މާދަމާ ގެސްޓްހައުސްތައް ހުޅުވާލަނީ، ހުއްދަ ދިނީ މަދު ތަނަކަށް

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާދަމާ އަލުން ގެސްޓްހައުސްތައް ހުޅުވާލަން ތައްޔާރުވަމުންދާއިރު، ހިދުމަތް ދޭން މިހާތަނަށް ހުއްދަ ދީފައިވަނީ ވަރަށް މަދު ތަނަކަށް ކަމަކަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް މި މަހުގެ 15ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ ހުއްދަ ދިނުމުގެ ކުރިން ކުރަން ޖެހޭ އިންސްޕެކްޝަނާއި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ނިމި، މާދަމާ ހުޅުވުމުގެ ހުއްދަ ދީފައިވަނީ އަދި ދެތަނަކަށް ކަމަށެވެ.

"އިންސްޕެކްޝަން ވެސް ނިމިގެން، ހުރިހާ ކަމެއް ފައިނަލްކޮށްފައި މާދަމާ ހުޅުވަން ހުއްދަ ދީފައިވަނީ އަދި ދެ ތަނަކަށް. އެއީ ނ. ފޮއްދޫ އާއި ކ. ހުރާގެ ދެ ގެސްޓްހައުސް." އޮފިޝަލު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިއަދުގެ ވަގުތެއްގައި އިންސްޕެކްޝަން ނިމި، އިތުރު ތަންތަނަށް މިއަދު ހުއްދަ ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން 12-15 ތަނެއްގެ އިންސްޕެކްޝަން މަސައްކަތް މިއަދު ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މާދަމާ އެތަންތަން ހުޅުވޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ވ. އަތޮޅު، އއ. އަތޮޅު، ކ. އަތޮޅު އަދި ނ. އަތޮޅުގެ ރަށްރަށަށް ނިސްބަތްވާ ގެސްޓްހައުސްތައް ހިމެނެ އެވެ. ވަކިވަކި ރަށްރަށަށް ބަލާއިރު ކ. މާފުށި، އއ. ތޮއްޑޫ، އއ. އުކުޅަސް އަދި ވ. ތިނަދޫ ހިމެނެ އެވެ.

ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން މިއަހަރުގެ މާޗް 17ވަނަ ދުވަހުގަ އެވެ. އޭރު ރާއްޖޭގައި ހިދުމަތްދޭން 631 ގެސްޓްހައުސް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މާޗް މަހުގެ ނިޔަލަށް އޭގެ ތެރެއިން ހިދުމަތް ދެމުން ގެންގޮސްފައިވަނީ 629 ތަނަކުންނެވެ. އަދި ހިދުމަތް ދޭ ޖުމުލަ އެނދުގެ އަދަދަކީ 10،075 އެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދޭނީ ކޮވިޑް19 ސޭފް ޕްލޭން އެކުލަވާލާ ގެސްޓްހައުސްތަކަށް އެކަންޏެވެ. އެގޮތުން ގެސްޓްހައުސްތަކުން އެކުލަވާލާ ޕްލޭން މިނިސްޓްރީ އަށް ފޮނުވުމުން މިނިސްޓްރީ އިން އެ ޕްލޭން ބަލައި ހުއްދަ ދޭނީ ރަށު ކައުންސިލުން ގެސްޓްހައުސް އަށް ގޮސް، ޕްލޭނާ އެއްގޮތަށް ހުރިތޯ ޗެކް ކުރުމަށް ފަހު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަމަވާ ނަމަ އެވެ.

މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގެ ގެސްޓްހައުސްތައް މާދަމާ ހުޅުވާލާއިރު، މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނީ މާލެ ސަރަހައްދުން ނަގާ ސާމްޕަލްތައް ޕޮޒިޓިވްވާ މިންވަރު 28 ދުވަސް ވަންދެން ފަސް ޕަސެންޓުގައި ހިފެހެއްޓުމުންނެވެ. އެއީ ސާމްޕަލްގެ އަދަދުން ބަލާނަމަ ދުވާލަކު 1000 ސާމްޕަލް އަށްވުރެ މަދު ނޫން އަދަދަކުން ޕޮޒިޓިވް ޕަސެންޓޭޖު ފަހަކަށް ވުރެ ދަށުގައި ހިފެހެއްޓުމުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް