ރައީސް ދެއްވި ޔަގީންކަން: ހާރިޖީ ގުޅުންތަކުން މިނިވަންކަމާއި ސިޔާދަތަށް ބުރުލެއް ނާރާނެ

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ އާއި ބޭރުގެ ގައުމުތަކާ ދެމެދު ބާއްވާ ހާރިޖި ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ބުރުލެއް ނާރާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެއިން ހުރިހާ ގައުމުތަކަކާއެކު ވެސް ގުޅުންތައް ހަރުދަނާ ކުރަމުން ދަނީ ދެ ކަމެއް ކަށަވަރުކުރަމުން ކަމަށެވެ. އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، ރައްޔިތުންނަށް އެ ގުޅުންތަކުން ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރަމުން ކަމަށެވެ.

"އަޅުގަނޑު މިއަދުވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ޔަގީންކަމާއެކު ދަންނަވަން ބޭނުންވަނީ، ހުރިހާ ގައުމުތަކަކާއެކުވެސް، ހާރިޖީ ގުޅުންތައް އަޅުގަނޑުމެން ހަރުދަނާކުރަމުން މިއަންނަނީ، ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުންކަން. ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން. ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސަރުކާރު ފެށުނުއިރު ރާއްޖޭގެ ހާރިޖީ ކަންކަން އޮތް ގޮތާ ބެހޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ، އޭރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށެވެ. އެކަމުގެ ސަބަބުން، ރާއްޖެއަށާއި ދިވެހިންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި. އެކަމުގެ ސަބަބުން، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، މިހާރު ހާރިޖީ ގުޅުންތައް ރަނގަޅުވެ އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކުގެ އެއް ސަބަބަކީ އެއީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، އަޅުގަނޑުމެންގެ ހާރިޖީ ގުޅުންތައް އިއާދަކުރެވި ބަދަހިވެފައިވާކަމީ، މާތް ﷲގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް. ކޯވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުންވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުން،" ރައީސް ވިދާޅުވި އެވެ.

ހާރިޖީ ގުޅުންތަކުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވި އިރު، އިންޑިއާ-ރާއްޖޭގެ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބިރު ހީވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ރައީސް މިއަދު ވިދާޅުވި ގޮތުގައި، 21 ވަނަ ގަރުނުގެ ވިސްނުމަކީ އަދި މިޒަމާނުގެ ސިޔާސީ، އިގްތިސާދީ ވިސްނުމަކީ، މިނިވަން މުސްތަގިއްލު ގައުމުތަކެއްގެ، ގުޅިލާމެހިފައިވާ ބަދަހި އެއް މުޖުތަމައު ކަމަށެވެ.

"އަޅުގަނޑުމެންގެ މި ރާއްޖެއަކީވެސް، މި ދެންނެވި މުޖުތަމަޢުގައި ހިމެނޭ އެއް ޢާއިލާ، ނުވަތަ ބައިނަލްއަގުވާމީ މުޖުތަމައުގެ އެއް ގޭބިސީ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި، ބައިނަލްއަގުވާމީ މުޖުތަމައަށް ނޭވާލުމުގެ މަތިވެރި ނިއުމަތް ލިބިފައިވުން،"

ގައުމީ ދުވަހާ ގުޅިގެން ހަނދާނުގައި ބަހައްޓަން ޖެހޭ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަަނިކުފާނު ވިދާޅުވީ، ދިވެހި ގައުމިއްޔަތުގެ ހައިބަވަންތަކަން އިތުރުކޮށްދޭ މަތިވެރި ނިއުމަތްތަކެއް މާތްﷲ ދިވެހީންނަށް ދެއްވާފައިވާ ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ މަތިވެރި ނިއުމަތަކީ، އިސްލާމްދީނުގެ އުޖާލާ ނޫރު ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ހިއްސާކުރާ ބަޔަކަށްވުމަކީ، ދިވެހީންގެ ގައުމީ ފަހުރާއި ޝަރަފު އިތުރުވެގެންދާ ކަމެއް ކަމަށް ވިދާޅުވި އެވެ. އެ ގައުމީ ތަނބުތައް ނެގެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެއް ކަމަށްވެސް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންނާ ހަވާލުވެފައިވާ ގައުމީ އަމާނާތެއްކަން ގަބޫލުކޮށް، ގައުމިއްޔަތުގެ މި ތަނބުތައް، ނަގަހައްޓައި ދެމެހެއްޓުމަކީ، މި ލޮބުވެތި ވަތަނަށް މަންމަގެ ނަމުން މުހާތަބުކުރާ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއް،" ރައީސް ވިދާޅުވި އެވެ.

ގައުމީ ދުވަހަކީ އިސްތިއުމާރީ ބާރެއްގެ ދިގު އަޅުވެތިކަމަކުން ރާއްޖެއަށް މިނިވަންކަން ލިބުމުގެ އުފާ ފާޅުކުރާ އުފާވެރި މުނާސަބަތުކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މިއަދު ލިބޭ އެންމެ މަތިވެރި އުފަލަކީ، އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ގައުމަށްޓަކައި، ދިވެހީންގެ ދިފާއުގައި، ފުރާނަޔާއި ލެއިން ގުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް ރާއްޖޭގައި ސާބިތުވެ އޮތުން ކަމަށެވެ.

"މިއީ ހަމަ ކޮންމެ ދިވެއްސަކުމެ ފަހުރުވެރިވާނެ ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް