ހުޅުމާލޭގައި ހެދިކާ ޓެންޓުތައް ބެހެއްޓުމާ ބެހޭ އުސޫލަށް ހިޔާލު ހޯދަން ބައްދަލުވުންތަކެއް ބާއްވަނީ

ހުޅުމާލޭގައި ހެދިކާ ވިއްކާ ޓެންޓެއް -- ފޮޓޯ: ފޭސްބުކް

ހުޅުމާލޭގައި ހެދިކާ ވިއްކުމަށް ބަހައްޓާފައި ހުރި ޓެންޓުތައް މަރާމާތު ކުރުމަށްފަހު އަލުން ބެހެއްޓުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކެއް މި މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

ހުޅުމާލޭގައި ހެދިކާ ވިއްކަން އެޗްޑީސީއިން ދޫކުރި 30 ޓެންޓު ބާވެފައި ވުމުން، އެޗްޑީސީއިން ވަނީ މިދިޔަ މަހު އެ ޓެންޓުތައް ނަގައިފަ އެވެ. ޓެންޓުތައް މަރާމާތަށްފަހު ބަހައްޓައި، ދޫކުރުމާއި ބޭނުން ކުރުމާ ބެހޭ އުސޫލު އާންމު ކުރާނެ ކަމަށާއި އެ އުސޫލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާނެ ކަމަށްވެސް އެޗްޑީސީއިން ބުނެފައިވެ އެވެ.

އެޗްޑީސީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޓެންޓުތައް މަރާމާތު ކުރުމަށްފަހު އަލުން ބަހައްޓާ ސަރަހައްދުތަކާއި ޓެންޓުތައް ދޫކުރުމާއި ބޭނުންކުރުމުގެ އުސޫލާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކެއް މި މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 11 އޮކްޓޯބަރުގެ 15:00 ކުރިން 7924392އަށް އެސްއެމްއެސް ކޮށްގެން ނޫނީ ވައިބާ ބޭނުން ކޮށްގެން ނަން ނޯޓު ކުރަން އެދޭ ކަމަށް އެޗްޑީސީއިން ބުންޏެވެ.

ޓެންޓުތައް މަރާމާތަށްފަހު އަލުން ބަހައްޓާނީ އެޗްޕީއޭ އިން އެކުލަވާލާފައިވާ މަގުމަތީގައި ކާނާ ވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނާއި އުޅަނދުތަކުގައި ހުންނަންޖެހޭނެ ސާފުތާހިރުކަމުގެ މިންގަނޑާ އެއްގޮތަށް ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް