ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިޔާސަތެއް އެކުލަވާލައިފި

މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ސޮއިކުރައްވަނީ --- ފޮޓޯ : ޓްރާންސްޕޯޓު މިނިސްޓްރީ

ރާއްޖޭގައި ކުރިއަށް އޮތް ފަސްއަހަރު ތެރޭ އަމަލު ކުރާނޭ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތެއް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އެކުލަވާލައްވައިފި އެވެ.

ދާދި ފަހުން ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ނަހުލާ ވަނީ "ފްލައިޓް ޕްލޭން 2020- 2025"ގެ ނަމުގައި އެކުލަވާލާފައިވާ ސިޔާސަތުގައި ސޮއިކުރައްވާފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއިން މިއަދު ބުނެފައިވަނީ އަލަށް އެކުލަވާލާފައިވާ ސިޔާސަތަކީ ތާރީހީ ކާމިޔާބީއެއް ކަމަށެވެ.

އެ ސިޔާސަތު ބިނާ ވެފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. އަދި އެ ސިޔާސަތުގެ މައިގަނޑު މަގުސަދަކީ ސަލާމަތްތެރިކަމާއެކު ތިމާވެއްޓަށް ރައްކާތެރިގޮތެއްގައި އަދި އިގްތިސާދީގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ދިވެހިން އެކަކު އަނެކަކާ އަދި ދުނިޔެއާ ގުޅުވާލަ ދިނުން ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އަލަށް ސޮއިކޮށްފައިވާ އެ ސިޔާސަތު ނުވަތަ އެ ސްޓްރެޓެޖިކް ޕްލޭން އަކީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދުރު ރާސްތާ ސިޔާސަތުތަކެއް އެކުލަވާލައި ލިޔުމަށް ގެނެސް އެއްކޮފައިވާ ފުރަތަމަ ފަހަރު ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނެ އެވެ.

މިނިސްޓްރީއިން ބުނިގޮތުގައި އެފަދަ ސިޔާސަތެއް އެކުލެވިގެން ދިޔުމަމީ ރާއްޖޭ އޭވިއޭޝަން ސިނާއަތަށް ލިބިގެން ގޮސްފައިވާ ތާރީހީ ކުރިއެރުމެއް ކަމަށެވެ.

އެގޮތުން ފުރަތަމަ ފަހަރަށް، މަދަނީ ވައިގެ ދަތުރު ފަތުރުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން އިސްކަންދީގެން ކުރާނެ މުހިންމު މަސައްކަތްތަކުގެ މަގު ޗާޓެއް އެކުލަވާލައި ސަރުކާރާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ބައިވެރިންނަށް އެއް މިސްރާބަކަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދޭނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.

comment ކޮމެންޓް