ކުދިން ބައިތިއްބާ ގެތަކުގެ ވިޔަފާރީން އަނދިރި ފަރާތެއް!

މާލޭގެ ގެއެއްގެ ބޭރުގައި ފައިވާން ލާ ހަރެއް ފުރިފައި. -- ސަން ފޮޓޯ

ކޮޓަރިއަށް ވަނުމަށް ހުސެއިން (އަސްލު ނަމެއް ނޫން) އިޝާރާތްކޮށްލުމާއި އެކު މަޑުމަޑުން ދޮރުހުޅުވާލައި އެތެރެއަށް ވަދެ އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ މަތިމައްޗަށް ޖަހާފައި ހުރި އެނދުތަކެވެ. އެގޮތަށް ތިން އެނދު މަތިމައްޗަށް ނަގާފައި ހުރިއިރު 12 ވަރަަކަށް ފޫޓު ހުރި އެ ކޮޓަރީގައި ޖުމްލަ ނުވަ އެނދު އެގޮތަށް ހުއްޓެވެ.

އެތެރެއަށް ވަދެ މުޅި ކޮޓަރިއަށް ރަނގަޅަށް ކަޅި ހިންގާލުމުން ރާއްޖޭގެ އެކި ރަށްރަށުން މާލެއަށް އަންނަ ގިނަ ބަޔަކު ދިރިއުޅޭ އަސްލު ހަގީގީ ހާލު އަހަންނަށް ތަސައްވުރު ވެގެން ދިޔަ އެވެ.

ކޮޓަރި ބަލާލަން ދިޔަ ވަގުތަކީ މެންދުރުގެ ވަގުތު ކަމުން އޭރު ކޮޓަރި އޮތީ ހުސްކޮށެވެ. އެކަމަކު ކޮޓަރީގެ ދޮރުގައި އެތަނުގައި ދިރިއުޅޭ ކުދިން އަމަލުކުރުމަށް އޮތް ގަވާއިދުތަކާއި އުސޫލުތައް ކިޔައިދޭ ގަނޑުން އެތަނުގައި މީހުން އުޅޭ ގޮތް ސިފަވެގެން ދިޔަކަހަލައެވެ. އެގަނޑުގައި އެތަނުގެ އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ކަމޭހިތައި، އަޑުގަދަ ނުކޮށް، އެކަކު އަނެކަކަށް އުނދަގޫވާނޭހެން ނޫޅުން އަދި ކޮޓަރިން ބޭރުން އެހެން މީހުން ކޮޓަރިއަށް ނުވެއްދުން ފަދަ "ރޫލްސް" ތަކެއް ލިޔެފައި އޮތެވެ. ކޮޓަރި ސާފު ކުރަން އޮންނަނީ ވަކި ޝެޑިއުލްއަކުން ކޮންމެ ހަފްތާއަކުވެސް ވަކި ކުއްޖެކެވެ.

ކޮންމެ އެނދު ބަރިއަކަށް ކަރަންޓު ބޯޑެއް ހަރުކޮށްފައި ހުރިއިރު ޗާޖަރު ފަދަ ތަކެތި ކަރަންޓު ބޯޑަށް ގުޅާފައި ހުއްޓެވެ. އެނދުގެ ދެ ފަޅީގައިވެސް ތުވާލި އަދި އަންނައުނު އަޅުވާފައި ހުރި ކޮނޑު ހުރިއިރު ނުވަ އެނދުގެ ތެރެއިން ކޮންމެ އެނދެއްގައިވެސް އޮތީ އެންމެ ބާލީހެކެވެ.

ކޮޓަރީގެ އެއް ފަޅީގައި ލޮކަރު ބަރިއެއް ހުރިއިރު ކޮޓަރި ދައްކާލަން އައި ގެ ކުއްޔަށް ހިފައިގެން އުޅޭ ހުސެއިން ބުނިގޮތުގައި އެ ލޮކަރުތަކަކީ ކޮޓަރީގައި އުޅޭ ކުދިންގެ އަންނައުނު، ރީތިވާ ސާމާނު އަދި އަމިއްލަ ތަކެތި ބަހައްޓަން ހުރި ލޮކަރުތަކެވެ.

