ގާސިމްއާ އެކު އެންއައިސީއަށް ހަތަރު ބޭފުޅަކަށް ރުހުން ދީފި

ގާސިމް އަބްދުލް ކަރީމް: އެންއައިސީއަށް އޭނާ އައްޔަން ކުރުމަށް މަޖިލީހުން ވަނީ ރުހުން ދީފައި ----- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް، އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވާލި، ގާސިމް އަބްދުލްކަރީމްއާ އެކު ހަތަރު ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އެންއައިސީއިން މަގާމުތައް ހުސްވީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާން މަގާމުން ވަކިކޮށް، ދެން ތިއްބެވި ތިން މެމްބަރުން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ތިން މެމްބަރުންވެސް މަގާމުން އިސްތިއުފާ ދެއްވީ، ސުލައިމާންއާއެކު އެ ހުރިހާ މެމްބަރުން ވެސް ވަކިކުރުމަށް މަޖިލިހުން ރައީސަށް ލަފާ އަރުވާފައިވަނިކޮށެެވެ.

ހުސްވެފައިވާ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ފޮނުވާފައިވާ ދެ ރިޕޯޓަށް މިއަދު ތަޅުމުގައި ވޯޓަށް އެހި އިރު، ގާސިމަށް ރުހުން ދިނުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްވީ، 51 ވޯޓުންނެވެ.

ބާކީ އޮތް އެންއައިސީގެ މެންބަރުގެ ތިން މަގާމަށް ކޮމިޓީން ތަރުތީބު ކުރި ގޮތަށް ތަޅުމުގައި މިއަދު ވޯޓަށް އެހި އިރު، އާމިނަތު ޝާދިޔާ، މ. ޕިސްތާގެ އާއި އާމިނަތު ޝިއުނާ، ގ. ދޫރެސްވިލާ އަށް ލިބުނީ 50 ވޯޓެވެ.

ތިން ވަނައަށް ކޮމިޓީން ނަން ތަރުތީބު ކުރި އަލީ މުހައްމަދު މަނިކް، ދަފްތަރު ނަންބަރު ރސ 1851 ރުހުން ދޭން ނުފެންނަ ކަމަށް މަޖިލީހުން ފާސްކުރި އެވެ. އޭނާއަށް ދެކޮޅަށް 14 މެމްބަރަކު ވޯޓު ދެއްވި އިރު، ދެ މެމްބަރުން އޭނާއާ ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. ގިނަ މެމްބަރުން ތަޅުމުގައި ތިއްބެވި ނަމަވެސް އެ ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ.

އެއާއެކު ދެން ވޯޓަށް އެހީ ހަތަރު ވަނަ އަށް ނަން ތަރުތީބުކޮށްފައިވާ، ޖޭއެސްސީގެ މެންބަރުކަން ކުރިން ކުރެއްވި ޝުއައިބް އަބްދުއްރަހުމާން، ދަފްތަރު ނަންބަރު ރސ. 1188 އަށެވެ. އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް 51 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެންއައިސީއަށް ރުހުން ދިނުމަށް މަޖިލީހުން ފާސް ކުރި، ގާސިމް ހިޔާނާތް ފަޅާއަރުވާލި އިރު ހުންނެވީ ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމެވެ.

ގާސިމް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި "ވިސްލް ބްލޯވިން" އުސޫލާ ހިލާފަށް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި އަށް މަހާއި 12 ދުވަހަށް ޖަލަށް ލައިފަ އެވެ.

ހުކުމް ތަންފީޒުކުރުމަށްފަހު، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

އެންމެ ފަހުން ގާސިމް ފުރުއްވީ، މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފް)ގެ ޗެއާމަންގެ މަގާމެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ، މިދިޔަ އަހަރު އޮކްޓޯބަރު މަސް ތެރޭގަ އެވެ.

އެންއައިސީ އަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނާނީ ރައީސަށެވެ. އެކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

comment ކޮމެންޓް