ބައްތިތައް ނިވި މުޅިތަނަށް އަނދިރިކަން ފެތުރެނީ

އިބްތިހާލް

ދެ ހަފުތާހާ ދުވަސް ކުރީން ރާއްޖޭގެ އޮންލޭނު ނޫހަކުން ފެނުނު ޚަބަރެއްގައި އޮތީ، ގއ. މާމެންދުއަށް ނިސްބަތް ވާ މުސްކުޅި ފިރިހެނަކު އެކަނިވެރި ހާލުގައި، އަޅައިލާނެ އެއްވެސް މީހަކު ނެތި އުޅޭން ޖެހިފައި ވާ ވާހަކައެވެ. ޚަބަރުގައި އޮތް ގޮތުން، އޭނާގެ ވާރިސުންގެ ތެރެއިން ދުނިޔޭގައި ތިބި މީހުން އޭނާއަށް އެއްވެސް އެހީތެރިކަމެއް ފޯރު ކޮށްދޭކަށް ބޭނުމެއް ނުވެއެވެ. މައްސަލަ ކޯޓަށް ގެންދެވި، ރަށުގެ މެޖިސްޓްރޭޓް ކޯޓުން ވާރިސުންގެ މައްޗަށް އޭނާޔާ ޙަވާލު ވުމަށް އަމުރު ކުރުމުން، އެ އަމުރަށް ވެސް ވާރިސުން ތަބައެއް ނުވިއެވެ.

މިއީ ހުސްކަމެއްގެ ތެރޭގައި ހިނގި އިސްތިސްނާ ހާދިސާއެއް ނޫނެވެ. ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ބަލައިލުމުން، މި ކަހަލަ ގޮތަކަށް މުސްކުޅީންނާ މެދުގައި މުޢާމަލާތު ކުރުމަކީ ދިވެހި މުޖުތަމަޢުގައި ޢާއްމު ވެފައި ވާ ކަމެއްކަން އެނގެއެވެ. އެއީ މުޖުތަމަޢުގައި ޢާއްމު ވެފައި ވާ ބައްޔެއްގެ ޢަލާމާތެއް ކަން ވެސް ކަށަވަރު ވެއެވެ. އެއަށްވުރެ ވެސް ބިރުހުރި ކަމަކީ، ފާއިތު ވެގެން މި ދާ އަހަރުތަކުގައި، އެކަން އިތުރު ވަމުން ދާ ކަމަށް ފެންނަކަމެވެ.

މާމެންދޫގައި ހިނގި މި ހާދިސާޔަކީ ހަގީގަތުގައި ވެސް ހަމަ އަލާމާތެކެވެ. ދިވެހި މުޖުތަމަޢަށް ޖެހިފައި ވާ ވަރަށް ބޮޑު ބައްޔެއްގެ ޢަލާމާތެކެވެ. އެ ބަލީގެ އެތައް ޢަލާމާތެއް މުޅި ޤައުމުގެ ހުރިހައި ދިމާޔަކުން އެބަ ފެނެއެވެ. ރެއިގަނޑާއި ދުވާލު ވެސް އެ ބަލީގެ ޢަލާމާތްތައް ދަނީ އެކި ސިފަސިފައިގައި އަދި އެކި ގޮތްގޮތަށް ފައުޅު ވަމުންނެވެ. އިންސާނާގެ ހަށިގަނޑަށް ޖެހޭ ބަލިބަލީގެ ވެސް، ތަފާތު އެތައް ޢަލާމާތްތަކެއް އެކި ގޮތްގޮތަށް ފެނޭ ނޫންތޯއެވެ! މިސާލަކަށް، މީހަކަށް ޑެންގޫ ޖެހުމުން ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި، ލޮލުގައި ރިއްސުމާއި، ގައިގެ ހަންގަނޑުން ތަންތަން ރަތް ވެ އުނދަގޫ ވުމާއި، ގައިގައި ރިއްސުމާއި، ހޮޑު ލެވުމާއި، ހުޅުތަކުގައި ރިއްސުން ހިމެނެއެވެ. ހަމަ އެފަދައިން، އަޅުގަނޑުމެންގެ މުޖުތަމަޢަށް ޖެހިފައި ވާ މި ދަންނަވާ ބޮޑުބަލީގެ އެތައް ޢަލާމާތްތަކެއް ވެސް އަޅުގަނޑުމެން އެންމެންނަށް އެބަ ފެނެއެވެ.

ވ. ރަކީދޫގައި ޢުމުރުން ތިން އަހަރުގެ ކުޑަކުއްޖެއް ކަމަށް ވާ މުޙައްމަދު އިބްތިހާލަށް، އޭނާގެ މަންމަ ކުރި އަނިޔާތަކުގެ ސަބަބުން އާޚިރުގައި ހިތްތައް ފަޅިފަޅި ކޮށްލަނިވި ގޮތެއްގައި އެ މަޢުޞޫމް ކުއްޖާ މަރު ވީއެވެ. ގއ. ކަނޑުހުޅުދޫގައި، ދެ ކާފައިން ބައްޕަގެ ބައިވެރިވުމާ އެކު ޢުމުރުން އެންމެ ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކު ރޭޕް ކުރީއެވެ. މިއީވެސް މި ދަންނަވާ ބަލީގެ ޢަލާމާތްތަކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢަށް ޖެހިފައި ވާ ނުބައި ކެންސަރެއް ފަދަ ބަލީގެ ޢަލާމާތްތަކެވެ.

ދެން ތަންކޮޅެއް ތަފާތު ޢަލާމާތްތަކަކަށް ބަލައިލަމާ ހިންގަވާށެވެ!

ސިޔާސީ މައިދާނަށް ބަލައިލާ އިރު، ޤައުމުގެ ވެރިކަމަށް ކޮންމެ ބަޔަކު އަޔަސް، އެ ބަޔަކު ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރަނީއެވެ. ޚިޔާނާތާއި ފަސާދައިގެ މަގުން ދައުލަތުގެ މުއްސަނދިކަން އިސްތިޢުމާލު ކޮށް، އެއިން މުއްސަނދި ވަނީއެވެ. ރައްޔިތުންނަށް ދޮގު ހަދަނީއެވެ. ރައްޔިތުންނަށް ކަންކަން އޮޅުވައިލައި ފޮރުވަނީއެވެ. އިންތިޚާބެއް އަތުވެއްޖެ ނަމަ، އެވަނި މިވަނި ކަންކަން ކޮށްދޭނަމޭ ކިޔައިގެން ބޮޑެތި ދޮގުތައް ހަދަނީއެވެ. އެ ބައެއްގެ ޕާޓީގެ އެކްޓިވިސްޓުންނަށް ރައްޔިތުންގެ ޚަޒާނާއިން ނުޙައްޤުން ބައި އެޅުމަށް ޓަކައި ދައުލަތުގެ ނިޒާމަށާއި މަސައްކަތްތަކަށް ބޭނުން ނުވާ ވަޒީފާތައް އުފައްދައިގެން، އެއުރެންނަށް މުސާރަ ދިނުމުގެ ނަމުގައި ވެސް އެތައް ވައްކަމެއް ކުރަނީއެވެ. އެތެރެއިންނާއި ބޭރުން، އެމީހުންނަށް އެހީތެރި ވާ މީހުން ރުއްސުމަށް ޓަކައި ޤައުމުގެ މަޞްލަޙަތުތަކާއި ރައްޔިތުންގެ ޙައްޤުތަކާއި، އެންމެ ފަހުން ގޮސް ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުން ވެސް ޖުވާ ކުޅެނީއެވެ. އިޞްލާޙުގެ ނަމުގައި، ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވައި، އެތަންތަނަށް ޕާޓީއަށް ވަފާތެރި މީހުން ލައި، އިސްލާމް ދީނުގެ ބާރު އެތަންތަނުން ކަނޑުވައިލުމުގެ ބިރުވެރި ރޭވުންތައް ރާވައި ތަންފީޛު ކުރަނީއެވެ.

ރައްޔިތުންގެ ތެރޭގައި ކަން އޮތް ގޮތަށް ބަލައިލުމުން، ވަކި ސަހަލު ކަމަކަށެއް ނުފެނެއެވެ. ގިނަ މީހުން ތިބީ ކޮންމެވެސް ޕާޓީއެއްގެ "ކަލްޓު"ގެ އަޅުންނަށް ވެފައެވެ. އެ ބައެއްގެ ލީޑަރު ﷲ އާއި ރަސޫލާޔަށް ގޮން ޖެހިޔަސް، އެ ލީޑަރުގެ ވާހަކަޔަށް ތާއީދު ކޮށް އަތްތިލަބަޑި ޖަހަނީއެވެ. ޕާޓީގެ ލީޑަރުން މީހަކު ދެކެ ނުރުހިއްޖެ ނަމަ، ޙައްޤެއް ތެދެއް އިންޞާފެއް ނުބަލައި، އެމެރިކާގައި ކަޅު މީހުން "ލިންޗް" ކުރާން ނުކުތް "މޮބް" ޖަމާޢަތްތައް ޢަމަލު ކުރި ފަދައިން، އެ މީހަކުގެ ފަހަތުން ގޮސް އެ މީހަކު ނޮޅައިލަނީއެވެ. އިންތިޚާބެއް އަތުވެއްޖެ ނަމަ، ފައިސާޔަށް ވޯޓު ވިއްކަނީއެވެ. ނުވަތަ "ބުޅާގަނޑެއް" ނަމަވެސް ތިމާގެ ޕާޓީ ތަމްސީލު ކުރާ ނަމަ އެއަށް ވެސް ވޯޓު ދެނީއެވެ. ޕާޓީގެ ލީޑަރުން ރޯމާ ދުވާލު، އިސްލާމް ދީނުގެ ދުޝްމަނުންނަށް ދިވެހި އުއްމަތް ވިއްކުމަށް ޓަކައި "ވިއްކާ" ބޯޑު ޖަހައިގެން ހިނގަމުން ދާ އިރުވެސް، ޙަޤީޤަތުގެ ކުރިމަތީގައި ލޯ މަރައިލަނީއެވެ.

ޒުވާން ޖީލުތަކަށް ބަލައިލާ އިރު، ފެންނަނީ އަދި މާ ހިތްދަތި މަންޒަރެކެވެ. އަޅުގަނޑުމެންގެ ޒުވާނުންގެ ކަންކަން ފެނުމުން، ހިތަށް އަރާ އެއްޗަކީ، ސުބުޙާނަﷲ އޭ، ދިވެހި އުއްމަތެއް ނެތޭ، ދިވެހި ޤައުމެއް ނެތޭ، ހުރި ހިތާމައެއްގެ ބޮޑުކަމާއޭ، މި ބާވަތުގެ އެއްޗެއްސެވެ. ދުނިޔޭގެ ދިރިއުޅުމުގެ ޙަޤީޤަތްތަކާއި، ޙަޔާތުގެ މަޤްޞަދުތަކާއި، އިންސާނެއްގެ ޙައިޘިއްޔަތުންނާއި މުސްލިމެއްގެ ޙައިޘިއްޔަތުންނާއި ދިވެހި މުވާޠިނެއްގެ ޙައިޘިއްޔަތުން ތިމާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަކީ ކޮބައިކަމާއި، ތިމާޔާ ޙަވާލު ވެވިފައި ވާ އަމާނާތްތަކަކީ ކޮބައިކަމާއި، އެ މަސްއޫލިއްޔަތުތަކާއި އަމާނާތްތަކަށް ޚިޔާނާތްތެރި ވުމުގެ ނަތީޖާޔަކަށް ވާނީ ކޮންކޮން ކަންތައްތަކެއްތޯ، މި ސުވާލުތަކާ މެދު ވިސްނާ ޒުވާނަކު މަދުން ނޫނީ ނުފެނެއެވެ. ޒިނޭ ކުރުން ޢާއްމު ވެއްޖެއެވެ. ބަނގުރާ ބުއިން ޢާއްމު ވެއްޖެއެވެ. އެއް ބަޔަކު ހަށިގަނޑުގެ ފޮޓޯތަކާއި ވީޑިޔޯތަކުން އިންސްޓަގްރާމާއި ފޭސްބުކުގައި ފަޙްޝަތުގެ ވިޔަފާރި ކުރަނީއެވެ. އަނެއް ބަޔަކު އެ އެއްޗެތި އިސްތިޢުމާލު ކުރުމުގައި ދުވަސްތަކާއި ރޭތައް އިސްރާފު ކުރަނީއެވެ. ގިނަ ޒުވާނުންގެ ބަހުރުވަ ހުތުރު ވެ، އަވަގުރާނަޔަކީ ޢާއްމު ވާހަކަ ދެއްކުން ކަމުގައި ވެ، ޅަވިޔަނީގައި އާބާފިލި ޖަހައިގެން ނޫނީ އެއްވެސް މީހެއްގެ ނަން ނުގަނެވޭ ހިސާބަށް ޢާއްމު ބަހުރުވަ "ރީތި" ވެއްޖެއެވެ. އަނބީންނާއި ފިރީން އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ވުމާއި، ބޭވަފާތެރި ވުމާއި، ޚިޔާނާތްތެރި ވުމާއި، އެއް ބަޔަކު އަނެއް ބަޔެއްގެ ޙައްޤުތަކަށް އަރައިގަތުން ޢާއްމު ވެއްޖެއެވެ. މައިންބަފައިން ދަރީންނަށް އިހުމާލު ވަނީއެވެ. ދަރީން މައިންބަފައިންނަށް އަނިޔާވެރި ވަނީއެވެ. ޒުވާނުންގެ ގިނަ ވަގުތު ފޯނާ އެކު ނުވަތަ ކޮފީގައެވެ. ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމާއި، އިހުމާލުން އަނިޔާވެރި ވުން މުޅި މުޖުތަމަޢަށް އެޅިފައި އޮންނަ ކަޅު ހިޔަންޏަކަށް ވެއްޖެއެވެ. ކޮންމެ އަހަރަކު ސާޅީސް ފަންސާސް ހާސް ރުފިޔާ އެންމެ ފަހުގެ އެޕަލް އައި ފޯނާއި އެޕަލް ގަޑިޔަށް ހޭދަ ކުރުމީ ކަނޑައެޅިގެން ޙަރާމް ގޮތުގައި ކުރެވޭ އިސްރާފެއް ކަމުގައި ދުށުމުގެ ބަދަލުގައި، އެއީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށް މުޅި މުޖުތަމަޢު ހެން ޤަބޫލު ކޮށްފިއެވެ.

މި ލިސްޓު އަދި މިއަށްވުރެ ވެސް ދިގު ކުރެވިދާނެއެވެ. ނަމަވެސް މި ހިސާބަށް ކުރު ކޮށްލައިފައި، މި ދެންނެވި ޢަލާމާތްތަކުގެ ފަހަތުގައި ފޮރުވިފައި ވާ ނުބައި ބައްޔަކީ ކޮބައިތޯ، މި ސުވާލާ ދިމާޔަށް އެނބުރިލަމާތޯއެވެ؟ އާދެ، އެ ބައްޔަކީ ރޫޙާނިއްޔަތާއި އަޚްލާޤިއްޔަތާއި ބުއްދީގެ އަލިކަން ނެތިދިޔުމުގެ ބިރުވެރި ބައްޔެވެ. އަޅުގަނޑުމެންގެ ތެރޭގައި ތަކުރާރުކޮށް ކަންތައްތައް ކުރެވުނު ގޮތުގެ ސަބަބުން، ދިވެހި ޤައުމަށް މި ނުބައި ބަލި ޖެހުނީއެވެ.

ޙައިރާން ވާން ޖެހޭ ކަހަލަ ކަމެކެވެ. އަޅުގަނޑުމެންނަކީ އަށްސަތޭކަ ވަރަކަށް އަހަރު ކުރީއްސުރެ، މާތް ވެގެންވާ އިސްލާމް ދީނުގެ މަތީގައި ތިބި، ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. އިސްލާމް ދީނަކީ އިންސާނިއްޔަތަށް ލިބިފައި އޮތް އެންމެ ޝާމިލު އަޚްލާޤިއްޔާތުގެ ނިޒާމު އޮތް ދީނެވެ. އެންމެ ހަރުދަނާ އަސާސެއްގެ މައްޗަށް ބިނާ ކުރެވިފައި ވާ އަޚްލާޤިއްޔާތުގެ ނިޒާމު އޮތް ދީނެވެ. އެ އުއްމަތަކުން، މަތިވެރި އަޚްލާޤުގެ އެންމެ ރިވެތި ނަމޫނާތަކުގެ މަތިވެރި އަލިކަން ފެންނަ އުއްމަތަކީ އިސްލާމީ އުއްމަތެވެ. ރޫޙާނިއްޔަތާއި ބުއްދީގެ ޙަޤީޤީ މަޤާމު ބަޔާން ކޮށްދެއްވި، އަދި އިންސާނާޔަށް ރޫޙާނީ ގޮތުންނާއި ޢިލްމީ ގޮތުން އެންމެ މަތީ ދަރަޖަޔަށް ވާޞިލު ވާނެ މަގު ދެއްކެވި ދީނަކީ އިސްލާމް ދީނެވެ. އެހެންކަމުން، މުސްލިމުން ކަމުގައި ވެތިބެ، ދިވެހިރާއްޖެ އަޚްލާޤިއްޔާތުގައި ބަނގުރޫޓު ވެފައި ވާ ޤައުމަކަށް ވީ ކީއްވެގެންތޯއެވެ؟ ރޫޙާނިއްޔަތު މަރު ވެފައި ވާ ޤައުމަކަށް ވީ ކީއްވެގެންތޯއެވެ؟ ބުއްދީގެ ބޭނުން ނުކުރާ ޤައުމަކަށް ވީ ކީއްވެގެންތޯއެވެ؟

އެއްވެސް މީހެއްގެ ބޮލުގައި ބަދުނާމެއް އެޅުވުމުގެ ނިޔަތެއް އަޅުގަނޑުގެ ނެތެވެ. ނަމަވެސް ތާރީޚުގައި ކަން ހިނގައިފައި ވާ ގޮތާއި، މުޖުތަމަޢުގައި މައްސަލަތައް އުފެދިގެން އަންނަ ގޮތުގެ މައްޗަށް ކޮންމެވެސް ވަރަކަށް ބަލައިލައިގެން މެނުވީ، އެ މައްސަލަތައް ޙައްލު ކުރުމަށް ޓަކައި ހިނގާން ވީ މަގު އެންމެ ފުރިހަމަޔަށް ނޭނގޭނެތީ، ދިވެހި ޤައުމު އަޚްލާޤީ ގޮތުންނާއި ރޫޙާނީ ގޮތުން ބަނގުރޫޓު ވެ، ބުއްދި ބޭނުން ނުކުރާ ޤައުމަކަށް ވީ ކީއްވެގެންކަން، މި ސުވާލުގެ ޖަވާބާ ދިމާޔަށް ވެސް ބަލައިލުން މުހިއްމެވެ. ހުރާގޭ ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ދިވެހިރާއްޖޭގެ ތަޚްތުގައި އިށީނދެވަޑައިގެންފައި، އެންމެ ފުރަތަމަޔަށް ދިޔަމިގިލީ ޢާއިލާގެ އެއްވެސް މީހަކު، އަދި ފަހުން ހުރާގޭ ޢާއިލާގެ ބެއިފުޅުންނާއި އެ ބެއިފުޅުން ރުއްސެވި މީހަކު ނޫނިއްޔާ ޢިލްމު ހޯދުން މަނާ ކުރެއްވިއެވެ. ކިޔެވުން މަނާ ކުރެއްވެވިއެވެ. އެއިގެ ކުރީން ވެސް ދިވެހިރާއްޖެޔަކީ ދީނީ ވިޔަސް، ދުނިޔަވީ ވިޔަސް ޢިލްމުތަކެއް ފެތުރި ޢާއްމު ވެފައި އޮތް ތަނެއް ނޫނެވެ. އެހެންކަމުން، މިފަދަ ނިންމުމެއް ރަސްކަމުގެ ފަރާތުން އައުމުން، މި ޤައުމުގައި ޢިލްމުގެ ދަންމަރުގެ އަލިކަން ގާތްގަނޑަކަށް މުޅީންހެން ނިވިދިޔައީއެވެ. ހުރާގޭ ދަރިކޮޅުގެ ރަސްކަން ނިމިދިޔުމާ ހަމަޔަށް ވެސް، ޙާލަތު އޮތީ އެގޮތަށޭ ބުނާތީ އަޑު އިވެއެވެ. ދެން އައި ދައުރުތަކުގައި ވެސް، ޢިލްމީ ގޮތުން ތަޞައްރަފު ފުދޭ މުޖުތަމަޢެއް ޤާއިމު ކުރުމަށް ޓަކައި އަޅުގަނޑުމެންގެ "ވެރިން" އެކަށީގެންވާ ފަދަ މަސައްކަތެއް، އެކަށީގެންވާ ފަދަ ގޮތެއްގައި ނުކުރައްވައެވެ. އިބްރާހީމް ނާޞިރު ދެކެވަޑައިގަތް ގޮތުގައި، ދިވެހީންނަށް ކިޔަވައިދޭން އެންމެ ރަނގަޅީ ސިލޯނުން ގެނެވޭ ބުދުދީނުގެ ނުވަތަ ނަޞާރާ ދީނުގެ ބިދޭސީންނެވެ. ރައީސް މައުމޫނުގެ ޒަމާނުގައި ރާއްޖޭގެ ހުރިހައި ރަށްރަށަށް "ތަޢުލީމު ޢާއްމު" ކުރެއްވެވި އިރު، އެ މަދަރުސާތަކުގެ ގިނަ ދަރިވަރުންނަށް އަސާސީ ތަޢުލީމުގެ ގޮތުގައި ކިޔަވައިދެއްވެވީ ވިޔަފާރި އާއި އެކައުންޓިންގ އާއި ޓްރެވަލް އެންޑް ޓުއަރިޒަމް ސްޓަޑީޒެވެ.

އަޅުގަނޑު މި މަސައްކަތް ކުރަނީ، މިއިން އެއްވެސް ބެއިފުޅަކު ކުރެއްވި ކަމެއް، ކުރެއްވި ޚިދުމަތެއް ނުކުރައްވާ ކަމަށް ހަދާކަށް ނޫނެވެ. ނަމަވެސް، ރަނޭ ރިއްސޭ ކިޔައިފައި ވެސް، ޙަޤީޤަތަށް އިޢުތިރާފު ވާ ނަމަ، އަޅުގަނޑުމެން އެއްބަސް ވާން ޖެހޭ ޙަޤީޤަތަކީ، މިއިން އެއްވެސް ސަރުކާރަކުން، ޢިލްމީ ދަންމަރު އޭގެ ޙަޤީޤީ ގޮތުގައި ދިއްލައި، އެއިގެ އަލީން އަޅުގަނޑުމެންގެ ޤައުމުގައި ބުއްދިއާއި އަޚްލާޤާއި ރޫޙާނިއްޔަތުގެ އަލިކަން ފަތުރުއްވަވާން އެކަށީގެންވާ ފަދަ މަސައްކަތްތަކެއް ނުކުރެވޭކަމެވެ. މިފަދަ ޙާލަތެއްގައި، އަޅުގަނޑުމެންގެ ތެރޭގައި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ކުރުމާއި، ރޫޙާނިއްޔަތާއި، އަޚްލާޤިއްޔާތު ނުހަނު ބަލިކަށި ވެފައި އޮއްވައި، ދިވެހި ޤައުމުގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ، ބުއްދި ބޭނުން ކުރުމާ ކަނޑައެޅިގެން ދެކޮޅު ހަދާ، ދީނަކީ ހަމައެކަނި ބޭރުފުށުގެ ސިފަތަކަކާއި، ސުވާލެއް ކަލާމެއް ނެތި އަޅުކަމުގެ ނަމުގައި ކޮށްލާ ޢަމަލުތަކެއް ކަމަށާއި، ވަކި ހެދުމެއް އަޅައި، ވަކި ގޮތަކަށް ސިފަގަނޑު ބެހެއްޓުމަކީ ކީރިތި ނަބިއްޔާގެ ސުންނަތް ކަމަށް ދެކޭ ފަނާކުރަނިވި ވިސްނުމެއްގެ އަހުލުވެރީން ދީނީ "ޝައިޚުން"ގެ ފަގުޑި އަޅައިގެން އައިސް ދީނީ ދަޢުވަތާއި ދީނީ ތަޢުލީމުގެ މުޅި ނިޒާމު އެމީހުންގެ އަތްދަށަށް ގެންދިޔަ ހިސާބުންނެވެ.

