ހަ ހާލަތެއްގައި ގެސްޓްހައުސް ހުންނަ ރަށްތަކުން ދަތުރުކުރާ މީހުން ކަރަންޓީނުވާން ނުޖެހޭނެ

ކ. ދިއްފުށީގެ ގެސްޓްހައުސެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށްތަކުން، ގެސްޓްހައުސް ނުހުންނަ ރަށްތަކަށް ދަތުރުކުރާ މީހުން ކަރަންޓީނުވާން ނުޖެހޭ ހަ ހާލަތަކާއެކު، ގައިޑްލައިން އެކުލަވާލާ އާންމުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިއްޔެ އާންމުކުރި ގައިޑްލައިންގައި ބުނެފައި ވަނީ ގެސްޓްހައުސް އޮޕަރޭޓް ކުރާ ރަށްތަކުގެ މެދުގައި ދަތުރުކުރާ މީހުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސް އޮޕަރޭޓްކުރަން ފަށާ ރަށްތަކުން، ގެސްޓްހައުސް އޮޕަރޭޓް ނުކުރާ ރަށަކަށް ދާނަމަ ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް އަސާސީ ހިދުމަތެއް ހޯދުމަށް ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށްތަކުން، ގެސްޓްހައުސް ނުހުންނަ ރަށްތަކަށް ދަތުރުކުރާ އިރު ކަރަންޓީނުވާން ނުޖެހޭނެ އެވެ. ކަރަންޓީނުވާން ނުޖެހޭ ހާލަތްތަކަކީ:

- ސިއްހީ ފަރުވާ (އެމަޖެންސީ، އައުޓްޕޭޝަންޓް ކޮންސަލްޓޭޝަން، އެޑްމިޓްކުރުން)

- ބަލިވެ އުޅޭ އާއިލާގެ މެމްބަރަކަށް ޒިޔާރަތްކުރުން

- ބޭންކުގެ ހިދުމަތް ހޯދަން

- ސްކޫލަށް ދިއުމަށް

- ކާބޯތަކެތީގެ ވިޔަފާރުކުރުން (ދަނޑުވެރިކަމުގެ އުފެއްދުންތަކާއި، މަހާއި ތެލުގެ ބާވަތްތައް - ވިޔަފާރިކުރެވޭނީ ބަނދަރުމަތީ ނުވަތަ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އެކަމަށް ހާއްސަކޮށްފައިވާ ތަނެއްގައި)

- ކޯޓަށް ހާޒިރުވުމަށް

މިފަދަ ބޭނުންތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ކިޔަމަން ވާންޖެހޭނެ އެވެ.

އެގޮތުން ދަތުރަށް ފެށުމުގެ ކުރިން، ދަތުރުކުރާ އުޅަނދުގެ ވެރިފަރާތުން ރަށު ކައުންސިލަށް އަންގަން ޖެހޭނެ އެވެ. އަދި އެ ރަށަކަށް އަންނަ އުޅަނދުތަކުގެ ތަފްސީލް ކައުންސިލުން ބަލަހައްޓަން ޖެހޭނެ އެވެ.

ދަތުރުކުރާ ފަރާތްތަކުން ވެސް، ރަށްތަކުގެ މެދުގައި ދަތުރުކުރުމުގެ ކުރިން، ދަތުރު ކުރާ ސަބަބު ބަޔާންކޮށްދީ އެ ރަށެއްގެ ކައުންސިލުން ހުއްދަ ހޯދަން ޖެހޭނެ އެވެ. އަދި އެ ރަށަކަށް އަންނަ މީހުންގެ މައުލޫމާތު ކައުންސިލުން ބަލަހައްޓަން ޖެހޭނެ އެވެ.

ގައިޑްލައިންގައި ބުނެފައި ވަނީ ސިއްހީ ފަރުވާ ހޯދުމަށް ދަތުރުކުރަން ހުއްދައަށް އެދޭ ފަރާތްތަކަށް ލަސްނުކޮށް ހުއްދަ ދޭންވާނެ ކަމަށެވެ.

އެޑްމިޓްކުރަން ޖެހޭ ބަލި މީހުންނާއި، އެފަދަ ބަލި މީހުންގެ އެހީތެރިން ފިޔަވާ، ރަށަކަށް ޒިޔާރަތްކުރާ އެންމެން ވެސް ހަމަ އެ ދުވަހު ރަށުން ފުރަން ޖެހޭނެ އެވެ.

ގެސްޓްހައުސް ހިންގާ ރަށްތަކުން ދަތުރުކުރާ މީހުން މާސްކް އެޅުން މަޖުބޫރު ވާނެ އެވެ. އަދި ގައިދުރުކަން ވެސް ބަހައްޓަން ޖެހޭނެ އެވެ.

ދަތުރުކުރާ މީހުން ރަށުގައި އުޅޭ އާންމުންނާއި ފަތުރުވެރިންނާ ވީހާވެސް ކޮންޓެކްޓް މަދުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށާއި، ކެފޭ ރެސްޓޯރަންޓުތަކުން ހިދުމަތް ހޯދާއިރު، އެތަނެއްގެ އައުޓްޑޯ ސަރަހައްދުތައް ބޭނުންކުރުމަށް ވެސް ގައިޑްލައިންގައި ބުނެފައިވެ އެވެ.

ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އިރުޝާދު ދީފައި ވާއިރު، ބުފޭތަކުގައި އަމިއްލައަށް ސާވް ނުކުރަން ވެސް ވަނީ އަންގައިފަ އެވެ.

ހަމަ އެއާއެކު ރަށަކަށް ދަތުރުކުރާ މީހުން ފަތުރުވެރިން ތިބޭ ގެސްޓްހައުސްތަކުގައި ތިބުން މަނާވާނެ އެވެ. އާންމު މީހުންގެ ގޭގައި ތިބުން ހުއްދަ ނަމަވެސް، އެމީހުންނާ އެކު އެއް ކޮޓަރިއެއް ބޭނުންކުރަން މަނާވާނެ އެވެ.

ގެސްޓްހައުސް އެއްގައި މަޑުކޮށްފި ނަމަ، އެމީހެއްގެ ރަށަށް އަނބުރާ ދިއުމަށްފަހު 14 ދުވަހުގެ ކަރަންޓީނުގެ ފުރިހަމަކުރަން ޖެހޭނެ އެވެ.

ގެސްޓްހައުސް ހިންގާ ރަށެއްގެ ރައްޔިތުންނަށް، ގެސްޓްހައުސް އޮޕަރޭޓް ނުކުރާ ރަށަކަށް ދަތުރުކުރެވުނު ނަމަވެސް، ފަތުރުވެރިންނަށް ދަތުރުނުކުރެވޭނެ އެވެ.

ގައިޑްލައިންގައި ބުނެފައި ވަނީ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ދަތުރުކުރެވޭނީ، ގެސްޓްހައުސް އޮޕަރޭޓުކުރާ ދެ ރަށެއްގެ ދެމެދުގައި ކަމަށެވެ.

ރިސޯޓަކަށް އަންނަ ފަތުރުވެރިންނަށް ވެސް، ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށަކަށް ދަތުރުކުރެވޭނެ އެވެ. ނަމަވެސް ސަފާރީއަކުން ގެސްޓް ހައުސް އޮޕަރޭޓުކުރާ ރަށަކަށް ދަތުރުނުކުރެވޭނެ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް ބަންދުކުރީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދޭނީ ކޮވިޑް-19 ސޭފް ޕްލޭން އެކުލަވާލާ ގެސްޓްހައުސްތަކަށް އެކަންޏެވެ. އެގޮތުން ގެސްޓްހައުސްތަކުން އެކުލަވާލާ ޕްލޭން މިނިސްޓްރީ އަށް ފޮނުވުމުން މިނިސްޓްރީ އިން އެ ޕްލޭން ބަލައި ހުއްދަ ދޭނީ ރަށު ކައުންސިލުން ގެސްޓްހައުސް އަށް ގޮސް، ޕްލޭނާ އެއްގޮތަށް ހުރިތޯ ޗެކް ކުރުމަށް ފަހު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަމަވާ ނަމަ އެވެ.

އެގޮތުން ކޮންމެ ގެސްޓްހައުސް އަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރަންޖެހޭނެ އިރު އައިސޮލޭޝަން އަށް ހާއްސަ ކޮޓަރިތަކެއް ހުންނަން ޖެހޭނެ ކަމަށް މިހާރު އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވެ އެވެ.

ގެސްޓްހައުސް ހުޅުވުމުގެ ކުރިން ރަށުގެ ރައްޔިތުންނަށް ބައްޔާ ބެހޭ މައުލޫމާތުދީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހުލުވެރި ކުރަން ޖެހެ އެވެ. ގެސްޓްހައުސް އޮޕަރޭޓުކުރާ ރަށްރަށުގައި ހާއްސަ ފްލޫ ކްލިނިކެއް ގާއިމްކޮށް އެތަނުގައި އެކަށީގެންވާ މިންވަރަކަށް ޕީޕީއީ އާއި ޓެސްޓު ކިޓްގެ ސްޓޮކް އަބަދު ވެސް ބަހައްޓަންޖެހެ އެވެ.

comment ކޮމެންޓް