އަންވަރު އިބްރާހިމްއަށް ތާއިދުކުރާ ފަރާތްތަކާއެކު ރަސްގެފާނު ބާއްވަވަން އޮތް ބައްދަލުވުން ފަސްކޮށްފި

މެލޭޝިއާގެ ރަސްގެފާނު ދިރިއުޅުއްވާ ގެކޮޅު

މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމްއަށް ތާއިދުކުރައްވާ ފަރާތްތަކާއެކު އެގައުމުގެ ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހާއެކު ބާއްވަން އޮތް ބައްދަލުވުން ފަސްކުރައްވައިފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުކަމުގައި މިހާރު ހުންނެވީ މުހުއްޔިއްދީން ޔާސީންއެެވެ. ނަމަވެސް އަންވަރު މިދިޔަ އަންގާރަ ދުވަހު ވަނީ ރަސްގެފާނާ ބައްދަލުކުރައްވައި އެމަނިކުފާނު ބޮޑުވަޒީރުކަމަށް އައުމަށް ޕާލިމަންޓް މެޖޯރިޓީ ސަޕޯޓް އޮތްކަމަށް ވިދާޅުވެފަ އެވެ.

އަންވަރު ނިސްބަތްވާ ޕާޓީއާއެކު ކޯލިޝަންގައި ހިމެނޭ ޑިމޮކްރެޓިކް އެކްޝަން ޕާޓީ އާއި އަމާނާއިން ބުނީ އެ ޕާޓީގެ އިސްވެރިންނާ މީގެ ކުރިން ރަސްގެފާނު ބައްދަލުކުރައްވައިފައިވާ ކަމަށެވެ.

މިފަހުން ރަސްގެފާނާ އެކު ބާއްވަން އޮތް ބައްދަލުވުންތައް ފަސްކުރީ ކީއްވެގެންކަމެއް ހާމައެއް ނުކުރެއެވެ.

އަންވަރު މިދިޔަ ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އޭނާއަށް ޕާލިމަންޓްގައި ހިމެނޭ 222 މެމްބަރުންގެ ތެރެއިން 120 އަށްވުރެ ގިނަ މެމްބަރުގެ ތާއިދު އެބައޮތް ކަމަށެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް ރަސްގެފާނަށް ހުށަހަޅުއްވާފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އަންވަރަށް ތާއިދުކުރައްވާ އެމްޕީންގެ ނަންތައް ރަސްގެފާނުގެ ގަނޑުވަރުން ހާމައެއް ނުކުރެ އެވެ.

މެލޭޝިއާގެ ގާނޫނު އޮންނަގޮތުން ބޮޑުވަޒީރަަކަށް އައްޔަނުކުރައްވަނީ ޕާލަމަންޓްގެ މެޖޯރިޓީ އޮތް ކަމަށް ރަސްގެފާނަަށް ފެނިވަޑައިގަންނަވާ ފަރާތެވެ.

މިއަހަރު ކުރީކޮޅު އެގައުމުގައި ކުރިން ވެރިން ބޮޑުވަޒީރުކަން ކުރެއްވި މަހާތީރު މުހައްމަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން ގިނަ އެމްޕީންނާ މަޝްވަރާކުރެއްވުމަށް ފަހު ބޮޑުވަޒީރުކަމަށް ރަސްގެފާނު އިސްކުރެއްވީ މިހާރުގެ ބޮޑުވަޒީރު މުހުއްޔިއްދީން ޔާސީންއެވެ.--އަލްޖަޒީރާ

ގުޅޭ ޓެގު
comment ކޮމެންޓް