ރޭ މާލޭގައި ޒަހަމްވި މީހާ ބުނަނީ އެއީ އަންހެނުން އަތުން އޮޅިގެން ލިބުނު ޒަހަމެއް ކަމަށް

އޮގަސްޓު 23، 2020: މާލޭގެ މަގެއް - ސަން ފޮޓޯ -- ފަޔާޒު މޫސާ

ރޭ މާލޭގައި ތޫނު އެއްޗަކުން މީހަކު ޒަހަމްވީ ސައިކަލުން ދަނިކޮށް، ފަހަތުގައި އިން އޭނާގެ އަންހެނުންގެ އަތްދަބަހުގައި އޮތް ކަޓަރަކުން އެޅިގެން ކަމަށް އެ މީހާ ފުލުހުން ގާތުގައި ބުނެފި އެވެ.

އެ ހާދިސާގައި ޒަހަމްވީ ކުރީގެ ޖީއެމްއައިޒެޑުގެ އެމްޑީ އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އެވެ.

ތޫނު އެއްޗައްކުން ލިބިފައިވާ ޒަހަމަކާއެކު އޭޑީކޭ ހޮސްޕިޓަލަށް މީހަކު ފަރުވާ ހޯދަން ގޮސްފައިވާ ކަމުގެ ރިޕޯޓު ރޭ 10:51 އެހާކަންހާއިރު ލިބިފައިވާ ކަމަށް ރޭޭ ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ރޭ ފުލުހުން ބުންޏެވެ.

އިބޫއާ ހަވާލީ މިއަދު ހެނދުނު ފުލުހުން ބުނީ، އެ ހާދިސާ ހިނގާފައި ވަނީ އަނިޔާވި މީހާ އޭނާގެ އަންހެނުންނާއެކު ސައިކަލުގައި ދަނިކޮށް، އަންހެނުންގެ އަތްދަބަހުގައި އޮތް ކަޓަރައްގެ ތިލަ އެޅިގެން ކަމަށް އެ މީހާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް އޭނާ މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.

"އަނިޔާ ލިބުނު މީހާ މައުލޫމާތު ދީފައިވާ ގޮތުން އެ ޒަހަމް ފާހަގަވެފައި ވަނީ އަންހެނުންނާއެކު ސައިކަލުގައި ދުއްވަނިކޮށް. އަދި އަންހެނުން އަތްދަބަހުގައި ކަޓަރެއް އޮންނާނެ ކަމަށާއި އެ ކަޓަރުން އެކްސިޑެންޓަލީ ލިބިފައިވާ ޒަހަމެއް ކަމަށް ބެލެވޭ ކަމަށްވެސް މައުލޫމާތު ދީފައިވޭ،" ފުލުހުން މިއަދު ހެނދުނު ބުންޏެވެ.

ނަމަވެސް "ސަން"އަށް އެނގިފައިވާ ގޮތުގައި ކަޓަރުއެޅިފައި ވަނީ އިބޫގެ މޭ މަތީގަ އެވެ.

ފުލުހުން އިތުރަށް ބުނީ، އެ މީހާ ދެއްކި ވާހަކަ ދިމާވޭތޯ ފުލުހުން ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް