ސްޓޭޓު މިނިސްޓަރު ޝާހުގެ ސަސްޕެންޝަން އުވާލައިފި

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީން ކުރި ކޮވިޑް19 ގެ ހަރަދުތައް ކުރި ގޮތާ ގުޅިގެން ސަސްޕެންޑުކުރި ބައެއް އިސްވެރިންގެ ތެރޭގައި ހިމެނޭ ސްޓޭޓު މިނިސްޓަރު ޑރ. ޝާހު މާހިރުގެ ސަސްޕެންޝަން އުވާލައިފި އެވެ.

ވެންޓިލޭޓަރުތަކެއް ގަތުމަށްޓަކައި ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން އަމަލުކޮށްފައިވާ ގޮތް ހެލްތުގެ ކޮވިޑް19 ހަރަދުތަކުގެ އޮޑިޓުން ހާމަވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މިނިސްޓްރީގެ ބިޑު ކޮމިޓީގައި ހިމެނޭ ހުރިހާ މެމްބަރުން ސަސްޕެންޑުކުރައްވާފަ އެވެ. ސްޓޭޓު މިނިސްޓަރު ޑރ. ޝާހު މާހިރަކީވެސް ބިޑު ކޮމިޓީގެ މެމްބަރެކެވެ.

އެހެން ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ބުނި ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެ ކޮމިޝަނުން ކުރި ތަހުގީގަށްފަހު ޑރ. ޝާހުއަށް ދައުވާ ނުކުރުމަށް ވަނީ ނިންމާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން"އަށް މިއަދު ވިދާޅުވީ އޭސީސީގެ ނިންމުމާ ގުޅިގެން، ސަސްޕެންޝަނުގެ ލިޔުން ބާތިލުކުރިކަން މިއަދު އަންގާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އޭނާގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށާއި، އަންނަ ހަފްތާގައި ވަޒީފާއަށް ނުކުންނަވަން އަންގަވާފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ.

ޝާހަށް ތުހުމަތުކުރީ ބިޑު ކޮމިޓީގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދިވެހި ދެ ކުންފުނި ކަމުގައިވާ މެޑްޓެކް އަދި ނާޑުއަށް އެތަކެތި ގެނައުމަށް ދިން މުއްދަތު އިތުރުކޮށްދީ، މަންފާ ހޯދިކަމުގެ ތުހުމަތެވެ.

ނަމަވެސް އެއްބަސްވުމުގައި ސޮއިކުރި އިރު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ނުވި ނަމަވެސް މުއްދަތު އިތުރުކުރަން ނިންމީ ބޯޑަރު ބަންދުކުރުމުން ކަމަށް ވާތީ، މުއްދަތު އިތުރުކުރުމަށް ބިޑު ކޮމިޓީން ނިންމުމުގައި ރިއާޔަތްކުރި ސަބަބުތަކަކީ އެކަށީގެންވާ ސަބަބުތަކެއް ކަމަށް ފެންނަކަމަށް އޭސީސީން ވަނީ ނިންމާފަ އެވެ. އަދި ހެލްތުން އެ ދުވަސްވަރު ކުރިއަށް ގެންދިޔަ އެހެނިހެން ޕްރޮކިއުމަންޓް މަސައްކަތްތަކުގެވެސް މުއްދަތު އިތުރުކޮށްދީފައިވާކަން ފާހަގަކޮށް، އޭސީސީން ނިންމީ އެކަމުގައި ކޮރަޕްޝަނުގެ ކުށެއް ނުހިމެނޭ ކަމަށެވެ.

https://sun.mv/144244

ޝާހުގެ އިތުރުން އެ މައްސަލައިގައި ތުހުމަތު ރައްދުވީ ކޮމިޓީގެ ޗެއާ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތުގެ ޑިރެކްޓަރު ނައުޝާދު އަލީ އަދި ލީގަލް އޮފިސަރު މުހައްމަދު އަބްދުލްމުގުނީ އެވެ. އެ މައްސަލައިގައި އެ މީހުންނަށް ދައުވާ ނުކުރަން ވަނީ ނިންމާފަ އެވެ.

އެހެން ނަމަވެސް އޮޑިޓުގައި ފާހަގަވި އެހެން މައްސަލަތަކުގެ ތަހުގީގަށް ފަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ އާއި ޑިރެކްޓަރު ނައުޝާދު އަލީ ހިމެނޭ ގޮތުން 11 މީހަކަށް ދައުވާކުރުމަށް ވަނީ ފޮނުވާފަ އެވެ.

comment ކޮމެންޓް