"ދެން އެއްޗިހިތައް ލޮކަރުގައި ތަޅުލާފައި ބެހެއްޓުން ރަނގަޅީ، ލެޕްޓޮޕް ކަހަލަ އަގުބޮޑު އެއްޗިހި. ފެންނަ ހިސާބުގައި ނުބަހައްޓާށޭ މިބުނީ. މިހެން ބުންޏަސް އެއޮތީ މިހާރުވެސް،" ކޮޓަރީގެ އެނދެއް މަތީގައި އޮތް އަސުސް ބްރޭންޑްގެ ލެޕްޓޮޕެއް ދައްކާލަމުން ހުސެއިން ބުންޏެވެ.

"އެހެން ބުނަނީ ވައްކަން ވިޔަ ނުދޭން އަސްލު. އެކަހަލަ ކަންކަން ވެފައި ހުރީމަ މިހާރު ވަރަށް ބަލައިގެން ކުދިން ގެންނަނީ. ކުށުގެ ރެކޯޑަށް ކަހަލަ ކަންކަމަށް،"

މާލޭގައި ކުދިން ބަހައްޓާ ގެޔެއްގެ ކޮޓަރިއެއް ތެރެ. -- ސަން ފޮޓޯ

ނުވަ ކުދިން ދިރިއުޅެމުންދާ އެ ކޮޓަރީގައި ހުރީ އެންމެ ފާހާނާއެކެވެ. އެ ފާހަނާ ބޭނުންކުރަން ދަތިތަކެއް ވާނެތޯ ސުވާލުކުރުމުން ހުސެއިން ބުނީ އެކަމުގެ ޝަކުވާ ކޮންމެވެސް ވަރަކަށް އަންނަ ކަމަށެވެ.

"ދެން އަހަރުން ބުނަން، ކުދިން އަމިއްލައަށް ވާހަކަދައްކައިގެން ހައްލުކުރާށޭ، ޝެޑިއުލްއެއް ހަދާށޭ، ނޫނީ. ދެން ތި ކުއްޖާ ނަގަންޏާ އޮފީހަށް ދާ ގަޑި ބަލައިގެން އެހެން ކުދިންނާ ވާހަކަދައްކާލާ. އޭރަށް އޯކޭ ވާނެ." ހުސެއިން ވަރަށް ހަމަޖެހިލައިގެން ބުންޏެވެ.

ފާހާނާ ސާފުކުރަނީ ކާކުތޯ އަހަރެން އެހުމުން ހުސެއިން އިނގިލިން އިޝާރާތްކޮށްލީ ފާހާނާ ދޮރުގައި އަޅުވާފައި އޮތް ޝެޑިއުލްއަކަށެވެ. ކޮޓަރީގައި އުޅޭ ކޮންމެ ކުއްޖަކުވެސް ވަކި ތަރުތީބަކުން ކޮންމެ ހަފްތާއަކު ހުކުރު ދުވަހު ފާހާނާ ސާފުކުރަން ގަނޑެއްގައި ލިޔެފައި އޮތެވެ.

(ކ) މާލޭގައި ކުދިން ބަހައްޓާ ގޭއެއްގައި ކޮޓަރީގެ ފާހަނާ ސާފުކުރަން ހަރުކޮށްފައި އޮތް ޝެޑިއުލްއެއް. (ވ) މާލޭގައި ކުދިން ބަހައްޓާ ގެޔެއްގެ ކޮޓަރިއެއްގެ ތެރެ. -- ސަން ފޮޓޯ

އެއްޗިހި ދޮވެ ކެއުމުގެ ކަންތައް ހުންނަނީ ކިހިނެތްތޯ އެހުމުން ހުސެއިން ބުނީ ދާވެފައި ހުންނަ އެއްޗިހި އެ ގޭ މީހުން އެއްޗިހި ދޮންނަ ދުވަހު ދޮވެދޭނެކަމަށެވެ. އަދި ބޭނުން އިރަކު ކެވޭނެކަމަށެވެ. އެގޭގެ ދައްތަމެން މީހަކު ނެތްނަމަ އަމިއްލައަށް އަޅައިގެން ކާލިޔަސް "އޯކޭވާނެ" ކަމަށް ހުސެއިން ބުންޏެވެ. އާންމުކޮށް ކާން ހުންނާނީ ކޯންޗެއްތޯ އަހާލުމުން ޖަވާބުގައި ބުނީ ކާން ހަމަ އާދައިގެ އެއްޗިހި ހުންނާނެކަމަށެވެ. ދެން ހުކުރު ދުވަސް ކަހަލަ ދުވަސް ދުވަހު ކުކުޅު ކަހަލަ އެއްޗެއް ކައްކާނެކަމަށް ހުސެއިން ބުންޏެވެ.

ކޮޓަރީގައި ވައި ބޭރުވާނެ ގޮތެއް ނެތުމުން އެކަމާއި ސުވާލުކުރުމުން ހުސެއިން ބުނީ އެއީ ދެން ކޮޓަރީގައި އުޅޭ ކުދިންނަށް މާ މުހިންމު ކަމެއް ނޫންކަމަށެވެ. ދެން ފިނިކޮށްލަން ބޭނުމިއްޔާ ބޭރަށް ނިކުމެ ސޯފާގައި ޖައްސާލިޔަސް މައްސަލައެއް ނެތްކަމަށް އޭނާ ބުންޏެވެ.

އެއްވެސް ކަހަލަ "ޕްރައިވެސީ" އެއް ކޮޓަރީގައި ދިރިއުޅޭ މީހުންނަށް ލިބޭނެކަމާއިމެދު އަހަރެންގެ ސިކުނޑީގައި ސުވާލުއުފެދުމުން ހުސެއިން ކައިރިން އެކަމާ މެދުވެސް ސުވާލުކޮށްލީމެވެ.

"ދެން ފިރިހެން ކުދިންނެއްނު، ގިނައިން އުޅޭނީ ސްކޫލުގައި ނޫނީ އޮފީހުގައި. އެހާ ގިނައިން ގެޔަކަށް ނާންނާނެ. ނިދަން އެކަނި އަންނާނީ މި އެނދުގަ އޮންނަ ކުއްޖާވެސް." ކޮޓަރީގެ ކަނާތް ފަޅީގައި ހުރި އެނދަކަށް އިޝާރާތްކުރަމުން ހުސެއިން ބުންޏެވެ.

މި ބުނި ކޮޓަރީގައި ހުންނަ ކުއްޖެއް ކުލީގެ ގޮތުގައި ކޮންމެ މަހަކުވެސް ދައްކަނީ 3،250 ރުފިޔާ އެވެ. ނުވަ ކުދިންގެ މައްޗަށް ހިސާބު ޖެހުމުން 28،980 ރުފިޔާ ގެ ކުއްޔަށް ނަގައިގެން އުޅޭ ހުސެއިން އާއި އޭނާގެ އާއިލާއަށް ކޮންމެ މަހަކުވެސް ލިބެ އެވެ.

ހުސެއިން އާއި އޭނާގެ އާއިލާވެސް ދިރިއުޅެމުން ދަނީ މާލޭގެ ގެޔަކުން ތިން ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެންނެވެ. ގޭ ކުލީގެ ބޮޑުބައި ހަމަޖައްސަން އެއް ކޮޓަރީގައި މި ބައިތިއްބަނީ ކުޑަ އަގެއްގައި އެތައް ބައެކެވެ. މިހެން ހަދާ ސަބަބު ސާފުނުވި ނަމަވެސް މާލޭގައި ތިން ކޮޓަރީގެ އެޕާޓްމެންޓެއް ލިބޭ އަގަށް ބަލާއިރު ކުދިން ބަހައްޓާ ކޮޓަރިން ލިބޭ ފައިސާއިން ކުލީގެ ވަރަށް ބޮޑު ބައެއް ނުވަތަ ކުލި އެއްކޮށްވެސް ހިފެހެއްޓޭނެކަން ވަރަށް ސާފެވެ.

ކޮޓަރިން ނިކުމެ ގޭތެރެއަށް ކުޑަކޮށް ބަލާލުމުން ހުސެއިން ހިތްހަމަނުޖެހިފަ ހުރި ރާގަކަށް "ދެން ނަގަންތަ؟" މިހެން އަހާލި އެވެ. ހުސެއިންގެ ރާގުގެ ސަބަބުން އަދި އެހެން ތަނެއް ބަލާލާފަ ފަހުން ގުޅާލާނޭކަމަށް އޭނާ ކައިރީގައި ބުނެލާފައި އަހަރެން އެގެއިން ނިކުތީމެވެ.

މިފަދަ ބައެއް ގެތަކުގައި ދިރިއުޅޭ ކުދިންނަށް ބައެއް ފަހަރު އިހާނެތިކޮށް ކަންތައް ދިމާވާކަމުގެ ވާހަކަތަައްވެސް ވަނީ އަޑުއިވިފަ އެވެ. އެހެންނަމަވެސް ދިރިއުޅޭ ހާލަށް ލަދަށް އެ ވާހަކަ ކިޔައިދޭނީވެސް ވަކި ކާކުހެއްޔެވެ؟ ނަމަވެސް މިފަދަ ބައެއް ގޭގޭގައި އުޅޭ ކުދިން އެ ވާހަކަތައް "ސަން"އަށް ކިޔައިދިނެވެ.

މާލޭގައި ކުދިން ބަހައްޓާ ގެއެއްގެ ކޮޓަރިއެއްގެ އެތެރެ. -- ސަން ފޮޓޯ

ކުދިން ބަހައްޓައިދޭ ގެއެއްގައި އެނދެއް ކުއްޔަށް ހިފައިން ދިރިއުޅޭ ކުއްޖަކު ބުނިގޮތުގައި އޭނާއާއެކު އެއް ކޮޓަރީގައި ހަ މީހުން ދިރިއުޅެއެވެ. މީރާ ކައިރީގައި ހުންނަ އެގޭގައި ދިރިއުޅޭ މި ކުއްޖާއަކީ މާލޭގެ ސްކޫލަކުން ހަޔާ ސެކަންޑަރީ ނޫނީ 11،12 އަށް ކިޔަވަމުންދާ ކުއްޖެކެވެ. އެ ކުއްޖާގެ ކުލި ދައްކަނީ ރަށުގައި ތިބި އޭނާގެ މައިންބަފައިންނެވެ. ނުފޯރާ ފޮތިން ފޫނުގަޅަން މާލެއަށް ބަދަލުނުވެ ތިބި އޭނާގެ މައިންބަފައިން ކޮންމެ މަހަކުވެސް ފައިސާ ފޮނުވަ އެވެ.

"ކުލި ދައްކާ ފުރަތަމަ ދުވަސްވަރު ކަންކަން ރަނގަޅުވާނެ. ސައިވެސް ހުންނާނެ. އިސްތިރިވެސް ކޮށްދޭނެ. އެކަމަކު މަސް ނިމެން މެދުތެރެއަށްދާއިރު އެ ދާނެ. ކަމަކު ބުންޏަސް ވަރަށް މަދު ފަހަރަކު ކޮށްދޭނީ. ދެން އަމިއްލައަށް ކުރަންވެސް އުނދަގޫ ސްކޫލަށް ދަމުން. ކިޔަވަންވެސް އަސްލު ދަތިވޭ، އެކަމަކު ދެން އިތުރު ގޮތެއް ނެތް، އެހެންވެ މި ހުންނަނީ." އެ ކުއްޖާ ކިޔައިދިނެވެ.

މިފަދަ ގޮތަކަށް ކުދިން ބަހައްޓާ ކޮންމެ ކޮންމެ ގެޔަކުން ކަންކަން ދިމާނުވިޔަސް އެ ކުއްޖާގެ ވާހަކަތަކުން އެނގިގެންދިޔަކަމަކީ މިއީ އެއްވެސް މީހަކު ދިރިއުޅެން ބޭނުންވެގެން އުޅޭ ގޮތެއް ނޫންކަމެވެ. އެހެން ނަމަވެސް ހުރި ހާލުގެ ސަބަބުން އިތުރު ގޮތެއް ނެތިގެން ދިރިއުޅޭ ތަންތަންކަމެވެ.

މިގޮތަށް އަންހެން ކުދިން ބައިތިއްބާ ނުވަތަ އަންހެން ކުދިންނަށް ހާއްސަ ގެތަށްވެސް ހުރެ އެވެ. އަންހެން ކުދިން ދިރިއުޅެން ހާއްސަކޮށް ހުންނަ މިފަދަ އެއް ގޭގައި އުޅޭ ކުއްޖަކު ހޯދުން ވެގެން ދިޔައީ ވަރަށް އުނދަގޫ ކަމަކަށެވެ. އެކަމަކު އެންމެ ފަހުން މާލޭގެ ބިސްބުރު ކައިރީގައި ހުންނަ މިފަދަ އެއް ގޭގައި އުޅޭ ކުއްޖަކާއި ވާހަކަދައްކައި މައުލޫމާތު ހޯދުނެވެ.

"ކާން ދާން ޖެހެނީ ދައްތަމެންގެ ބަޔަށް. އެއީ ޖެހިގެން ހުންނަ ފްލޯ. ކާ އެއްޗިހި ހުރޭ ދެން އާދައިގެ އެއްޗިހި. ދެން ކޮޓަރީގައި އުޅޭ ފަސް ވަރަކަށް ކުދިން. ގިނަ ކުދިން އެއީ ކިޔަވަން ދާ ކުދިން. ދެން ބައެއް ފަހަރު ނިދަން ނޫނީ އެހެން ކަންކަން ކުރަން އުނދަގޫވޭ ގިނަ ކުދިން އެއް ކޮޓަރީގައި އުޅޭތީ، އަޑުގަދަވެސް ވާނެތާ. ދެން އޭސީ އެއް ނުހުންނާނެ އެހެންވީމަ ހޫނުވެސް ވޭ އެންމެން އެއްކޮށް ނިދާއިރު." އެ ކުއްޖާ ކިޔައިދިނެވެ.

މާލޭގައި މިގޮތަށް "ކެމްޕަސް" ސްޓައިލް ގެތަކުގައި ހައިރާންވާހާ ގިނަ އަދަދަކަށް ކުދިން އުޅޭ ގެތަށްވެސް އެބަ ހުއްޓެވެ. ތިރީހާއި ސާޅީހާ ދެމެދުގެ އަދަދަކަށް ދެ ތިން ހަތަރު ކޮޓަރީގައި ކުދިން ބަހައްޓާ ގެތަށްވެސް އެބަ ހުއްޓެވެ. ގަބޫލުނުކުރެވުނަސް މިއީ ހަގީގަތެވެ.

މާލޭގައި ކުދިން އުޅޭ ގެޔެއްގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ލޮކަރުތަކެއް. ސަން ފޮޓޯ

މިފަދަ ކޮޓަރިތަކުން ޖާގައެއް ހުސްވެއްޖިއްޔާ ގޭގެ ވެރިން ނުވަތަ ކުއްޔަށް ދޭ ފަރާތުން އަނެއްކާވެސް އައިބޭގައި އިތުރު ކުއްޖަކު ހޯދަން އިއުލާނެއް ކުރެ އެވެ. ޖާގަ ނަގަން ބޭނުންވާ ކުއްޖާ ނުވަތަ އެ ކުއްޖާ ފޮނުވާ މީހަކު އައިސް ކޮޓަރި ބަލާލުމަށްފަހު ހިތްހަމަޖެހެންޏާ އަދި އަގު ރަނގަޅިއްޔާ ދެންވީ ކޮޓަރިއަށް ބަދަލުވާށެވެ.

އައިބޭގައި މިގޮތަށް އިއުލާންކޮށްފައި ހުރި ގެތަކަށް ގުޅައިގެން މައުލޫމާތު ހޯދިއިރު އާންމުކޮށް 2،000 ރުފިޔާއާއި 4،000 ރުފިޔާއަށް ކޮޓަރިއަކުން އެނދެއް ލިބެ އެވެ. ކޮޓަރީގެ ފެންވަރު އަދި ގޭގެ ޙިދުމަތްތަކަށް ބަލައި އަގަށް ބޮޑެތި ބަދަލުތަކެއް އައުންވެސް އެކަށީގެންވެސްވެ އެވެ.

އެގޮތުން އޭސީ ނުވަތަ ވައިފައި ހުންނަ ކޮޓަރިއެއް ވިއްޔާ އާންމު ގޮތެއްގައި އަގު އުޅެނީ 3،000 ރުފިޔާ ނުވަތަ އެޔަށް ވުރެ މަތީގަ އެވެ. ގުޅާލި ގިނަ ގެތަކުން އެވަރެޖްކޮށް ހުރީ ހައެއް ނުވަތަ ފަސް ކުދިން ދިރިއުޅޭ ކޮޓަރިތަކެވެ. އެހެންނަމަވެސް ނުވަ ވަރަކަށް ކުދިން އުޅޭ ކޮޓަރިތަކަށްވެސް އެތައް ފަހަރެއްގެ މަތިން ގުޅުނެވެ.

އަހަންނަށް ފެނިގެން މި ދިޔައީ މާލޭގައި ދިރިއުޅޭ އެތައް ބައެއް ތަހައްމަލުކުރާ ދަތިކަމެކެވެ. ގޭގެ ކުލި ހަމަޖައްސަން ނުވަތަ ރެގިއުލޭޓްނުކުރާ ފަސޭހަ ވިޔަފާރިއެއް ކުރުމަށްޓަކައި ހިންގާ ކުދިން ބަހައްޓާ "ގެސްޓުހައުސް" ނުވަތަ "ހޮސްޓެލް"ތަކުގެ ފަރުދާގެ އަނެއް ފަރާތެވެ. ބައެއް ގެތަކުގެ ފެންވަރު ރަނގަޅު އިރު އަހަންނަށް އަދި ވަދެނުލެވޭ ހާލު ދެރަ ގެތަށްވެސް އެބަހުއްޓެވެ.

މި ރިޕޯޓަށްޓަކައި ޒިޔާރަތް ކުރި މަދު ގެތަކުން، އަދި ގުޅުނު އެކި ނަންބަރުތަކުން އެނގިގެންދިޔަ ކަމަކީ މިއީ މިހާރު މާލޭގައި ވަރަށް އާންމު ކަމެއް ކަމެވެ. މި ވިޔަފާރި ފުޅާވެގެންގޮސް އައިބޭގައި މިކަމަށް ހާއްސަ ކެޓަގަރީއެއްވެސް ވަނީ ގާއިމުކޮށްފަ އެވެ.

ޒިޔާރަތް ކުރި ގެތަކުން އަދި ވާހަކަދައްކާލި މީހުންގެ ފަރާތުން އެނގުނު ގޮތުގައި ކުދިން ބަހައްޓާ ކޮޓަރިތައް ނުވަތަ ގެތައް ހަދައިގެން އުޅެނީ ކުލި ދައްކަން ފަސޭހަ ކޮށްލަން ނުވަތަ ހުސް ކޮޓަރިއެއް ނުބަހައްޓަން ނުވަތަ ހަމައެކަނި ވިޔަފާރީގެ ގޮތުގައިވެސް ކަމެއް ކޮށްލުމުގެ ބޭނުމުގަ އެވެ.

މީ ދިރިއުޅުމެއް ހެއްޔެވެ؟

މާލޭގެ ގެވެހިކަމުގެ މައްސަލައަށް ހައްލު ހޯދަން އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޖަމިއްޔާކަމުގައިވާ ނަވާނަވައިގެ ސްޕޯކްސްޕާސަން ފާތިމަތް ސާއިރާ ބުނިގޮތުގައި މި ފަދަ ވިޔަފާރިތަކުން އެންމެ ރަނގަޅަށް ފެންނަ އެއް ކަމަކީ މާލޭގައި ދިރިއުޅުމަށް މީހުން ބޭނުންޖެހިފައިވާ ނުވަތަ "ޑެސްޕަރޭޓް" ވެފައިވާ މަންޒަރެވެ.

"އަޅުގަނޑުމެންނަށް މިހާރު ހީވެފައި އޮންނަ ގޮތަކީ އެގޮތަށް ދިރިއުޅޭއިރު ޕްރައިވެސީ ކަހަލަ އާދައިގެ ކަންކަމަކީވެސް ޕްރިވިލެޖްއެއް ނުވަތަ ވަކި ފެންވަރެއްގެ ބަޔަކަށް ލިބެންޖެހޭފަދަ އެއްޗެއްކަމަށް. އެކަމަކު ރާއްޖެފަދަ ގައުމެއްގައި އެކަން އޮންނަން ޖެހެނީ އެހެނެއް ނޫން،" ސާއިރާ ބުންޏެވެ.

"މި އުޅެނީ ވަޒީފާއަށް ގޮސް، ލިބޭ މުސާރައިން ދެކޮޅުނުޖެހި މަރުނުވެ ދިރިހުރެވޭވަރު ކިރިޔާ ކޮށްލަން. އާދައިގެ މީހެއްގެ ވަޒީފާގެ އާމްދަނީ އަކީ 5،000 ރުފިޔާ، ދެން މާލޭގެ 70 އިންސައްތަ މީހުންނަކީ ކުލި ދީގެން ދިރިއުޅޭ މީހުން. އެކަހަލަ މީހުންނަށް މިކަހަލަ އާދައިގެ ކަންކަންވެސް އޮންނަނީ ގިނަ ފަހަރަށް އެއް ފަރާތްކޮށްލާފައި އެއީ ނުލިބުނަސް އޯކޭ ކަމެއްކަމަށް. އެއީކީ ދިރިއުޅުމެއް ނޫން."

މިފަދަ ގޮތަކަށް ވިޔަފާރި ކުރަން ފުރުސަތު ލިބެނީ ނުވަތަ "އެކްސްޕްލޮއިޓް" ކުރެވެނީ އެކަން ކުރާ ފަރާތްތަކަށްވެސް ލިބެންޖެހޭ ކަންކަން ނުލިބި، ނުވަތަ ފައިދާއެއް ހޯދަން ނުވަތަ "ސޭވް" ކުރަން ނުވަތަ އާމްދަނީ ހޯދަންކަމަށް ސާއިރާ ބުންޏެވެ.

މާލޭގައި ކުދިން ބަހައްޓާ ގެޔެއްގެ އެތެރެ.

މި މައްސަލައަކީ އެންމެ މައްސަލައެއް ނޫންކަމަށް އަދި މިއީ އެތައް އެތައް މައްސަލައެއްގެތެރެއިން އެއް މައްސަލަކަމަށް ސާއިރާ ބުންޏެވެ. މީގެ ކޮންމެ މައްސަލައަކުން ވެސް އިތުރު މައްސަލަތަކުގެ ކުރި ފަޅައިގެން ދިޔަނަމަވެސް އެކަމަށް އެދެވޭ ހައްލެއް ސަރުކާރު އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ލިބިގެން ނުދާކަމަށް ސާއިރާ ބުންޏެވެ.

"އަވަސް ހައްލެއް ނެތް މިކަމަކަށް. އެއް ދުވަހުން ވީކަމެއް ނޫންތާ މާލެ ތޮއްޖެހުމަކީވެސް. އެހެންނަމަވެސް ކުލި ކޮންޓްރޯލްކުރުމަކީ މިކަމުގެ ވަގުތީ ހައްލެއް. ދެން ހަމަ އެއާއިއެކު ސަރުކާރުން ލާމަރުކަޒީވެސް ކުރަން އެބަޖެހޭ." ސާއިރާ ބުންޏެވެ.

ސާއިރާ އަދި ބުނީ ސަރުކާރުން އަތޮޅުތެރެ ލާމަރުކަޒީ ކުރަންދެން އާމްދަނީގެ 90 ޕަސެންޓު ކުއްޔަށް ދީގެން ދިރިއުޅެން ޖެހުމަކީ އިންސާފު ނޫންކަމަށެވެ.

"ދެން ކުލި ކޮންޓްރޯލް ނުކުރެވިގެން މިއުޅެނީ މަޖިލީހުގައި އެތިއްބެވީ އެކަމުގެ މަސްލަހަތު އޮންނަ ބޭފުޅުން. އަސްލު ހަގީގަތުގައި އެބޭފުޅުންނަށްވެސް ގެއްލުމެއް ނުވާނެ، އެ ކުރި އިންވެސްޓްމެންޓްގެ ފައިދާ ތަންކޮޅެއް ލަސްވާނީ ކުލި ކޮންޓްރޯލްކޮށްފިއްޔާ." ސާއިރާ ބުންޏެވެ.

އަތޮޅު ތެރެ ލާމަރުކަޒީ ކުރިޔަސް އެކަންވެސް ކުރަންޖެހޭނީ އާއިލާއާއިއެކު ރަށަށް ބަދަލުވެ ރަނގަޅު ފެންވަރުގެ ދިރިއުޅުމެއް އެމީހުންނަށް ލިބޭނެފަދަ ގޮތަކަށްކަމަށް ސާއިރާ ބުންޏެވެ. އަދި ކުލި ކޮންޓްރޯލް ކުރުމަކީ ސަރުކާރުން ކުރިމަގަށް ކުރެވޭ އިންވެސްޓްމެންޓެއްކަމަށްވެސް ސާއިރާ ބުންޏެވެ.

ލާމަރުކަޒީކުރަން ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ރަައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންގެވެސް ވާހަކަތައް ހުރީ ހަމަ މި ވިސްނުމަށް ބައްޓަންވެފަ އެވެ. އަލީ ހުސެއިން ވިދާޅުވި ގޮތުގައި މާލޭގައި މިހާރު އާންމުވެފައިވާ މި ވިޔަފާރިއަކީ ހަމައެކަނި މިގޮތަށް ރެގިއުލޭޓްނުކޮށް ކުރެވެމުންދާ ވިޔަފާރި އެވެ.

"މިއީ ވަރަށް ކަންބޮޑުވާ ކަމެއް. ހައްލުކުރެވެންޖެހޭ ކަމެއް. މިއީ ހަމައެކަނި މިގޮތަށް ރެގިއުލޭޓް ނުކޮށް އަނެއްހެން ފްރީ މާކެޓަކަށް ދޫކޮށްލެވިފައި އޮތް ހަމަ އެކަނި ވިޔަފާރި. ދެން އެހެން މި ދޫކޮށްލާފައި އޮންނަނީވެސް މިކަމުން ފައިދާތަކެއްވާ ބައެއް ފަރާތްތަކެއް ނުފޫޒާއި ބާރުގެ ސަބަބުން." އަލީ ހުސެއިން ވިދާޅުވި އެވެ.

މިފަދަ ވިޔަފާރިތަކަކީ ރެގިއުލޭޓްކުރަން މުހިންމުކަމެއްކަމަށް ފާހަގަކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ ހަމަ އެބީދައިން އެހެން އެތައް ކަމެއްވެސް ކުރަންޖެހޭނެކަމަށެވެ. އޭގެ ތެރޭގައި އަތޮޅު ތެރެއަށް ބަދަލުކުރެވެން ހުރި ވަޒީފާއެއް ވިއްޔާ އެ ވަޒީފާއެއް ބަދަލުކޮށް މާލެއަށް އޮންނަ ޑިމާންޑް ނުވަތަ މާލެ އަންނަން ޖެހޭ ސަބަބުތައް ދަށްކުރަން ޖެހޭކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"ސަޕްލައި ސައިޑް އެކަންޏެއް ނޫން. ހައުސިންގް އަށް ފްލެޓްތައް އެޅުން އެއީ ހަމައެކަނި ހައްލެއްވެސް ނޫން. އެކަމަކު އެބަޖެހޭ ޑިމާންޑް ސައިޑް ގެ ޕޮލިސީތަކެއްވެސް ގެންގުޅެން. އެކަމަށް އިކޮނޮމިކް ޑްރައިވާސް ތަކެއް އެބަ ބޭނުންވޭ އަތޮޅު ތެރެއަށް." އަލީ ހުސެއިން ވިދާޅުވި އެވެ.

ކުލި ކޮންޓްރޯލް ކުރުމަކީ މިކަމަށް އޮތް ހައްލެއްކަމަށް ދެބަސްނުވާނޭކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވި ގޮތުގައި މާލޭގައި މިހާރު ހުރި ބިންތަކާއި އިމާރާތްތަކުގެ ތެރެއިން އިންވެސްޓްމެންޓް ނުވަތަ ލޯނު ހަރަދުތައް ހަމަވެ ނުވަތަ 10 އަހަރު ވެފައިވާ އިމާރާތްތަކުގެ ކުލި ކޮންޓްރޯލް ކުރެވެން ޖެހޭނެކަމަށެވެ.

މާލެ މަތިން -- ސަން ފޮޓޯ

"އެކަން ނުވާންވީ ސަބަބެއް ނެތް. އެއީ މާލޭގައި ޓެކްސީ ކުރާ މީހާއަށް ނެގޭނެ އަގުވެސް މި ކަނޑައަޅަނީ ސަރުކާރުން. އެހެންވީމަ މިކަންވެސް ވާނެ. މާލެއަކީ ނިސްބަތުން ބަލާނަމަ ދުނިޔޭގެ އެންމެ ކުލި ބޮޑު އެއް ސިޓީ. 90 އިންސައްތަ އެބަ ދޭ ކުއްޔަށް ގިނަ މީހުންގެ އާމްދަނީއިން." އަލީ ހުސެއިން ވިދާޅުވި އެވެ.

މާލޭގެ ގެވެހިކަމުގެ ދަތިކަން އަދި ހާލަތު އޮތް މިންވަރު މިފަދަ "ވިޔަފާރި" ތަކުން ވަރަށް ސާފުކޮށް އެނގެ އެވެ. މިއީ އެއް ދުވަހުން ދެ ދުވަހަކުން ވީ ކަމެއް ނޫނަސް މިފަދަ ވިޔަފާރިތަކުގެ އިތުރުން މާލޭގެ ބޯހިޔާވަހިކަން، ކުލި އަދި މާލެއަށް އަތޮޅުތެރޭ ފަރާތްތަކުން ފެންބޮވައިގަނެފައިވާ ސަބަބުތަކުގެ މައްސަލަ އަކީ އެކަންކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމެކެވެ. މިފަދަ ވިޔަފާރިތަކަކީ އެތައް މައްސަލަތަކުގެ ނަތީޖާއެވެ. މިއީކީ ދިރިއުޅުމެއް ނޫނެވެ. މިއީ މާލެ ފިޔަވައި ދުނިޔޭގެ އެހެން ބޮޑެތި ރަށްތަކުގެ "ސްލަމް" ސަރަހައްދުތަކުން ނޫން ގޮތަކަށް ނުފެންނަ މަންޒަރެކެވެ.

comment ކޮމެންޓް