އިންޑިއާގެ ފޮރިން ސެކްރެޓަރީ ނޮވެމްބަރު މަހު ރާއްޖެ ވަޑައިގަންނަވަނީ

ނޮވެމްބަރު މަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ނޫސްތައް ބުނެފައިވާ ގޮތުން ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަންނަވާނީ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ. ނަމަވެސް އެ ދަތުރާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބޭރު ގައުމުތަކުގެ އިސްވެރިން ރާއްޖެއަށް ކުރައްވާ ދަތުރުތަކާ ބެހޭ މައުލޫމާތު، އެ ދަތުރުގެ ހުރިހާ ކަމެއް ހަމަޖެހުމުން ހާމަކުރާނެ ކަމަށެވެ.

އަދި މިއަދުގެ ސަރުކާރުން، އެކުވެރި ހުރިހާ ގައުމުތަކުގެ އިސް ފަރާތްތަކަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނޫސްތަކުން ބުނާއިރު، އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ.

އަދި މި ދަނޑިވަޅަކީ އިންޑިއާގެ އެހީގައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ވެސް ފަށާފައިވާ ދަނޑިވަޅެކެވެ.

އެގޮތުން މާލެ، ވިލިމާލެ ތިލަފުށި ގުޅުވާލާ ބުރިޖުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެގްރިމަންޓްގައި މި މަހު ވަނީ ސޮއިކޮށްފައެވެ.

comment ކޮމެންޓް