް ސޫޓް ވާގޮތަކަށް ނޫން. އިޓަލީގެ ރޯމްގައި ހުންނަ މީހަކު ހަދާފައި ހުންނަ ކޯޓެއް އަޅުގަނޑަށް ސައިޒް ދިމާ ނުވަނީސް އެ ކޯޓު އަޅުގަނޑު ލީމަ ކަމަކު ނުދާނެ ނޫންތޯ. ގިނައިން މިތަނުގާ ގާނޫނުތައް މި އުފަން ކުރެވެނީ ކޮންމެސް ތަނަކުން ކޮޕީކޮށްފައި ނެގޭ ގާނޫނުތައް." ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ގާނޫނުތައް ހަދަނީ ވިޔަފާރިތައް ކުރިއަރުވާ ވިޔަފާރިވެރިނަށް ފަސޭހަކުރަން ނަމަވެސް ރާއްޖޭގައި އެކަން ހިނގަނީ އެ މަގުން ނޫން ކަމަށެވެ.

"ކުރިއަށް ދިއުމަށްޓަކައި ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން އެބަޖެހޭ. އެކޮޅުކޮޅުން މި ރާއްޖޭގައި ހުރިހާ ކަމެއް ހުރީ. ހުރިހާ ކަމެއް ވިޔަފާރިއާ މުޅިން އިދިކޮޅަށް. ވިޔަފާރި ކުރާތާ 30 އަހަރުވެއްޖެ. ހާދަހާ އުނދަގުލޭ މި ރާއްޖޭގައި ވިޔަފާރި ކުރަން." ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ރާއްޖެ ނޫން ތަނަކަށް އޭނާ ލައްވާލި ނަމަ މިހާރު ހުންނާނީ ޓްރިލިއަން ޑޮލަރުގެ އޮޕަރޭޝަނުގައި ކަމަށެވެ. ވިޔަފާރި ނުކުރެވެނީ ރާއްޖޭގެ ސަރުކާރުތަކުން ދަތިކުރާވަރުން ކަމަށް ޖާބިރު ވިދާޅުވި އެވެ.

ވިޔަފާރިވެރިނަނަށް ދަތި ނުވާ ގޮތަށް ގާނޫނުތައް ފާސްކުރަން ޖާބިރު ވަނީ ގޮވާލާފަ އެވެ.

comment ކޮމެންޓް