ދަރަންޏަށްވާ ފައިސާ ހޯދަން މައުމޫނަށް ދައުވާ ކުރަން ޑީއާރުޕީއިން ނިންމައިފި

ނޮވެމްބަރ 7، 2019: ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ޒައީމް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވި އިރު އެ ޕާޓީއިން އެކި ފަރާތްތަކަށް ނުދައްކައި ހުރި ދަރަނި ފައިސާ ހޯދަން އެމަނިކުފާނަށް ދައުވާ ކުރަން އެ ޕާޓީގެ ކައުންސިލުން ނިންމައިފި އެވެ.

ޑީއާރްޕީއިން މިއަދު ބުނީ އެ ޕާޓީގެ ޒައީމް ކަމުގައި ރައީސް މައުމޫން ހުންނެވި އިރު އެ ޕާޓީ ވަރަށް ބޮޑަށް ދަރަނިވެރިކޮށްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ޕާޓީ ދޫކުރައްވައި ވަޑައިގަތީ އެ ދަރަނިތައް އަދާ ނުކުރައްވައި ކަމަށެވެ.

އެ ޕާޓީއިން ބުނީ އެ ދަރަނިތަކުގެ ބިލުތައް އަދިވެސް އަންނާތީ އެ ދަރަނިތަކަށް ޒިންމާކުރުވުމަށް އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރަން ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު "ސަން"އަށް ވިދާޅުވީ، ރައީސް މައުމޫނާ ދެކޮޅަށް ތައްޔާރުކުރަމުންދާ މައްސަލަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

"އެކަން ވަރަށް ބާރަށް ދަނީ. ހަފްތާއެއްގެ ތެރޭގައި މައްސަލަ ކޯޓަށް ވަންނާނެ. ލޯޔަރުން ދަނީ އެ މަސައްކަތް ކުރަމުން،" ޖާބިރު ވިދާޅުވި އެވެ.

އެ މައްސަލަ ނިމެންދެން ޕާޓީގެ ހުރިހާ ދަރަންޏެއް ދެއްކުން މަޑުޖައްސާލަންވެސް އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށްވެސް މިއަދު ޑީއާރްޕީއިން ވަނީ ބުނެފަ އެވެ.

ރައީސް މައުމޫން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވީ ޑީއާރްޕީގެ ކެންޑިޑޭޓުގެ ގޮތުގަ އެވެ. ފަހުން ޑީއާރްޕީ ބައިބައިވުމުން އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދި ޕީޕީއެމްގައިވެސް ސިޔާސީ މަސައްކަތް ކުރެއްވި އެވެ. އަދި މިހާރު އެމަނިކުފާނު ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިފަ އެވެ.

ޑީއާރްޕީގެ ދަރަނީގެ މައްސަލައިގައި ރައީސް މައުމޫނަށް ދައުވާ ކުރަން ނިންމާފައިވާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް މައުމޫނަށް ޖާބިރު ދެއްވި ކަމަށް ބުނާ 29 މިލިއަނެއްހާ ރުފިޔާގެ ލޯނެއް އަނބުރާ ދައްކާފައި ނުވާ ކަމަށް ބުނެ އެ މައްސަލައިގައި ދައުވާ ކުރަންވެސް ޖާބިރު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެ ލޯނު ފަހުން މައާފު ކުރެއްވީ އެވެ.

comment ކޮމެންޓް