ގައުމުތަކުން ނިއުކްލިއާ ހަތިޔާރު މަނާކުރާ މުއާހަދާގައި ބައިވެރިވާން ޝާހިދު ގޮވާލައްވައިފި

ނިއުކްލިއާ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ތަންފީޒުނުކޮށް ހުރި ގައުމުތަކުން ވީ އެންމެ އަވަހަކަށް އެ މުއާހަދާގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ތަގުރީރުކުރައްވައިފައެވެ.

އެ ބައްދަލުވުމަށް މިނިސްޓަރު ޝާހިދު ފޮނުއްވި ވީޑިއޯ މެސެޖްގައި، ދުނިޔެއިން ނިއުކްލިއާ ހަތިޔާރާއި، ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު ނައްތާލުމުގައި އދ އަދާކުރަމުންދާ ދައުރު ފާހަގަކުރެއްވިއެވެ.

އަދި މިހާރުވެސް ދުނިޔޭގެ އެކި ގައުމުތަކުގައި ނިއުކްލިއާ ހަތިޔާރު ހުރިކަން ފާހަގަކުރައްވައި، ނިއުކްލިއާ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ތަންފީޒުނުކޮށް ހުރި ގައުމުތަކުން ވީއެންމެ އަވަހަކަށް އެ މުއާހަދާގައި ބައިވެރިވުމަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.

އަދި ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ނައްތާލުމަކީ ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، 2030 އެޖެންޑާގެ 16 ވަނަ ލަނޑުދަނޑި ހާސިލްކުރުމަށް މުހިންމު ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ގައުމެއް ނޫންކަމަށް ވިދާޅުވެ، "ޓްރީޓީ އޮން ނޮން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއާ ވެޕަންސް" މުއާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ގައުމަކީ ރާއްޖެ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ސަރަހައްދީ ސަލާމާއި ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަދާކުރަން ޖެހޭ ބައިނަލްއަގުވާމީ ޒިންމާތައް ރާއްޖެއިން އަދާކުރަމުންދާކަން ފާހަގަކުރައްވަމުން، އާމްސް ޓްރޭޑް ޓްރީޓީ، ކްލަސްޓާ މިއުނިޝަން ކޮންވެންޝަން އަދި ނިއުކްލިއާ ޕްރޮހިބިޝަން ޓްރީޓީ ގައި ރާއްޖެއިން ބައިވެރިވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުން މަންދޫބުން ބައިވެރިވިއެވެ.

comment ކޮމެންޓް