14 އަހަރުގެ އަންހެން ކުއްޖެއް ގްރޫމުކުރި މީހަކު ހައްޔަރުކޮށްފި

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއް-- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސާދަ އަހަރުގެ އަންހެން ކުއްޖެއް ގްރޫމްކޮށް، ޖިންސީ ގުޅުން ހިންގަން އުޅުނު މައްސައެއްގައި ތ. އަދި ލ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށަކުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ތ، ލ) ހިމެނޭ އަތޮޅުގެ ރަށެއްގައި އެކި ދުވަސްމަތިން 14 އަހަރުގެ އަންހެން ކުއްޖެއް ގްރޫމްކޮށް، ޖިންސީ ގުޅުން ހިންގަން ހިތްވަރުދީ އަދި ޖިންސީ ގުޅުން ހިންގަން އުޅުނުކަމުގެ މައްސަލައެއް ސެޕްޓެމްބަރު 30ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ފަސްވަނަ 35 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށް ވާތީ ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމަށްޓަކައި އެކުއްޖާގެ ނުވަތަ މައްސަލަ ހުށަހެޅޭ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް