އިންޑިއާއިން ދަރަނި ނެގުމަކީ ދަންތުރައެއް ނޫން ކަމަށް ނަޝީދު ވިދާޅުވެއްޖެ

އިންޑިއާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ފަހު މެންބަރުންނާ ސަލާމް ކުރެއްްވުން -- ފޮޓޯ/ މަޖިލިސް

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ ލޯނުތަކަކީ ދަރަނީގެ ދަންތުރައަކަށް ނުވަނީ، އެ ލޯނުތައް ނަގާފައި ވަނީ ދެފުށް ފެންނަ ގޮތަކަށް ކަމުގައި ވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށް އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަށް ދިވެހި ސަރުކާރުން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

ނަމަވެސް ޗައިނާގެ ސަފީރު ވަނީ އެކަން ދޮގުކުރައްވައިފައެވެ. ސަފީރު ވިދާޅުވީ ދަރަނީގެ އަދަދަކީ 1.52 ބިލިއަން ޑޮލަރު ކަމަށެެވެ.

ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށް ނަޝީދު ވިދާޅުވާ އިރު މި ސަރުކާރު އައި ފަހުން އެކި ގޮތް ގޮތުން ރާއްޖެއިން އިންޑިއާއިން ނަގާފައިވާ ދަރަނިތަކުގެ އަދަދު 25.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އިންޑިއާގެ ދަރަނި، ދަންތުރައަކަށް ނުވާ ސަބަބާއި ޗައިނާގެ ލޯނު ދަންތުރައަކަށް ވަނީ ކީއްވެގެންކަމަށް ވިދާޅުވެދެއްވައިފައެވެ.

ނަޝީދު ވިދާޅުވީ ދަރަނީގެ ދަންތުރައަކަށް ވެގެން ދަނީ ނަގާ ދަރަންޏާ، އުފައްދާ އެސެޓް ނުވަތަ ހަރު މުދަލާ އެއްވަރު ނުވުމުން ކަމަށެވެ.

ދައުލަތަކުން ބަޔަކު މި ނަގަނީ ވިޔަފާރިއަކަށް ވިޔަސް، މި ނަގަނީ ލޯނެއް. ނަގާފަ މިސާލަކަށް ބައްލަވާ ފަސޭހަކޮށްލަން 100 މިލިއަން ޑޮލަރުގެ ލޯނެއް. ނަގާފާ އޭގެން ކުރާ ހަރަދުން 100 މިލިއަން ޑޮލަރުގެ ހަރު މުދާ އުފެދޭން އެބަޖެހޭ. ހަގީގަތުގައި ގިނައިން އުފެދޭނެ އޭގެ ދެ ގުނައިގެ ހަރު މުދާ. ދަރަނީގެ ދަންތުރައަކަށް ވަނީ ނަގާ ފައިސާއިން ކުރާ ކަންތަކުން، އެ ފައިސާ އަނބުރާ ދެއްކޭނެ އިގްތިސޯދީ ހަރަކާތް ނުނެރެވެން ފެށުނީމަ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އިންޑިއާ ލޯނާއި ޗައިނާ ލޯނުގައި ހުރި ދެވަނަ ތަފާތެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ ލޯނުތައް ނަގާއިރު ދެފުށް ފެންނަ ގޮތަކަށް ޓެންޑަރުގެ މަސައްކަތް ކޮށްފައި ހުރުމެވެ.

"އިންޑިއާގެ ލޯނުތައް މި އަންނަނީ، ޓެންޑާ މި ކުރެވެނީ ރާއްޖޭގެ ޓެންޑާ ބޯޑުން. އެބޭފުޅުން ޝޯޓްލިސްޓު ކޮށްފައި، ކުންފުނިތައް ބަހައްޓާ ދިވެހިރާއްޖޭގެ މިނިސްޓްރީތަކުގައި ވެސް އެކި ބާވަތުގެ ޓެންޑަރުތަކަށް ކުރިމަތިލެވޭނީ އެކި ގްރޭޑުތަކުގެ ކުންފުނި. އެހެންވީމަ ބައިނަލްއަގުވާމީ ކުންފުނިތަކަށް ކުރިމަތިލެވޭ ކުންފުނިތައް އެއްކޮށް. އެއީ ދިވެހި ކުންފުންޏާ އިންޑީއާ ކުންފުންޏާ އެކީގައި ރެކަމެންޑްކޮށްފައިވާ ލިސްޓެއްގައި، ހުޅުވާލެވިފައިވާ ޓެންޑަރެއްގައި މި މަސައްކަތް މި ހިނގަނީ. އެހެންވީމަ ދެފުށް ފެންނަ ގޮތަށް މިކަން މިވަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއާ ހިލާފަށް، އެހެން ފަރާތްތަކާއެކު ލޯނަކަށް އެއްބަސްވެ، މަސައްކަތަކަށް އެއްބަސްވެ، ބަޔަކު މީހުން މަސައްކަތްކޮށް ނިންމާފައި ދިއުމުން ސަރުކާރަށް އަންނަނީ ބިލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެ ދަރަނިން އުފައްދާ ހަރުމުދާ، ދަރަންޏާ އެއްވަރު ނުވެ، އެ ދަރަނި އަނބުރާ ދައްކަން އިގްތިސޯދީ ހަރަކާތް ނުހިންގުމުން ދެން ޖެހޭނީ ދަރަނީގެ ދަންތުރައެއްގައި ކަމަށެވެ.

"އިންޑިއާއިން ސަރުކާރުން ނަގަމުން އެގެންދާ ލޯނާ އަދި އެހެން ވެސް އެހީތައް އެކަންކަން ކުރަމުން އެ ގެންދަނީ ދެފުށް ފެންނަ ގޮތަށް، އިތުރު ހުރަހެއް އެކަމަށް ނާންނަ ގޮތަށް އަދި ކޮންމެ ކަމެއް ވެސް ދެފުށް ފެންނަ ގޮތަށް ޓެންޑަރުގެ އުސޫލުން ކުރެވުނީމާދެން ހުރިހާ ބޭފުޅުންނަށް ވެސް އެކަމާ ގުޅޭގޮތުން ވާހަކަ ދެކެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާއިން ދަރަނީގެ ގޮތުގައި ނަގާފައިވާ ފައިސާގެ ތަފްސީލް:

  • މަޝްރޫއުތައް ހިންގަން އެލްއޯސީ ފެސިލިޓީ - 800 މިލިއަން ޑޮލަރު.
  • ބަޖެޓް ސަޕޯޓް 200 މިލިއަން ޑޮލަރު.
  • ކަރަންސީ ސްވޮޕުން ނެގި 400 މިލިއަން ޑޮލަރު.
  • ސްޓޭޓް ބޭންކު އޮފް އިންޑިއާއަށް ވިއްކި 250 މިލިއަން ޑޮލަރު ޓްރެޝަރީ ބޮންޑެއް.

އެއީ ޖުމްލަ 1.65 ބިލިއަން ޑޮލަރު (25.44 ބިލިއަން ރުފިޔާ) އެވެ. ޗައިނާ ސަފީރު ވިދާޅުވާ ގޮތަށް، ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުގެ އަދަދކީ 1.52 ބިލިއަން ޑޮލަރު ކަމަށް ވާނަމަ، ޗައިނާއަށް ދައްކަންޖެހޭ ލޯނަށް ވުރެ، މި ސަރުކާރުގެ ދެ އަހަރު ތެރޭ އިންޑިއާއިން ނެގި ލޯނުގެ އަދަދު މިވަނީ އިތުރުވެފައެވެ.

comment ކޮމެންޓް