ފަތުރުވެރިންނަށް ލުޔެއް: ދެން ހުށަހަޅަން ޖެހޭނީ 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ރިޒަލްޓް

ގަތަރު އެއާވޭސްގެ ފްލައިޓުން ރާއްޖެ އައި ޓޫރިސްޓުން ފްލައިޓުން ފައިބަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެ އެތެރެވުމަށް ދެން ހުށަހަޅަން ޖެހޭނީ، 96 ގަޑިއިރު ހަމަނުވާ ކޮވިޑް19 ނެގެޓިވް ޓެސްޓު ރިޒަލްޓް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މީގެކުރިން، ފަތުރުވެރިން ރާއްޖެ އެތެރެވުމަށްޓަކައި 72 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ޓެސްޓު ރިޒަލްޓެއް ބޭނުންވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ބުނީ، މިހާރު އެ އުސޫލު ބަދަލުކޮށް، 96 ގަޑިއިރު ހަމަނުވާ ޓެސްޓު ނަތީޖާ ހުށަހެޅުމުން ފަތުރުވެރިންނަށް ރާއްޖެ އެތެރެވެވޭ ގޮތް ހަދާފައިވާ ކަމަށެވެ.

އުސޫލަށް ބަދަލުގެނައިރު، ބުރާސްފަތި ދުވަހު އަލުން ގެސްޓްހައުސްތައް އޮޕަރޭޓްކުރަން ފަށާނެއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް ބަންދުކުރީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރުމަށް ފަހު ރާއްޖޭގެ 223 އެސްޓެބްލިޝްމަންޓެއް ހުޅުވާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން މި މަހުގެ ނުވަ ވަނަ ދުވަހު ވަނީ ބުނެފައެވެ.

އެ އެސްޓަބްލިޝްމެންޓްތަކުގެ ތެރޭގައި ރިސޯޓާއި ހޮޓެލް އަދި ސަފާރީ ފަދަ އުޅަނދުތައް ހިމެނެ އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިއިރު ރާއްޖޭގައި އޮޕަރޭޓް ކުރަން ފެށީ އެންމެ 37 ރިސޯޓާއެކު އެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެ ފަހުގެ މައުލޫމާތު އާންމުކުރުމަށް ޓުއަރިޒަމް މިނިސްޓްރީއިން ނެރުނު ނިއުސްލެޓާއެއްގައި ބުނެފައި ވަނީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލި ފަހުން، 24،000 އަށް ވުރެ ގިނަ ބެޑް މިހާރު އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ.

ބޯޑަރު ހުޅުވާލައި ޖުލައި މަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 1،752 ފަތުރުވެރިންނެވެ. އޯގަސްޓު މަހުގައި 7،628 ފަތުރުވެރިން ރާއްޖެ އައި އިރު މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް 9،538 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އަދި މި މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް ވަނީ 3،140 ފަތުރުވެރިން އައިސްފަ އެވެ.

comment ކޮމެންޓް