މިހާރު އަޅުގަނޑުމެންގެ ޅަދަރީންގެ ހިތްތަކަށާއި ސިކުނޑިތަކަށް ވަންނަނީ ވޯލްޓް ޑިޒްނީ ފަދަ ހުޅަނގުގެ ކުންފުނިތަކުން ހަދައިގެން ނެރޭ ފިލްމުތަކުގައި ހުންނަ، އެމީހުންގެ ފަލްސަފާތަކާއި ފިކުރުތަކެވެ. ކުދީން ކިޔަނީ ހުޅަނގުގެ އަދަބިއްޔާތެވެ. މުޅި މުޖުތަމަޢު ބައްޓަން ވަމުން ދަނީ ހުޅަނގުގެ "ލެއިޒޭ ފެއަރ" ރައުސްމާލިއްޔަތުގެ ނިޒާމުގެ މަތީގައެވެ. އެހެންކަމުން، އިސްލާމީ ރޫޙާނިއްޔަތާއި، އިސްލާމީ އަޚްލާޤިއްޔަތުގެ ދަންމަރު ދިވެހިރާއްޖޭގައި މުޅީން ނިވިދިޔުމުގެ ކޮޅުމަތި ދަނީ ފެންނަމުންނެވެ. ހެޔޮބުއްދި ބޭނުން ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ޅަޒުވާން ޖީލުތަކުގެ ބުއްދިތައް ބައްޓަން ވަމުން ދަނީ ހުޅަނގުގެ ބާޠިލު ފަލްސަފާތަކުގެ އުޑީންނެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ދަރީންނަކީ މިއަދު "ލިބަރަލްސް" އެވެ. ނުވަތަ "ފެމިނިސްޓްސް" އެވެ. ނުވަތަ "އެލްޖީބީޓީ" ޙައްޤުތަކުގެ މުޙައްރިކުންނެވެ. ނުވަތަ އެހެން ވެސް އެފަދަ ކޮންމެވެސް ފިކުރެއްގެ ދިދަ އުފުލާ މީހުންނެވެ. ދިވެހިއްޔަތާއި، މާތް ވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގެ ދަންމަރު އުފުލާ މީހުން ހުސް ވެ، ދީނޭ ކިޔައިގެން ވާހަކަ ދައްކާން ތިބި ގާތްގަނޑަކަށް އެންމެންނަކީ ރޫޙާނީ ގޮތުންނާއި އަޚްލާޤީ ގޮތުންނާއި ބުއްދީގެ ގޮތުން ބަނގުރޫޓު ވެފައި ތިބި، "ޝައިޚުން"ގެ ލަޤަބު ނޫން އެއްޗެއް ނެތް ބަޔަކަށް ވެ ނިމެނީއެވެ.

އާދޭހެވެ! އެތައް އަހަރެއްގެ، އެތައް ޖީލެއްގެ، އެތައް ވެރިކަމެއްގެ އިހުމާލާއި ޚިޔާނާތަށް ފަހު، އާޚިރުގައި ދިވެހި ޤައުމުން ބުއްދިޔާއި، ހެޔޮ ޟަމީރާއި، ރޫޙާނިއްޔަތުގެ ބައްތިތައް ނިވިގެން ދަނީއެވެ. އަނދިރިކަން އައިސް، އެއިގެ ބިރުވެރި ބަނޑުތެރެޔަށް މުޅި ޤައުމު ދިރުވައިލަނީއެވެ.

މިއަދު ދިވެހި ޤައުމުގެ ޙާލުގެ ދުލުން އިއްވާ ޝިކާޔަތަކީ، ކުރާ ފަރިޔާދަކީ، އަލުން ބައްތިތައް ދިއްލައިދޭނެ ދަރީންތަކަކަށް އެދި ކުރާ އާދޭހެވެ.

ގުޅޭ ޓެގު
comment ކޮމެންޓް