ރައީސް ސޯލިހާއި މަޖިލިސް ރައީސް ބައްދަލުކުރައްވައިފި

ރައީސް ސޯލިހާއި ރައީސް ނަޝީދު: މިއަދު މުލިއާގޭގައި އެ ދެބޭފުޅުން ވަނީ ބައްްދަލު ކުރައްވާފައި ---

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ ދެ ބެފުޅުން ބައްދަލުކޮށްފައިވަނީ މިއަދު މެންދުރުފަހު މުލިއާގޭގަ އެވެ.

ބައްދަލުވުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދެބޭފުޅުން މިއަދު ބައްދަލުކުރައްވައި ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ.

"ކޯވިޑް19 އާއި އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖްލިސް އެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރިން. ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ ދެބޭފުޅުންގެ ބައްދަލުވުމާ ގުޅޭ ދެ ފޮޓޯއެއް ވެސް ހިއްސާކުރައްވައިފައެވެ. އެއް ފޮޓޯއިން މުލިއާގޭ ބޭރުގައި ދެބޭފުޅުން މަޑުކޮށްލައްވައިގެން ތިއްބަވާ މަންޒަރު ފެންނަ އިރު، އަނެއް ފޮޓޯއިން މުލިއާގޭގައި ދެބޭފުޅުން ބައްދަލު ކުރައްވާ މަންޒަރު ފެނެ އެވެ.

ދެ ރައީސުން މުލިއާގޭގައި ބައްދަލު ކުރައްވަނީ: މިއީ ތިން މަހަށްފަހު އެ ދެބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު --

މިއަދު އެ ދެބޭފުޅުން ބައްދަލު ކުރެއްވި އިރުވެސް، އެ ދެބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަަމަށް ބުނެ މީގެ ދުވަސްތަކެއް ކުރިން އަޑު ފެތުރިފައިވެ އެވެ. އެގޮތަށް އަޑު ފެތުރިނީ، ރައީސް ނަޝީދު އިސްވެ މި ސަރުކާރުގެ މުހިންމު މިނިސްޓަރެއް ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރުމަށް މަޖިލިހަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދަން މަސައްކަތް ކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އޭރު ރައީސް ސޯލިހް ވަނީ ފާޅުގައި، ފައްޔާޒުގެ ދިފާއުގައި ވާހަކަވެސް ދައްކަވާފަ އެވެ. އަދި އެމަނިކުފާނުގެ އިތުބާރު ފައްޔާޒަށް އޮތް ކަމަށްވެސް ރައީސް ސޯލިހް އޭރު ވިދާޅުވި އެވެ.

މިއަދު މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށެވެ.

ދެ ރައީސުން އެންމެފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ ޖުން މަސް ތެރޭގަ އެވެ. އޭރުވެސް ސަރުކާރާއި މަޖިލީހާ ދެމެދު ހިޔާލުތަފާތުވުންތަކެއް އޮތެވެ. އެގޮތުން ކޮވިޑާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ ގުޅޭ ގޮތުން މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި ރައީސް ނަޝީދު އޭރު ސަރުކާރަށް ފާޑު ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް