20 އަހަރުވެފައިވާ ވެހިކަލްތައް ނައްތާލަނީ

މީގެ ކުރިން މާލޭގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކެއް: ވިހި ނުވަތަ ތިރީސް އަހަރުވެފައިވާ ވެހިކަލްތައް ނައްތާލުމަށް ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ

ވިހި ނުވަތަ ތިރީސް އަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ވެހިކަލްތައް އަންނަ އަހަރު ނައްތާލުމުގެ ޕްރޮޖެކްޓެއް ފެށުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ ދެ އިސްލާހަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު މަޖިލީހުގެ ގައިމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ، މާލޭގެ ކާރޫބާރޫކަން ކުޑަ ކުރުމަށް ދުވަސްވީ ވެހިކަލްތައް ނައްތާލުމުގެ ޕްރޮޖެކްޓެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

"30 ނުވަތަ 20 އަހަރަށް ވުރެން ގިނަ އަހަރުވެފައިވާ ވެހިކަލްތައް ނައްތާލުމުގެ ޕްރޮޖެކްޓެއް އަޅުގަނޑުމެން އަންނަ އަހަރު ތެރޭގައި އެބަ ފަށަން ފުލުހުންނާ ގުޅިގެން. އޭގެ ތެރޭގައި އަޅުގަނޑުމެން 100 ވަރަކަށް ޓެކްސީ މިހާރު ވެސް އެބަހުރި އޭގެ ތެރޭގައި އުމުރު ހަމަވެފައި،" ޝިމާޒް ވިދާޅުވި އެވެ.

ނައްތާލާ އުމުރުގައި ގިނަ އަދަދެއްގެ ޓެކްސީ ހުރިކަން ފާހަގަކޮށް ޝިމާޒް ވިދާޅުވީ، އެ ވެހިކަލްތައް ގުޅިފައިވަނީ އެތައް ސަތޭކަ އާއިލާއަކަށް ލިބެމުންދާ އާމްދަނީއާ ކަމަށެވެ. އަދި ވިދާޅުވީ، އެކަމުން އަރައިގަތުމަށް ޕްލޭންތަކެއް ހުރިކަމަށެވެ.

"އަޅުގަނޑުމެން މި ދައްކަނީ ޓެކްސީތަކެއް ނައްތާލާ ވަހަކަ. ދެން އެކަމަށްޓަކައި އިކޮނަމިކް މިނިސްޓްރީއާ މަޝްވަރާ ކުރެވިގެން ލޯނު ސްކީމެއްގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ޓެކްސީ ދިނުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އެ މަސައްކަތް ވެސް އަންނަ އަހަރު ތެރޭގައި ކުރިއަށް ދާނެ،" ޝިމާޒް ވިދާޅުވި އެވެ.

މާލޭގެ އެކި ސަރަހައްދުތަކައި ނުދުއްވާ ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ވެސް ހުރެ އެވެ. ނަމަވެސް މިހާރު ގަވާއިދު އޮތް ގޮތުން އެތަކެތި ނެގޭކަށް ވެސް ނޯވެއެވެ. އަދި އަންނަ އަހަރަށް އެކަމަށް ވެސް ހައްލެއް ހޯދާނެ ކަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް