ކަނޑުތައް ޕްލާސްޓިކުން ތަގައްޔަރުވަމުން ދާތީ ރައީސްގެ ކަންބޮޑުވުން

ރައީސް ސޯލިހު --- ފޮޓޯ: ރައީސް އޮފީސް

ކަނޑުތައް ޕްލާސްޓިކުން ތަގައްޔަރުވަމުން ދާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އދ. ގެ ބަޔޯޑައިވަސިޓީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންސާނުންގެ ހަރަކާތްތަކުގެ މައްޗަށް ތިމާވެށީގެ ދުޅަހެޔޮކަން ބަރޯސާވެފައިވާ މި ދުވަސްވަރު، ދުނިޔޭގެ ދުޅަހެޔޮކަމާއި ތިމާވެށީގެ ސިއްހަތު ބިނާވެފައި ވަނީ އިންސާނުންނަށް ލިބިފައިވާ ސައިންޓިފިކް އިލްމާއި ޓެކްނޮލަޖީގެ ބޭނުން ހިފާގޮތުގެ މައްޗަށް ކަަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަލުތައް ކުޑަކޮށް ބޮޔޯޑައިވާސިޓީ ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ރާއްޖެއިން މަސައްކަތްކުރާނެކަށް ރައީސް ވިދާޅުވުއެވެ. މީގެ އިތުރުން މޫސުމީ ކަންކަމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށާއި މިދިޔަ އަހަރު ބޭއްވި އދ. ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖެއިން "ކްލައިމެޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް" މޮޑެލް ހުށަހެޅީ ވެސް މި ސަބަބަށްޓަކައިކަމަށް ރައީސް ވިދާޅުވިއެވެ.

"ކްލައިމެޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް އަކީ ކުދި އެހެން ޖަޒީރާ ގައުމުތަކަށް ވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުންފަދަ ކަންކަންކުރުމުގައި ބޭނުންކުރެވިދާނެ ނަމޫނާ މޮޑެލްއެއް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ އަދި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވައިފައެވެ.

އެގޮތުން އެ ކޯލިޝަނާ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ސައިންޓިފިކް އެކްސްޕެޑިޝަންތައް ކުރިޔަށް ގެންދަމުންކަމަށާއި، މި އެކްޕެޑިޝަންތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް، ނޫ އިގްތިސޯދެއް ބިނާކުރުމުގައި ގުދްރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިޔަށް ދިޔުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ

ކޮންމެ އަހަރަކު އަށް މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑުތަކުން ފެންނަމުންދާކަން ފާހަގަ ކުރައްވާ ރައީސް ވަނީ ކަނޑުތައް ޕްލާސްޓިކުން ތަގައްޔަރުވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން 2023 ގެ ކުރިން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައި ވަނީ ވެސް އަދި އެކުވެރި އެހެން ބައިވެރިންނާ ގުޅިގެން މެރިން ޕްލާސްޓިކް ޕޮލިއުޝަން ހުއްޓުވުމަށް ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރަނީ ވެސް މި ސަބަބާ ހުރެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ފިލާވަޅު ލިބިގަތުމަށާއި، ތިމާވެއްޓަށް ކަމޭހިތުމަށް ގޮވާލައްވައިފައެވެ. އަދި، ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށި ސަބަބުތައް ފާހަގަ ކުރައްވާ، ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އެކަންކަމަށް ސަމާލުކަން ނުދީފިނަމަ މިފަދަ އިތުރު ބިރުވެރި ބަލިމަޑުކަމަކާއި ދުނިޔެއިން ކުރިމަތިލާން ޖެހިދާނެކަމަށްވެސް އެކަމނިކުފާނު ވިދާޅުވިއެވެ.

ބަޔޯޑައިވާސިޓީ ސަމިޓު ބާއްވާފައިވަނީ އިއްޔެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ވާޗުއަލްކޮށެވެ.

comment ކޮމެންޓް