ދިރާގަށް 32 އަހަރު: ދިވެހިންގެ ޑިޖިޓަލް ތަޖުރިބާ އާ އުސްމިންތަކަކަށް

މުވާސަލާތީ ހިދުމަތަކީ ގައުމުތަކުގެ ތަރައްގީގެ އެންމެ މުހިންމު އެއް ތަނބެވެ. މިއީ އާންމު ދިރިއުޅުމުގެ އެންމެ މުހިންމު އެއް އަސާސްއަށް ވެފައިވާ ހިދުމަތެކެވެ. މިޒަމާނުގައި މި ހިދުމަތާ ނުލައި އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުން ދަތިކަމަކަށްވަނީ ވެފަ އެވެ.

މިއަދަކީ ރާއްޖޭގެ މުވާސަލާތީ ސިނާއަތް ފަށައިދީ، ދިވެހި އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަށް ގައުމީ ހިދުމަތުގައި 32 އަހަރު ފުރުނު ދުވަހެވެ.

ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ އަދި އާބާދީ ކުޑަ ގައުމަކަށް ވުމުން، މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމާއި ވަކިން ހާއްސަކޮށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި، އެހެން ގައުމުތަކާ ހިލާފަށް ބޮޑެތި ގޮންޖެހުންތަކެއް އޮތް ގައުމެކެވެ. އަދި މި ސަބަބުތަކާހުރެ މިއީ މިކަމަށް ކުރަންޖެހޭ ހޭދަ ވެސް ބޮޑުވެގެންދާ ކަމެކެވެ.

މީގެ 32 އަހަރު ކުރިން ދިރާގުން ފެށި އަގުހުރި މަސައްކަތީ މިއީ އެވެ. މުޅިން އަލަށް ރާއްޖޭގައި މުވާސަލާތީ އިންފްރާސްޓަރަކްޗާ ބިނާކޮށް، އެކަމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ދިރާގުން ވަނީ ކޮށްފަ އެވެ.

ދިރާގުން ހިދުމަތް ފޯރުކޮށްދޭތާ މިވީ ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިތުރު ހަލުވިކަމެއް ވަނީ ގެނެސްދީފަ އެވެ. އަމިއްލަ ފަރުދުންގެ މުވާސަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދޭ މުވާސަލާތީ ހިދުމަތްތައް ވެގެންދިޔަ އެވެ.

ޑިޖިޓަލް ލީޑަރު

ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ލިސްޓްގައި ހިމެނޭ ކަންތައް ވަރަށް ދިގެވެ. ދިރާގު އުފެދުނުތާ މާ ގިނަ އަހަރުތަކެއް ނުވަނީސް ރަށްތަކަށް ޓެލެފޯނުގެ ހިދުމަތް ފޯރުކޮށްދީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއު ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބުކަމާއެކު ދިރާގުން ނިންމާލި އެވެ.

ދިރާގުން ފޯނުބޫތުގެ ހިދުމަތް ދިން ޒަމާނުގައި ފޯނުބޫތެއްގެ ކައިރީގައި ބަޔަކު ކިއޫ ހަދައިގެން--

އެތައް 100 ރަށެއްގެ މައްޗަށް އެކުލެވޭ ގައުމުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ވަރަށް ވެސް ބޮޑު ގޮންޖެހުމެއް ކަން ޔަގީނެވެ. ނަމަވެސް ދިރާގުން ޓެކްނޮލޮޖީގެ ވެސް ޅަފަތުގެ ދައުރުގައި މި މަސައްކަތް ކާމިޔާބުކަމާއެކު ކުރުމުކީ ތައުރީފާއި ޝުކުރު ހައްގު މަސައްކަތްތަކެވެ. ސަބަބަކީ މިއީ ރާއްޖޭގެ ތަރައްގީއަށް އެޅިގެން ދިޔަ އެންމެ މައި އެއް ބިންގަލެވެ. އެ މަސައްކަތް ނިމިގެންދިއުމާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތައް މުވާސަލާތީ ވިއުގައަކުން ގުޅި، އެތައް ރޮނގަކުން ކުރިއެރުންތައް ހޯދާނެ މަގު ފަހިވެގެންދިޔަ އެވެ.

މީގެ އިތުރުން ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، އިތުރު 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލްއަކުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅު އެންމެ ފުރަތަމަ ގުޅުވާލީވެސް ދިރާގުންނެވެ.

ދިރާގު ސަބްމެރިން ކޭބަލް ނެޓްވޯކް ދައްކުވައިދޭ މަގުޗާޓެއް--

ހަމައެއާއެކު ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތް ފުޅާކޮށްފަ އެވެ. ޒަމާނީ ޓެކްނޮލޮޖީއާއެކު ފައިބާ ޓު ދަ ހޯމް އިންޓަނެޓްގެ ހިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަނީ ދިރާގުންނެވެ. މި ހިދުމަތް އާބާދީގެ 76 ޕަސެންޓަށް މިހާރު ލިބެ އެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ހިދުމަތްވެސް ފެށީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.

މުވާސަލާތީ ރޮނގުން މުޅި އޭޝިއާ ސަރަޙައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ މިހާރު މަދު ގައުމެއްގައި ތަޢާރަފްކޮށްފައިވާ 5ޖީ ފަދަ އެންމެ ޒަމާނީ ހިދުމަތްތައްވެސް ދިރާގުން ރާއްޖެއަށް ފޯރުކޮށްދިނުމެވެ.

ދިރާގުން ރާއްޖެއަށް 5ޖީ ހިދުމަތް ތައާރަފުކުރުން--

ދިވެހިންގެ ކުންފުނި

ވޭތުވެދިޔަ 32 އަހަރު ތެރޭ ގައުމަގައި ހިނގައިދިޔަ ކުދި ބޮޑު ހުރިހާ ކަމެއްގައި އެކި ގޮތްގޮތުން ހިދުމަތް ފޯރުކޮށްދެމުން ދިޔަ މައި އެއް ކުންފުންޏަކީ ދިރާގު ކަމަށް ބުނުން ދޮގަކަށް ނުވާނެ އެވެ. އެގޮތުން މިފަހުން ކޮވިޑް19ގެ މި ބަލިމަޑުކަމުގައި ވެސް ދިރާގުން ދައްކައިދިން ނަމޫނާ ފާހަގަކޮށްލެވެ އެވެ. މުޖުތަމައަށް ފޯރުކޮށްދިން ގިނަ ގުނަ އެހީތެރިކަމުގެ އިތުރުން، ސަރުކާރުގެ އިދާރާތަކާއި ކިޔަވާ ކުދިންނާއި އަދި ކަސްޓަމަރުންނަށް ޑޭޓާގެ ލުއި ފަސޭހަތައް ދިޔައީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން އިންޓަނެޓަށް ބަރޯސާވެފައިވާ މިންވަރާ އެއްވަރަށް ހިދުމަތް ފޯރުކޮށްދީ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދިރާގުން ވަނީ ނެޓްވޯކް ކޮލިޓީ ދަމަހައްޓަން އެކުންފުނީގެ އިންވެސްޓްމެންޓްތައް އިތުރުކޮށް، ޑޭޓާއަށް އޮތް ޑިމާންޑާއެކު ކަސްޓަމަރުންގެ ހިދުމަތުގެ ތަޖުރިބާއަށް ބުރޫނާރާނެހެން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ކޮށްފަ އެވެ.

ހަމައެއާއެކު ދިރާގުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ހިދުމަތްތަކަށް ބަދަލު ގެނެސް، ފަރުމާކުރަމުންނެވެ. އެގޮތުން ދާދި ފަހުން އެކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތަށާއި ޕްރީޕެއިޑް ހިދުމަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ހަރަދަކުން ގިނަ ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ވަނީ ބަދަލުކޮށްފަ އެވެ.

ކަންމިހެން ހުރުމާއެކު ކަސްޓަމަރުންގެ އިތުބާރާއި ލޯބި އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ. މީގެ ހެއްކަކީ ވާދަވެރިކަން އައުމުންވެސް ގިނަ ކަސްޓަމަރުން ދިރާގު އިހުތިޔާރުކޮށް ދިރާގާއެކު ދެމިތިބުމެވެ. މިކަމުން ރަމްޒުކޮށްދޭ އެއްކަމަކީ ދިރާގަކީ ކަސްޓަމަރުން އިތުބާރުކުރާ އަދި ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު މުއާސަލާތީ ކުންފުނި ކަމެވެ.

ދިރާގަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. 99 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ މިފަދަ ކުންފުންޏެއް ރާއްޖޭގައި މަދުވާނެ އެވެ. 1988 ވަނަ އަހަރުން ފެށިގެން އެތައް ސަތޭކަ ދިވެހިންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުމުގެ މަގު ތަނަވަސްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެމުން އަންނަ މި ކުންފުންޏަކީ ކޮންމެ ދިވެއްސެއްގެ ލެއާ ގުޅިފައިވާ ދިވެހި ކުންފުންޏެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަދިވެސް އެންމެ މަގުބޫލު އަދި މީހުންނާ އެންމެ ގާތްކޮށް ދެކޭ އެއް ބްރޭންޑަކީ ދިރާގެވެ.

އިޖުތިމާއީ ރޮގުން ނަމުނާ

ދިރާގަކީ ހަމައެކަނި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ނޫނެވެ. ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ކަންކަމަށް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކުންފުންޏެވެ. އެގޮތުން، ދިރާގުގެ އިޖުތިމާއީ ޒިންމާ ނުވަތަ ސީއެސްއާރްގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ދިރާގުން އައިޖީއެމް ހޮސްޕިޓަލުގައި ހުޅުވައިދިން ކުޑަކުދިންގެ ޕްލޭ އޭރިއާ--

މީގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމާއި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކާ ދެކޮޅަށް އެންމެ ފުރަތަމަ އަމަލީ ގޮތުން ފިޔަވަޅު އަޅައި، މުވައްޒަފުންނާއި އާންމުންނަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއް އެންމެ ފުރަތަމަ ފެށި ކުންފުންޏަކީވެސް ދިރާގެވެ.

ދިރާގަކީ ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއެއްވާ ދިވެހި ކުންފުންޏަކަށް ވީއިރު، ދިރާގުގެ މާޒީގައި ވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން މުވާސަލާތީ ތަރައްގީއަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަދި ސަރުކާރުގެ ސިޔާސަތު ފުރިހަމަކޮށްދިނުމުގައި ގުޑުމެއްނެތި ދިރާގު ދެމިހުންނާނެ ކަމީ އެއްވެސް ޝައްކެތް ނެތް ކަމެކެވެ. "އެންރިޗިން ލައިވްސް" ނުވަތަ ދިރިއުޅުމަށް ފާގަތިކަން ގެނެސްދިނުން އެއީ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ.

ދިރާގުން އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރު ހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަގްބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެކުންފުނިން ކަސްޓަމަރުންނަށް އަރުވަ އެވެ.

comment ކޮމެންޓް