ރިސޯޓުތަކަށް އާންމު ސިއްހަތާ ގުޅޭ ތަމްރީން ޕްރޮގްރާމުތަކެއް ހިންގައިފި

ރަންދެލި ރިސޯޓު--

ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ރިސޯޓު މުވައްޒަފުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ސިއްހީ މާހިރުންނަށް އާންމު ސިއްހަތާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި އެވެ.

މިއީ ކޮވިޑް-19ގެ ހާލަތުގައި ފަތުރުވެރިންގެ ރައްކާތެރިކަން އިތުރުކުރުމަށާއި އާންމު ސިއްހަތާ ގުޅޭގޮތުން ތަމްރީނު ދިނުމަށް އޮންލައިންކޮށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

އާދީއްތަ ދުވަހު ބޭއްވި މި ސިލްސިލާގެ ހަތަރުވަނަ ޕްރޮގްރާމުގައި 137 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އާންމު ސިއްހަތުގެ ރައްކާތެރިކަން ދެމެހެއްޓުމާއި ބަލިފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަހުލުވެރިވުމަކީ މުހިންމު ކަމެކެވެ.

ހަމައެއާއެކު ބޯޑަރު އަލުން ހުޅުވާލާފައިވަނީ ވެސް އާންމު ސިއްހަތުގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބަލައިގެންކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ވަޒީފާގެ މާހައުލުގައި ވެސް ބަލިފެތުރުން ވީހާވެސް މަދު ކުރެވޭނެ ގޮތްތަކަށް އަމަލު ބަހައްޓަން ޖެހޭ ކަމަށެވެ.

މިނިސްޓްރީއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ތަމްރީން ޕްރޮގްރާމުގައި މިކަންކަމާ ގުޅޭ ފަންނީ މައުލޫމާތު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް