މެދުއިރުމަތީގައި ރާއްޖެ ޕްރޮމޯޓުކުރަން އެމްއެމްޕީއާރުސީން އާ ދެ ކެމްޕޭން ފަށައިފި އެވެ.
މިއީ ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުން ހުޅުވާލުމާއެކު އެމްއެމްޕީއާރުސީގެ "ރީޑިސްކަވާ މޯލްޑިވްސް ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ދަށުން ޑިނާޓާ ޓްރެވަލް އަދި އެމިރޭޓްސް ވިމެންއާއެކު ކުރިއަށްގެންދާ ކެމްޕޭންތަކެކެވެ.
އެމިރޭޓްސް ގްރޫޕުގައި ހިމެނޭ ޑިނާޓާ ޓްރެވަލްއަކީ ޔޫއޭއީގައި ފަތުރުވެރިކަމުގެ ހިދުމަތް ދިނުމުގައި 60 އަހަރުގެ ތަޖުރިބާއާއެކު އެންމެ ގިނަ ދުވަސްވަންދެން މަސައްކަތް ކުރަމުންގެންދާ އެއް ކުންފުންޏެވެ. މި ކުންފުނީގެ އެކިއެކި ޗެނަލްތަކުގެ ތެރޭގައި ޔޫއޭއީ އަދި ޖީސީސީގައި ހިމެނޭ ސްޓޯރުތަކާއި ކޯލް ސެންޓަރުތަކާއި ވެބްސައިޓްގެ އިތުރުން ފުޅާ ދާއިރާއެއްގައި ހިންގާ ސޯޝަލް މީޑިއާ ޕްރޮމޯޝަންތައް ވެސް ހިމެނެ އެވެ.
އެމްއެމްޕީއާރުސީން ބުނީ ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކެމްޕޭނުގައި ޑިނާޓާގެ ވެބްސައިޓުގައި ރާއްޖެއަށް ހާއްސަ ޕޭޖެއްގައި ރާއްޖެ ޕްރޮމޯޓުކޮށް އިޝްތިހާރު ކުރާނެ ކަމަށެވެ. އަދި އީޑީއެމްއާއި ޕްރޮމޯޝަނަލް ވީޑިއޯއާއި ސޯޝަލް މީޑިއާ އިޝްތިހާރުތަކާއި ފްލަޔާސްގެ އިތުރުން ރީޓެއިލް ޕީއޮސް އާއި ތަމްރީނު ކުރުންތައް ވެސް މި ކެމްޕޭންގެ ދަށުން ކުރިއަށްގެންދާނެ އެވެ.
ދެވަނަ ކެމްޕޭނަކީ މެދުއިރުމައްޗަށް ހާއްސަކޮށް ލިޔުންތައް ތައްޔާރު ކުރުމުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިފައިވާ އަދި މި ސަރަހައްދުގެ އެންމެކުރީގައި އޮތް ލައިފްސްޓައިލް އަދި ފެޝަން ބްރޭންޑް، އެމިރޭޓްސް ވިމެންއާއެކު ކުރިއަށްގެންދާ ކެމްޕޭނެކެވެ.
ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކެމްޕޭނުގައި ހިމެނޭ ލިޔުންތައް ފާހަގަކުރާނީ ޔޫއޭއީގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރުމުގައި އިސްކަންދޭން ޖެހޭ ކަމަށެވެ. ރާއްޖޭގެ ރީތިކަން ސިފަކޮށްދޭ މަންޒަރުތަކާއި ފަތުރުވެރިން ބޭނުންވާ ފަދަމުހިންމު ލިންކުތައް ވެސް މި ލިޔުންތަކުގައި ހިމެނެނޭ އެވެ.
މީގެ އިތުރުން މި ކެމްޕޭނުގައި އެމިރޭޓްސް ވިމެންގެ ނިއުސްލެޓާ އާއި ސޯޝަލް މީޑިއާ (ފޭސްބުކް، އިންސްޓަގްރާމް)ގެ ފުރިހަމަ ބޭނުން ވެސް ހިފޭނެ ކަމަށާއި މިއާއެކު ޖުމުލަކޮށް ގާތްގަނޑަކަށް 234،000 ސޯޝަލް މީޑިއާ ފޮލޮވާސްއަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.
މި ދެ ކެމްޕޭނުގެ މަގްސަދަކީ މެދުއިރުމަތީގައި ރާއްޖެ އިތުރަށް މަގުބޫލުކޮށް، ރާއްޖެއަކީ މި ދުވަސްވަރު ވެސް ޒިޔާރަތްކުރަން ރައްކާތެރި މަންޒިލެއް ކަމުގެ ޔަގީންކަން މެދުއިރުމަތީގެ ފަތުރުވެރިންނަށް ދިނުމެވެ.
އެގޮތުން މި ކެމްޕޭންތަކުގައި ބޭނުންކުރާ މެސެޖުތަކުގައި ރާއްޖޭގައި އަޅާފައިހުރި ރާއްކާތެރި އަދި ހަރުދަނާ ފިޔަވަޅުތަކަށް އަލިއަޅުވާލައި، ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ޖަޒީރާވަންތަ ގޮތުގެ ސަބަބުން ރާއްޖެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ދައްކާލާނެ އެވެ.
މެދުއިރުމަތީގެ މާކެޓަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓެކެވެ. މިދިޔަ އަހަރު މެދުއިރުމަތީގެ ގައުމުތަކުން 60،003 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 2018ވަނަ އަހަރާ އަޅާބަލާއިރު 15.1 ޕަސެންޓުގެ ކުރިއެރުމެކެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން މިއަހަރު މެދުއިރުމަތީގެ ގައުމުތަކުން 13،436 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި ޖުލައި 15ގައި ބޯޑަރު އަލުން ހުޅުވާލި ފަހުން މިހާތަނަށް އެ މާޓުން އައިސްފައިވަނީ 2،799 ފަތުރުވެރިންނެވެ. މިއާއެކު މެދުއިރުމަތީގެ މާކެޓަކީ މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެވެ.
އެމްއެމްޕީއާރުސީން ދަނީ މެދުއިރުމަތީގެ މާކެޓަށް އަމާޒުކޮށްގެން ރާއްޖެ ޕްރޮމޯޓުކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި މިއަހަރު ކުރީކޮޅު ބޭއްވި މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ވޯގް އަރަބިއާ މެދުވެރިކޮށް ހިންގި މާކެޓިން ކެމްޕޭނާއި މޯލް އަދި ޓެކްސީ ބްރޭންޑިންގެ އިތުރުން ވާޗުއަލްކޮށް ކުރިއަށްގެންދިޔަ އަރަބިއަން ޓްރެވަލް މާކެޓުގައި ބައިވެރިވުން ހިމެނެ އެވެ.