މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 50 މީހުން

ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 50 މީހަކު މިއަދު ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ރޭގެ 18:00 އިން ފެށިގެން މިއަދުގެ 18:00 އާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 48 ދިވެހީންނާއި ދެ ބިދޭސީން ކަމަށެވެ.

މިއަދު މާލެ ސަރަހައްދުން 46 މީހުން ޕޮޒިޓިވްވި އިރު އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވް ހަތަރު މީހަކު ވަނީ ދެނެގަނެވިފައެވެ.

މިއަދު 50 މީހަކު ޕޮޒިޓިވްވި އިރު، ފާއިތުވި ސައްވީސް ގަޑިއިރުގެ ތެރޭގައި 1،389 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ. އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ 49 މީހުންނެވެ.

އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 10،993 އަށް އަރައިފައެވެ. އޭގެ ތެރެއިން 9،833 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 1،118 މީހުންނެވެ. އޭގެ ތެރެއިން 67 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 384 މީހުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން 35 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް