ކޮމަންވެލްތާ އަލުން ގުޅުމަށްފަހު ހާރިޖީ ވަޒީރުންގެ ފުރަތަމަ ޖަލްސާގައި ރާއްޖެއިން ބައިވެރިވެއްޖެ

ކޮމަންވެލްތާ އަލުން ގުޅުމަށްފަހު ހާރިޖީ ވަޒީރުންގެ ފުރަތަމަ ޖަލްސާގައި ޝާހިދު ---

ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހު ބޭއްވި އެޖަމިއްޔާގެ ހާރިޖީ ވަޒީރުންގެ ފުރަތަމަ ބައްދަލުވުމުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ވާޗުއަލްކޮށް މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް ރާއްޖެއިން ކުރި މަސައްކަތަށް ކޮމަންވެލްތުގެ މެމްބަރު ގސއުމުތަކުންނާއި އަދި ސެކްރެޓަރީ ޖެނެރަލް ކުރެއްވި މިންނެތް މަސައްކަތް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފައެވެ.

އަދި ކޮމަންވެލްތަކީ ކުދި ގައުމުތަކުގެ އަޑު އިއްވާ، އެ އަޑު އަހާ ޖަމިއްޔާއެއްކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޮމަންވެލްތު ވަލްނަރަބަލިޓީ އިންޑެކްސްއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައި، ކޮވިޑް19ގެ ސަބަބުން ކުދި ގައުމުތަކަށް ލިބުނު ގެއްލުންތަކާ، މޫސުމީ ބަދަލުތަކަށް ރިއާޔަތްކުރެވޭ ގޮތަށް އެބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރު މިއަދު ދާޅުވިއެވެ.

މީގެ އިތުރުން މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑްގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް އިތުރުކަމަށާއި، އެގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދަން ޖެހޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ކޮމަންވެލްތުން މެމްބަރު ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޑިޒާސްޓާ ރިސްކް ފައިނޭންސް ޕޯޓަލްއެއް ގާއިމްކުރިކަމާއި، ބައިނަލްއަގުވާމީ މާލީ ބާޒާރުން މެމްބަރު ގައުމުތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރިކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖެއިން ކޮމަންވެލްތާއެކު ގިނަ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަންް ދެއްވައިފައެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އޮކްޓޯބަރު، 13، 2013 ގަ އެވެ. އޭރު ސަރުކާރުން އެގޮތަށް ނިންމީ، ރާއްޖެއިން ކުރަމުން ދިޔަ ބައެއް ކަންކަމުގެ ސަބަބުން ރާއްޖެ ސަސްޕެންޑް ކުރަން އެ ޖަމާއަތުން މަސައްކަތް ކުރުމުންނެވެ.

ރާއްޖެ އަލުން ކޮމަންވެލްތާ ބައިވެރިވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު ކެބިނެޓުން ނިންމައި، މަޖިލީހުގެ ރުހުން ލިބިގެން ރާއްޖެ އަލުން ކޮމަންވެލްތުގައި ބައުވެރިވާން ހުށަހެޅީ ޑިސެމްބަރު 7، 2018ގަ އެވެ.

އަދި ކޮމަންވެލްތުގެ ހުރިހާ މެންބަރު ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅީ މި އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް