ކޮވިޑާ ގުޅޭ ހާއްސަ ޗުއްޓީ ދޭއިރު އެހެން ޗުއްޓީތަކުން އުނި ނުކުރެވޭނެ

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގައިވާ ގޮތުގެ މަތިން ދެވޭ ހާއްސަ ޗުއްޓީތައް ދޭންވާނީ، ވަޒީފާއާބެހޭ ގާނޫނުގައި މުވައްޒަފަށް ހައްގުވާ އެއްވެސް ޗުއްޓީއަކުން އުނި ނުވާގޮތަށް، ކަމަށް ކަނޑައަޅައި، ގަވާއިދު އެކުލަވާލައިފިއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ދިނުމުގެ ގަވާއިދު މިއަދު ވަނީ ގެޒެޓުކޮށްފައެވެ.

އެއީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގައިވާ ގޮތުގެ މަތިން ދެވޭ ހާއްސަ ޗުއްޓީތައް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ފަހު، އަނބުރާ އައުމުގެ ސަބަބުން ނުވަތަ ރާއްޖޭގެ ވަކި ރަށެއްގައި ހުރުމަށް ފަހު، އެ ރަށް ދޫކޮށްދިއުމުގެ ސަބަބުން ކަރަންޓީނު މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ކަރަންޓީނު ވާންޖެހޭ މުވައްޒަފުންނަށް، އެ މުއްދަތަށް ހާއްސަ ޗުއްޓީ ދޭންވާނެ ކަމަށެވެ.

އަދި ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތެއް ފެނިގެން ކަރަންޓީނު މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ތިބެންޖެހޭ މުވައްޒަފުންނަށް އެ މުއްދަތަށް ޗުއްޓީ ދެވޭނެއެވެ.

ޗުއްޓީ ހަމަޖެއްސުމުގައި ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތެއް
ފެނުނު ކަމުގައި ބަލާނީ، އެފަދަ އަލާމާތެއް ހުރިކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް މުވައްޒަފު ހުށަހަޅައިފައިވާ ނަމައެވެ.

ނަމަވެސް މުވައްޒަފުގެ ބަލި ހާލަތު ހުރިގޮތުން އޭނާ އޮފީހަށް ނުކުންނަން އުޒުރުވެރިވާ ހާލަތުގައި، ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުގެ މަތިން ސަލާމުގެ ޗުއްޓީ ނެގިދާނެއެވެ.

އޭގެ އިތުރުން، މުވައްޒަފުގެ ކަރަންޓީނު ނިމުނު ކަމުގައިވީ ނަމަވެސް، ކަރަންޓީނު ވެފައިވާ މުވައްޒަފަކު ނުވަތަ ތަނެއްގައި މަޑުކުރަން ޖެހިފައިވާ މުވައްޒަފަކު ރަށުން އައުމުގައި ހުރަސްތަކެއް ކުރިމަތިވެއްޖެ ނަމަ، ނުވަތަ ކަރަންޓީނު ކުރުމާ ގުޅިގެން ނުވަތަ ތަނެއްގައި މަޑުކުރަން ޖެހުމާ ގުޅިގެން ވަޒީފާ އަދާކުރާ އިދާރާއަށް ނުކުތުމަށް
އެކަށީގެންވާ ހުރަހެއް އޮތްކަމުގައިވާ ނަމަ، އެ ކަންކަމަށް ރިއާޔަތްކޮށް
ޗުއްޓީގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ގަވާއިދުގައިވެއެވެ.

ކޮވިޑް19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި، ވަޒީފާ އަދާކުރާ ފަރާތެއް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އެ ފަރާތެއް ހުރި ވަގުތެއްގައި ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަޅާ ފިޔަވަޅަކާ ގުޅިގެން އެ މުވައްޒަފަކު ވަޒީފާއަށް ނުކުންނަންޖެހޭ ތާރީހަށް އޭނާ ވަޒީފާ އަދާކުރާ ރަށަށް އަނބުރާ ދެވެން ނެތް ހާލަތެއް
މެދުވެރިވެއްޖެ ނަމަ، އޭނާ ވަޒީފާއަށް ހާޒިރުނުވެ ހުންނަންޖެހުނު މުއްދަތަށް ހާއްސަ ޗުއްޓީ ހަމަޖައްސަންވާނެއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަޅާ ފިޔަވަޅެއްގެ ސަބަބުން، އޭނާ ހުރި ރަށަކުން އެހެން ތަނަކަށް ދަތުރު ނުކުރެވި ހުންނަން ޖެހުނުކަން، މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއިން ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން އަންގަންވާނެއެވެ.

އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން އެ ފިޔަވަޅަކާ ގުޅިގެން ނެރެފައިވާ އެންގުމެއް ނުވަތަ ދޫކޮށްފައިވާ ލިޔުމެއް އިދާރާއަށް ހުށަހަޅަންވާނެއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މުވައްޒަފުން، އެކެހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ގޭގައި ހުންނަން ޖެހިއްޖެ ނަމަ ނުވަތަ އެ ބައްޔަށް ފަރުވާ ހޯދަން ސިއްހީ ފަރުވާދޭ ތަނެއްގައި ހުންނަން ޖެހިއްޖެ ނަމަ، އެ މުއްދަތަށް މި ގަވާއިދުގެ ދަށުން ސަލާމުގެ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭންވާނެއެވެ.

ސިވިލް ސާވިސްގެ މުވައްޒަފެއްގެ އާއިލާގެ މެންބަރަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ ނަމަ، އަދި އެ އާއިލާގެ މެންބަރަކީ ސީދާ އޭނާ ބެލުން ހަވާލުވެފައިވާ ފަރާތެއް ނަމަ، އަދި އެ ބައްޔަށް ފަރުވާ ހޯދަންޖެހެނީ ގޭގައި މަޑުކޮށްގެން ނަމަ، އޭނާގެ އާއިލާގެ މެންބަރު އެ ބައްޔަށް ފަރުވާ ހޯދުމަށް ހޭދަވާ މުއްދަތުގައި އާއިލީ ޒިންމާގެ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭންވާނެއެވެ.

އަދި އެ ހާލަތުގައި، ބައްޔަށް ފަރުވާ ހޯދަމުންދާ އާއިލާގެ މެންބަރު ހުންނަންޖެހެނީ އެކެހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ސިއްހީ ފަރުވާދޭ މަރުކަޒެއްގައި ކަމުގައި ވެފައި، އެފަދަ ތަނެއްގައި އޭނާއާއެކު މުވައްޒަފު
ހުންނަންޖެހޭ ހާލަތުގައި ވެސް ހާއްސަ ޗުއްޓީ ހަމަޖައްސައިދޭންވާނެއެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީތަކުގައި މުވައްޒަފުން ތިބެންވާނީ،
އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ ޗުއްޓީގައި މުވައްޒަފު ހުރިކަން ފޯނުގެ ޒަރީއާއިން ނުވަތަ އެސްއެމްއެސް ނުވަތަ އީމެއިލް ފަދަ ޒަރީއާއަކުން އެކަން އެންގުމަށް ފަހުގައެވެ.

އަދި ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީތައް ހަމަޖައްސައިދޭންވާނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް، މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ހުށަހެޅުމުންނެވެ.

އަދި އިދާރާއިން އެ އިންތިޒާމު ހަމަޖައްސަންވާނީ މުވައްޒަފަށް ފަސޭހައިން ހުށަހެޅޭ ގޮތެއްގެ މަތިން ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.

ސަލާމުގެ ހާއްސަ ޗުއްޓީ ހަމަޖެހޭނީ، ކޮވިޑް19 އަށް ޕޮޒިޓިވްވާ ފަރާތްތައް ފަރުވާ ހޯދުމަށްފަހު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް ނުވަތަ ސިއްހީ ފަރުވާދޭ ތަނެއްގައި އެ ބައްޔަށް ފަރުވާ ހޯދިކަމުގެ ލިޔުން އިދާރާއަށް ހުށަހެޅުމުންނެވެ.

އާއިލީ ޒިންމާގެ ހާއްސަ ޗުއްޓީ ހަމަޖެހޭނީ، މުވައްޒަފުގެ އާއިލާގެ މެންބަރު ބައްޔަށް ޕޮޒިޓިވްވެފައިވާކަމާއި، އޭނާ އެ ބައްޔަށް ފަރުވާ ހޯދުމަށް ގޭގައި ނުވަތަ އެނޫން ތަނެއްގައި މަޑުކުރަން ޖެހޭކަން ބަޔާންކޮށް، ކަމާބެހޭ ފަރާތަކުން ދޫކުރާ ލިޔުމެއް ހުށަހެޅުމުންނެވެ.

ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޗުއްޓީ ހަމަޖެހޭ މުވައްޒަފުންނަށް،
އެ މުވައްޒަފުން އަހަރީ ޗުއްޓީގައި ހުންނަ މުއްދަތުގައި މުސާރައާއި އިނާޔަތްތައް ލިބޭ ފަދައިން، މުސާރައާއި އިނާޔަތްތައް ދޭންވާނެއެވެ.

މި ގަވާއިދުގެ ދަށުން މުއްދަތު ގުނަންވާނީ، ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ސިއްހީ ފަރުވާދޭ ތަނެއްގައި ކޮވިޑް19 އަށް ފަރުވާ ހޯދިކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ.

ބަޔާންކޮށްފައިވާ ޗުއްޓީތަކުގެ ތެރެއިން، އެއް ބާވަތުގެ ޗުއްޓީއަށް ވުރެ ގިނަ ބާވަތުގެ ޗުއްޓީއެއް މުވައްޒަފަށް ހައްގުވާނަމަ، އެ ހުރިހާ ޗުއްޓީއެއް ދޭންވާނެ ކަމަށް ގަވާއިދުގައި ވެއެވެ.

އަދި މި ގަވާއިދުގެ ދަށުން ދެވޭ ޗުއްޓީތައް ދޭންވާނީ، ވަޒީފާއާބެހޭ ގާނޫނުގައި މުވައްޒަފަށް ހައްގުވާ އެއްވެސް ޗުއްޓީއަކުން އުނި ނުވާގޮތަށް، އޭގެ އިތުރުން ދެވޭ ހާއްސަ ޗުއްޓީއެއްގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެއެވެ.

އެ ގަވާއިދަށް އަމަލުކުރާނީ، ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020 ތަސްދީގުކޮށް، އެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އިއުލާނުކުރާ އެ ނޫން ވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށެވެ.

comment ކޮމެންޓް