ރާއްޖޭގައި ކަނޑުއަޑީގެ ކޮޓަރި އެބަހުރި، ޑޭޓާ ސެންޓަރެއް ވެސް ބެހެއްޓިދާނެ: މިނިސްޓަރު މަލީހު

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު--

ރާއްޖޭގައި ކަނޑުއަޑީގެ ކޮޓަރިތަކާއި ރެސްޓޯރެންޓްތައް އެބަހުރި ކަމަށާއި އެހެންކަމުން ކަނޑުއަޑީގައި ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ޖަޕާނުން ބޭއްވި ސައިންސް އެންޑް ޓެކްނޮލޮޖީ ސޮސައިޓީ (އެސްޓީއެސް) ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖޭގެ ސީބެޑް ހުރިގޮތުން ކަނޑުއަޑީގައި ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ ދިރާސާއަށް އެންމެ ކަމުދާ ގައުމަކީ ރާއްޖެ ކަމަށެވެ.

މިހާރު ވެސް ރާއްޖެއަކީ ކަނޑުއަޑީގެ ކޮޓަރިތަކާއި ރެސްޓޯރަންޓްތައް ހުރި ގައުމަކަށް ވުމާއެކު ކަނޑުއަޑީގެ ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ ދޮރު ހުޅުވާލެފައިވާ ކަމަށް މިނިސްޓަރު މަލީހު ވިދާޅުވި އެވެ. އަދި އެކަން ކުރުމަށްޓަކައި ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި ޓެކްނޮލޮޖީ ކުންފުނިތަކަށް މިނިސްޓަރު ވަނީ ދައުވަތު އަރުވާފަ އެވެ.

މީގެ އިތުރުން ކޮވިޑް19ގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ކޮވިޑް19ގެ ހާލަތަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާ ކަމުގައި ވީ ނަމަވެސް ރާއްޖެއަށް ބަލައިފިނަމަ މޫސުމަށް އަންނަ ބަދަލުތަކަކީ އެންމެ ބޮޑެ މައްސަލަ ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާއި ތިމާވެއްޓާއި ރައްޓެހި ހަކަތަ ރާއްޖޭގެ މުސްތަގުބަލަށް ވަރަށް މުހިއްމު ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސައިންސް، ޓެކްނޮލޮޖީ އަދި އިނޮވޭޝަންގެ އެހީގައި މިކަންކަމަށް ހައްލުތައް ހޯދިދާނެ ކަމަށެވެ.

ހަމައެއާއެކު ކޮވިޑް19ގެ މި ކާރިސާގައި ބައިނަލްއަގުވާމީ ފެންވަރެއްގައި ރިސާޗް އެންޑް ޑިވެލޮޕްމަންޓް ކުރިއަށް ގެންދިއުމާއި އިންޓަނެޓްގެ މުހިއްމުކަން އިތުރަށް ފާހަގަވެގެންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެސްޓީއެސް ފޯރަމް 2004ވަނަ އަހަރުގެ ނޮވެމްބަރު މަހު އުފެއްދި ފަހުން ކޮންމެ އަހަރަކުވެސް ޖަޕާނުގެ ކިޔޯޓޯގައި އެ ފޯރަމްގެ ބައްދަލުވުމެއް އަންނަނީ ބާއްވަމުންނެވެ.

މި ފޯރަމަކީ ސައިންސް އާއި ޓެކްނޮލޮޖީގެ އެހީގައި އިންސާނުންގެ ދިރިއުޅުން ފަސޭހަކުރަން ކުރެވޭނެ ކަންތައްތަކާއި ދާއިރާއަށް ހުރި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސައިންސް އާއި ޓެކްނޮލޮޖީގެ ދާއިރާގެ ލީޑަރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ.

ދުނިޔޭގެ 49 ގައުމަކުން ބައިވެރިވި މިއަހަރު ފޯރަމް އަމާޒުކޮށްފައިވަނީ ކޮވިޑް19ގެ މި ހާލަތުގައި ސައިންސްއާއި ޓެކްނޮލޮޖީ އަދާކުރާ ދައުރާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.

comment ކޮމެންޓް