އެހެން ގައުމެއްގެ ބޮޑު އިންވެސްޓްމެންޓެއް ދެން ރާއްޖެއަށް ނާންނާނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

އެހެން ގައުމެއްގެ ބޮޑު އިންވެސްޓްމެންޓެއް ދެން ރާއްޖެ އަންނާނެ ކަމަށް ދިވެހިން އުންމީދު ކުރާނެ ކަމެއް ނެތް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމެންޓް ހިދުމަތްތަކުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ދިވެހި ގައުމުގެ މާލީ މުޝީރުކަން މިއަދު ކުރަނީ އަވައްޓެރި ބޮޑު ގައުމަކުން ކަމަށެވެ. މި ސަރުކާރުން ރާއްޖޭގެ މާލީ އިންޓެލިޖެންސް ދީފައިވަނީ އިންޑިއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން އެހެން ގައުމަކުން ރާއްޖެއަށް އިންވެސްޓެމެންޓެއް ނުގެނެވޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިތަނަކަށް އިތުރު އެހެން ގައުމެއްގެ އިންވެސްޓްމެންޓެއް. ރަނގަޅު ހެޔޮވަރު އިންވެސްޓްމެންޓެއް އަންނާނެ ކަމަކަށް ދެން އަޅުގަނޑުމެން އުންމީދު ކަނޑާލައިގެން މިތިބީ. އެއީ ދިވެހިރާއްޖޭގެ މާލީ މުޝީރުކަން އެހެން ގައުމަކާ ހަވާލު ކުރީމަ." ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ އިންޓެލިޖެންސް އިންޑިއާޔާ ހަވާލުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހިންގެ ކުރިމަގު މަރާލަން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކައާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ ޝިޔާމް ދައްކަވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. ރާއްޖޭގެ މާލީ ކަންކަން ބޭރު ގައުމެއްގެ އަތްމައްޗަށް ދޫކޮށްލާފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އެކަމެއް އޮތް ގޮތަށް އޮތް މިންވަރަކަށް އެކަމެއްގެ ވާހަކަ ދެއްކުން ރަނގަޅުވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން މާލީ ކަންކަން ކުރިއަށް ގެންދަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށެވެ. މިހާރުވެސް ބަޖެޓުން ބޭރުން ހަރަދުތައް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް އައިއިރުވެސް މުރާޖާކޮށްފައި އަދިވެސް ބަޖެޓެއް ނުފޮނުވާ." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އެހެން ވިދާޅުވިއިރު މީގެ ދެހަފްތާ ކުރިން ބަޖެޓް ދިރާކުރަން ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވީ ނަމަވެސް އަދިވެސް މަޖިލީހަށް އެ ބަޖެޓް ފޮނުވާފައެއް ނުވެ އެވެ.

comment ކޮމެންޓް