އަރުމީނިއާ-އަޒަރުބައިޖާން ގެ ހަނގުރާމަ ހޫނުވެ އާންމު ތަންތަނަށް ހަމަލާދީ މީހުން މަރަނީ

އަޒަރުބައިޖާން އާއި އަރުމީނިއާގެ ހަނގުރާމަ

ނަގޯނޯ ކަރަބާޚް (އޮކްޓޯބަރު 19) -- ނަގޯނޯ ކަރަބާޚް ގެ މައްސަލާގައި އަރުމީނިއާ އާއި އަޒަރުބައިޖާންއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހޫނުވެ އެއްގައުމު އަނެއް ގައުމުގެ މަދަނީ ތަންތަނަށް ހަމަލާދީ އާންމުން މަރަން ފަށައިފި އެވެ.

އަޒަރުބައިޖާން ބުނާގޮތުން އަރުމީނިޔާއިން އިއްޔެ ވަނީ އެގައުމުގެ ޣަންޖާ ނަމަކަށްކިޔާ ރަށަކަށާ އެނޫންވެސް ހަތަރު ވިލެޖެއްގެ މިހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދީ އާންމުންގެ 13 މީހުން މަރާލައި 45 މީހުން ޒަހަމްކޮށްލާފަ އެވެ. މި ހަމަލާތަކުގައި 20 ގެ އެއްކޮށް ބިމާ ހަމަވެފައިވާކަމަށް ވެސް އަޒަރުބައިޖާން އިން ބުނެފައި ވެއެވެ.

އަނެއްކޮޅުން އަރުމީނިޔާ އިންވެސްވަނީ އަޒަރުބައިޖާންގެ ސިފައިން ނަގޯނޯ ކަރަބާޚް ގެ މަދަނީ ތަންތަނަށާއި އަދި އަރުމީނިޔާގެ އެތެރޭގައިވާ އާންމުގެ ގެތަކަށާއި ޔުޓިލިޓީސް ތަކަށް ހަމަލާދީ އާންމުންގެ 10 މީހުން މަރާލައި 30 އަށް ވުރެ ގިނަ މީހުން ޒަހަމް ކޮށްލި ކަމަށް ބުނެފަ އެވެ. މި ހަމަލާތަށް ދީފައި މިވަނީ އިންސާނީ ބޭނުންތަކަކަށްޓަކައި ވަގުތީގޮތުން ހަމަލާތަށް ހުއްޓާލުމަށް އިއްޔެރޭ އަރުމީނިއާ އާއި އަޒަރުބައިޖާން އިން އެއްބަސްވެފައި ވަނިކޮށެވެ. މިގޮތަށް އެއްބަސްވީ ރަޝިއާ އިން މެދުވެރިއެއްގެ ބައި އަދާކޮށްގެންނެވެ.

އަޒަރުބައިޖާން ގެ ރައީސް ހައިދަރު އަލިޔޭވް ވިދާޅުވި ގޮތުގައި އިންސާނީ ބޭނުންތަކަކަށްޓަކައި ވަގުތީގޮތުން ހަމަލާތަށް ހުއްޓާލުމަށް އޭނާގެ ގައުމުން އެއްބަސްވި ނަމަވެސް ހަނގުރާމަ އެއްކޮށް ހުއްޓާލާނީ އަރުމީނިއާ އަށް ތާއިދުކުރާ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ނަގޯނޯ ކަރަބާހު ސަރަހައްދާއި އެސަރަހައްދުގެ ކައިރީގައިވާ އަޒަރުބައިޖާންގެ އެެހެން ސަރަހައްދުތަށް ވެސް މިނިވަންކޮށް ސަރުކާރުގެ ބާރުގެ ދަށަށް އެތަންތަން ގެނައުމަށްފަހުގަ އެވެ.

ނަގޯނޯ ކަރަބާހު ސަރަހައްދުގެ ވަޒަންވެރިން ކަމަށްވާ އަރުމީނިއާ ދަރިކޮޅުގެ މީހުން ހިފައި އެތަނުގައި ގައިރު ގާނޫނީ ގޮތުން އަމިއްލަ ވެރިކަމެއް ގާއިމް ކޮށްގެންއުޅޭއިރު އެކަމަށް އެހީތެރިވަނީ އަރުމީނިއާއިންނެވެ. އަދި އެސަރަހައްދުގެ ކައިރީގައިވާ އަޒަރުބައިޖާންގެ ބައެއް ސަރަހައްދުތަށް ހިފާފައިވަނީ އަރުމީނިއާ ސިފައިންނެވެ.

ނަގޯނޯ ކަރަބާޚް ގެ މައްސަލާގައި އަޒަރުބައިޖާން އާއި އަރުމީނިއާ ކުރަމުންގެންދާ ހަނގުރާމައިގާ މިހާރު ބޮޑަށް ކާމިޔާބު ހޯދަމުން ގެންދަނީ އަޒަރުބައިޖާން އިންނެވެ. އަޒަރުބައިޖާންގެ ސިފައިން ވަނީ ތުރުކީގެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ނަގޯނޯ ކަރަބާޚް ގެ ގިނަ އަވަށްތަކެއް މިނިވަންކޮށް އެތަންތަން އަލުން އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ.

މީގެއިތުރުން އަރުމީނިޔާ ސިފައިންގެ އަތްދަށުގައި ކުރިންއޮތް އަޒަރުބައިޖާންގެ ސަރަހައްދުތަކުގެ ބޮޑު ބައެއްވެސް އަޒަރުބައިޖާންގެ ސިފައިން މިހާރުވަނީ މިނިވަންކޮށްފަ އެވެ.

މި ހަނގުރާމައިގާ އަރުބައިޖާންއަށް މައިގަނޑު ގޮތެއްގައި އެހީތެރިވަނީ ތުރުކީންނެވެ. އަޒަރުބައިޖާންއަކީ އިސްލާމީ ގައުމަކަށް ވީ ނަމަވެސް އެއީ ވަރަށް ކުރީއްސުރެ އިސްރާއީލާ ގުޅުންތަށް ބާއްވާ ގައުމެކެވެ. އެހެންކަމުން އިސްރާއީލުންވެސް އަޒަރުބައިޖާން އަށް ހަތިޔާރު ފޯރުކޮށްދީފައިވެ އެވެ.

އަރުމީނިއާއަކީ ނަސާރާ ގައުމެއް ނަމަވެސް އެއީ އިސްރާއީލާ ގުޅުންތަށް ބާއްވާ ގައުމެއްނޫނެވެ. އަރުމީނިއާ އަށް މައިގަނޑު ގޮތެއްގައި އެހީތެރިވަނީ ރަޝިއާއިންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު