ސީވީއެފްގެ އެމްބެސެޑަރަކަށް ރައީސް ނަޝީދު ވުމަކީ ކުރިއެރުމެއް: ޝާހިދު

އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ ހޮރަސިސް އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ ----

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޔަން ކުރެވިގެން ދިއުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު ވަނީ އދގެ އާންމު މަޖިލީހުގެ ހަވާސާގައި ވާޗުއަލްކޮށް ކުރިއަށްދިޔަ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ލީޑަރުންގެ އިވެންޓްގައި މިއަދު ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން އެ އިވެންޓްގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވަނީ ބައްދަލުވުމުގެ ބައިވެރިންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވައިފައެ.

އެ އިވެންޓްގެ ރިޔާސަތު ބެލެހެއްޓެވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއެވެ. އިވެންޓް އިންތިޒާމްކުރީ ސީވީއެފްގެ ސެކްރެޓޭރިއެޓް ގްލޯބަލް ސެންޓާ އޮން އެޑެޕްޓޭޝަން އިންނެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކައިގައި، ސީވީއެފްގެ ރިޔާސަތާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް މަރުހަބާ ވިދާޅުވެ، މޫސުމީ ބަދަލުތަކުގެ ކަންތައްތަކުގައި ބަންގްލަދޭޝްއިން އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދު ސީވީއެފް ގެ ތީމެޓިކް އެމްބެސެޑަރަކަށް ވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރައީސް ނަޝީދު އަދާކުރައްވާ އިސް ދައުރުގެ ސަބަބުން ސީވީއެފް ގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އިތުރު މަސައްކަތް ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި މޫސުމަށް އަންނަ ބަދަލުތައް ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ކޮންމެ ގައުމަކުންވެސް ގައުމީ ފެންވަރެއްގައި ކަނޑައަޅާ މިންވަރު އިތުރަށް ހަރުދަނާކޮށް، ޖައްވު ހޫނުވުމަށް މަގިފަހިކުރުވާ ގޭސްތައް މަދުކޮށް ދުނިޔެ ހޫނުވުން 1.5 ޑިގްރީޒްއަށް ވުރެ މަތިނުވާނެހެން ހިފަހައްޓަން ޖެހޭކަމުގައި ވިދާޅުވިއެވެ.

އަންނަ އަހަރު ގްލާސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ޖެހެންދެން މިހާރު މިހާރު މަސައްކަތްދާ ބާރުމިނުގައި ކުރިއަށް ގެންދިޔުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

އަދި މިހާރަށްވުރެ ވަރުގަދަ އަޒުމެއްގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރެވޭނީ، އެކަށީގެންވާ ދެމެހެއްޓެނިވި ގޮތެއްގައި އެކަމަށް ބޭނުންވާ ފައިސާ ހުރިހާ ގައުމަކުން ވެސް ލިބިގެން ކަމަށް ވިދާޅުވިއެވެ.

އަދި، މޫސުމާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނެ ކުދި ގައުމުތަކަށް މިފައިސާއިން ލިބޭ އެހީ މަދުމަކަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކަ ނިންމަވާލައްވަމުން، ސީވީއެފް އިން އަދާ ކުރާ ދައުރު އިތުރަށް ފުޅާވާނެ ކަމަށާއި އަންނަން އޮތް ޖީލުތަކަށް ދިރިއުޅެވޭނެ ރައްކާތެރި ދުނިޔެއެއް ފޯރުކޮށްދިނުމަށް މި ފޯރަމުން މުހިންމު ދައުރެއް އަދާކުރާނެކަމަށް ވިދާޅުވިއެވެ.

މިކަމަކީ، ފެހި، ނޫ އަދި ސާފު އިގްތިސޯދަކާ ދިމާލަށް އެޅޭ ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކްލައިމެޓް ވަލްނަރަބްލް ފޯރަމް އުފެދިގެންއައީ ރާއްޖޭގެ އިސްނެގުމުގެ މަތިން 2009 ވަނަ އަހަރު ޑެންމާކްގެ ކޯޕެންހޭގަންގައި ބޭއްވި އދ ގެ މޫސުމީ ބަދަލުތަކާ ބެހޭ މަހާސިންތާގެ (ކޮޕް 15) ތެރެއިންނެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ފައްތަރެއްގައި އޮތް 48 ގައުމުގެ އަޑު އުފުލައި ބައިނަލްއަގުވާމީ ދުނިޔޭގައި ގުގުމާލަދޭ ތަފާތު ފޯރަމެއްގެ ގޮތުގައި ސީވީއެފް ފާހަގަކުރެވެއެވެ.

ސީވީއެފްގެ މަސައްކަތް ކުރިއަރުވައި، ގުޅުން ވަރުގަދަކުރުމުގެ ގޮތުން، ކަނޑައަޅާފައިވާ ހަ ދާއިރާއިން އެމްބެސެޑަރުން ކަނޑައަޅާފައިވެއެވެ. އެ ދާއިރާތަކުގެ ތެރޭގައި އެމްބިޝަން، ކަލްޗަރ، ފައިނޭންސް، ޕާލިމަންޓްސް އަދި އިޔާދަކުރަނިވި ހަކަތައާއި ވަލްނަރަބިލިޓީ ހިމެނެއެވެ.

ރައީސް ނަޝީދަށް އަރުވާފައި ވަނީ 'ތީމެޓިކް އެމްބެސެޑަރ އޮފް ސީވީއެފް ފޯ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަން' އެވެ.

comment ކޮމެންޓް