ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ޖޭއެސްސީގެ ފޯމޭޝަނާ ގުޅޭ ބިލުގެ މަސައްކަތް ފަށައިފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ދެ ބިލެއް ވަނީ މަޖިލީހަށް ހުށަހާޅާފައި -- ފައިލް ފޮޓޯ/ މަޖިލިސް

ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ހުށަހެޅި ބިލަކާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފޯމޭޝަނަށް ބަދަލު ގެނައުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅި ދެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފި އެވެ.

ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުމަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު އެވެ.

ދެ ބިލުގެ ފުރަތަމަ ކިއުން މިއަދު އިއްވާފައިވާއިރު، ދެން އޮންނާނީ ދެ ބިލަށް ބަހުސް ކުރުމަށްފަހު މަޖިލީހަށް ބަލައި ގަތުމާއި ގުޅޭ ގޮތުން ވޯޓަށް އެހުމެވެ. އަދި އެ އަށް ފަހު ދެން އޮންނާނީ ކޮމެޓީ އަށް އިތުރަށް ދިރާސާ ކުރުމަށް ފޮނުވުމެވެ. މަޖިލީހުން ފާސް ކުރުމުގެ ކުރިން އަދި އެއް ފަހަރު ކޮމެޓީއިން ގެނައި އިސްލާހުތަކާއި ގުޅޭ ގޮތުން ތަޅުމުގައި ބަހުސް ކުރާނެ އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ދެ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުމަކީ މިހާރު ވެރިކަން ކުރާ ކޯލިޝަން އަދި މަޖިލީހުގެ ސްޕަރ މެޖޯރިޓީއޮތް އެމްޑީޕީގެ ވައުދެކެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރު ވެގެން ދިޔައިރު ވެސް އެކަން ބަދަލުވެފައިނުވާއިރު މިފަހަރު ޖޭއެސްސީގެ ފޯމޭޝަނަށް ބަދަލު ގެނައުމަށް ހުށަހަޅާފައި މިވަނީ އިދިކޮޅު ޕީޕީއެމް އިންނެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުން ވޯޓު ލިބިގެންނެވެ. އެއީ 65 ވޯޓެވެ. އެމްޑީޕީގެ އެކަނި ވެސް 65 މެމްބަރުން ތިއްބަވަ އެވެ.

comment ކޮމެންޓް