ޑިޕްލޮމޭޓަކާ އެކު ޓީވީއަށް އަރައި އިސްތިއުފާ ދޭން ހުށަހެޅި، އިސްތިއުފާ ދިން ނަމަ މިނިވަންކަން ނޯންނާނެ: ޑރ. ވަހީދު

އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ޑރ. ވަހީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައީސް ކަމުގައި ހުންނަވަނިކޮށް ބޭރު ގައުމެއްގެ ވަޒީރު ފެންވަރުގެ ބޭފުޅަކާ އެކު ޓީވީއަށް އަރައި މަގާމުން އިސްތުއުފާ ދިނުމަށް ހުށަހެޅި ކަމަށާއި އޭނާގެ ބަސް އަހައިގެން އެ ދުވަހު އިސްތިއުފާ ދިން ނަމަ ރާއްޖޭގެ މިނިވަންކަން ގެއްލޭނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލުޝަނުން ގައުމީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ރާއްޖޭގެ ވެރިކަން ކުރުމަށް އޭނާއަށް ލިބިވަޑައިގަތް ކަމަށާއި އެ ދުވަސްވަރަކީ ބޭރުންނާއި އެތެރެއިން އެކި ކަހަލަ ފިއްތުން ކުރިމަތިވެވަޑައިގަތް ދަތި ދުވަސްވަރެއް ކަމަށެވެ.

"ބޭރު ގައުމެއްގެ ވަޒީރުން ފެންވަރުގެ ބޭފުޅަކު ވަޑައިގަތް އަޅުގަނޑު ކައިރީގައި ވިދާޅުވަނީ އެއް ދުވަހަކު. މިއަދު އެކެއް ޖަހާއިރު ހިނގާށޭ ޓީވީއަށް އަރަން ރައީސް އިސްތިއުފާ އިއުލާނު ކުރަން. ތިމަންނައާ އެކީގައޭ އަރާނީ. މިއީ ދުވަހަކު ވެސް އެއްވެސް ގައުމެއްގައި ހިނގާފައި އޮތް ކަމެއް ނޫން. މި ވަރުގެ ދަށު ދަރަޖައިގެ އަމަލެއް އެއްވެސް ގައުމަކުން އަނެއް ގައުމާ ދޭތެރޭގައި ނުކުރޭ. އެ ދުވަހު އޭނާއާ އެކު އަޅުގަނޑު ޓީވީއަށް އެރި ނަމަ އެ ދުވަހު ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުނީސް،" ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަން ލިބިވަޑައިގަތް ޑރ. ވަހީދު ވިދާޅުވި އެވެ.

އެ ނުފޫޒުތައް ހައްދުން ނައްޓައި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ވެސް ނުފޫޒު ފޯރުވަން ބޭރުގެ ފަރާތްތަކަކުން މަސައްކަތް ކުރެއްވިކަމަށް ރައިސް ވަހީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެ ހާލަތުގައި ގައުމު އޮއްވައި ދެން ރައީސް ކަމަށް ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަން ފާހަގަކޮށް ޑރ. ވަހީދު ވިދާޅުވީ، އެ ހާލަތުން ގައުމު ސަލާމަތްކޮށް ބޭރުގެ ނުފޫޒުތައް ހުއްޓުވާލެއްވީ އެމަނިކުފާނު ކަމަށެވެ.

"ބޭރުގެ ބައެއް ގައުމުތަކުން ރައީސް ޔާމީނަށް ނަފުރަތު ކުރޭ. އެކަން އެހެން ވާން ޖެހެނީ އެ މީހުންގެ ބާރު އެ މީހުން ބޭނުން ގޮތަކަށް ނުހިންގުނީ މަ. މިއީ ހަގީގަތަކީ،" ޑރ. ވަހީދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވެސް ޑރ. ވަހީދު ވިދާޅުވެފައިވަނީ ރައީސް ޔާމީން ހުންނެވީ ނުހައްގުން ޖަލުގައި ކަމަށާއި އެމަނުކުފާނުގެ ހައްގު ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް