މުޅި ދުނިޔެ ސިއްސުވާލި ވީޑިއޯއަށް 20 އަަހަރު، ހާދިސާ ކެމެރާމަންގެ ދުލުން!

ޖަމާލް އަލް ދާރާ އޭނާގެ ފިރިހެން ދަރިފުޅު އިސްރާއިލްގެ ހަމަލާތަކުން ދިފާއުކުރުމުގައި--

މީގެ ވިހަ އަހަރު ކުރިން ފަލަސްތީނުގެ ގައްޒާގައި ނެގި ވީޑިއޯއަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނެވެ.

ބައްޕައަކު އޭނާގެ ފިރިހެން ދަރިފުޅު ބަޑީގެ ވަޒަންތަކުން ދިފާއުކުރަން މަސައްކަތް ކުރަމުންދިޔަ ވީޑިއޯ ނެގީ ފަލަސްތީނުގެ ކެމެރާމަން ތޮލާލް އަބޫ ރަހްމާ އެވެ.

ފްރާންސްގެ ނިއުސް ޗެނަލްއެއް ކަމަށްވާ "ފްރާންސް 2" އިން އެ ވީޑިއޯ އާންމުކުރުމާ އެކު އޭރު ފަލަސްތީނުން ކުރިއަށް ގެންދިޔަ ދެވަނަ އިންތިފާދާގެ ސީރައަސްކަން ދުނިޔެއަށް އެނގިގެން ދިޔަ އެވެ.

އެ ވީޑިއޯއިން ފެންނަ ކުޑަ ކުއްޖާ މުހައްމަދު އަލް ދުއްރާގެ ގަޔަށް އެރި ވަޒަންތަކާ އެކު ފަހުން ވަނީ މަރުވެފަ އެވެ. ވަޒަންތައް އަރަމުންގޮސް މުހައްމަދުގެ ބައްޕަ ޖަމާލް އަލް ދުއްރާވެސް ހަބަރު ހުސްވެގެން ވެއްޓޭތަން ފެނެ އެވެ. ޒަހަމްތަކާ އެކު ވެސް އޭނާ ސަލާމަތްވި އެވެ.

އެ ވީޑިއޯ އާންމުކުރާމާ އެކު ސީރިއަސްވެ އިސްރާއިލްގެ ސަރުކާރުން ވެސް އެ މައްސަލައިގެ ތެރެއަށް ވަނެވެ. އިސްރާއިލްގެ ސިފައިން ބުނީ އެ ހާދިސާ ހިނގީ އިސްރާއިލްގެ ސިފައިންގެ ސަބަބުން ނޫން ކަމަށެވެ.

އޭގެ އިތުރުން އެ ވީޑިއޯއަކީ ހަދައިފައިވާ ވީޑިއޯއެއްކަމަށް ބުނެ ފްރާންސްގެ މީޑިއާ ކޮމެންޓޭޓަރެއް ކަމަށްވާ ފިލިޕް ކަރުސަންޓޭ އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ފަލަސްތީނުގެ ކެމެރާމަން ތޮލާލް އަބޫ ރަހްމާ 7000 ޔޫރޯއިން ޖޫރިމަނާ ވެސް ކުރި އެވެ.

ކެމެރާމަން ތޮލާލް އަބޫ ރަހްމާ--

ނަމަވެސް 2013 ވަނަ އަހަރު ކޯޓުން ވަނީ ތޮލާލްގެ ކުށެއް ނެތް ކަމަށް ކަނޑައަޅައިފަ އެވެ.

އެއީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ. ގައްޒާގައި ވަރުގަދަ މުޒާހަރާއެއް އޮންނަކަން އޭނާއަށް އެނގޭތީ ހެނދުނު ހެނދުނާ ތޮލާލް ގޮސް ހުރީ އެ ސިޓީގައި އޮންނަ ސަލާދިން މަގުގަ އެވެ.

އެ ސަރަަހައްދު ހަލަބޮލިވެ ފަލަސްތީނުގެ މީހުން ގާއުކަމުން ދިޔައިރު ތަލާލް އެތަނުގައި ހުއްޓެވެ.

މެންދުރުވިއިރު އެތައް ހާސް ބަޔަކު ގާއުކަމުން ދިޔައެވެ. އިސްރާއިލްގެ ސިފައިން އޭރު ދިޔައި ރަބަރު އުންޑައާއި ކަރުނަ ގޭސް ޖަހަމުންނެވެ. އޭރު ޒަހަމްވި މީހުންގެ އަދަދު 40 އަރައިފި އެވެ.

ތޮލާލް އޭރު އަވަދިނެތި އުޅުނީ މީހުންގެ އިންޓަވިއު ނެގުމުގަ އެވެ. އޭގެ ތެރެއިން ދެވަނަ އަށް ނެގި އިންޓަވިއު ނަގަން ހުއްޓާ ތޮލާލްއަށް ސިހުން ލިބުނީ މުޅި ސަރަހައްދު ވަށައިގެން ބަޑީގެ އަޑުއިވެން ފެށުމުންނެވެ. އޭރު ބަޑި ޖަހަނީ އެވެނި ބައެކޭ މިވެނި ބައެކޭ ބުނަން ނޭނގޭކަމަށް ތަލާލް ބުންޏެވެ.

ހަމަލާތަކުން ދިފާއުވާން ތޮލާލްގޮސް ވަނީ ވޭނެއްގެ ފުރަގަހަށެވެ. އެތަނުގައި އޭނާ ހުރިއިރު އިތުރު ކުޑަކުދިންތަކެއް ވެސް ފިލަން ހަމަ އެވޭން ފުރަގަހަށް ވަނެވެ.

މީހުން މަރުވެ ވެއްޓެމުންދިޔައިރު މުޅި ސަރަހައްދުގައި ލޭގެ ކޯރެއް ދެމިގެން ދިޔައެވެ. ފިލަން އެހެން ތަނަކަށް ދާނީތޯ ނޫނީ ޝޫޓްކުރަން ހުންނާނީތޯ ވިސްނަ ވިސްނާހުރި ތޮލާލް ބިރު ކަނޑާލައިފައި އަލުން ޝޫޓް ކުރަން ފެށި އެވެ.

ހަމައެވަގުތު "ފްރާންސް 2" ޗެނަލް ޖެރޫސަލަމް ބިއުރޯގެ ޗީފް ޗާލްސް އެންޑަލިންގެ ކޯލެއް ތޮލާލްއެއް ލިބުނެވެ. ޗާލްސް އެދުނީ ޖެކެޓް އަޅައި ހެލްމެޓް އަޅައިގެން އެކަން ކުރުމަށެވެ. ބަރުކަމުން އާންމުކޮށް ހެލްމެޓް އަޅައި ނޫޅޭކަން ޗާލްސްއަށްވެސް އެނގެ އެވެ.

"އަހަރެން މިހާރު މިހުރީ ވަރަށް ނުރައްކާތެރި ހާލަތެއްގައި. އަހަންނަށް ކަމެއްވެއްޖެ ނަމަ އަހަރެންގެ އާއިލާގެ ކަންތައްތައް ބަލާތި،" ޗާލްސްގެ ވާހަކަތަކަށް ޖަވާބު ދިނުމެއް ނެތި ތަލާލް ހަމައެކަނި ބުނީ އެހެންނެވެ.

ތަލާލް އަށް އޭރު މަރު ފެންނަ ފަދަ އެވެ.

ސަލާދިން މަގުގެ ފާރު ކައިރީގައި ތިބި ދެބަފައިން ތޮލާލްއަށް ފެނުނީ ދެނެވެ.

އޭރުވެސް ތޮލާލް ހުރީ ވޭންގެ ފުރަގަހުގައި ފިލައިގެންނެވެ.

"އެ މީހުން އެ ބަޑި ޖަހަނީ އެ ދެބަފައިންގެ ގަޔަށް،" ކުޑަކުއްޖަކު ވަލީދު ކައިރީގައި ބުންޏެވެ.

"ބަޑި ޖަހަނީ ކާކުގެ ގަޔަށޭ؟" ތޮލާލް ބުންޏެވެ.

ތޮލާލް ހުރީ އެ ދެބަފައިންނަށް އެހީތެރިވެދޭނެ ހާލަތެއްގައެއް ނޫނެވެ. އެތަނުގެ ކައިރީގައި އިސްރާއިލްގެ ބޭސްއަަކާއި ސިފައިން ތިއްބެވެ. ތޮލާލްއާއެކު ވޭނުގެ ފަހަތުގައި ތިބި ކުދިންވެސް އޭރު ރޮމުން ހަޅޭއްލަވަމުން ދިޔަ އެވެ. ނަމަވެސް އޭރު ވެސް ތޮލާލް ދިޔައީ އެ މަންޒަރު ވީޑިއޯ ކުރަމުންނެވެ.

ދެބަފައިގެންގެ ތެރެއިން ކުޑަ ކުއްޖާގެ ގަޔަށް ވަޒަންއެރީ ވެސް ތޮލާލްގެ ކުރިމަތީގަ އެވެ. އެއަށް ފަހު އެ ކުޑަކުއްޖާގެ ބައްޕަ ގަޔަށްވެސް ވަޒަން އަރާތަން ހުދު ތޮލާލަށް ފެނުނެވެ. ކުޑަކުއްޖާގެ ބައްޕަ އޭރުވެސް އެހީއަށް އެދި ހަޅޭއްލަވަމުން ދިޔަ އެވެ.

"އެެއީ އަހަރެންގެ ކެރިއަރު. އަހަރެންގެ މަސައްކަތް. އަހަރެން އެތަނުގައި މަސައްކަތްކުރީ އަމިއްލަ ސަލާމަތަކަށް ނޫން. އަހަރެންގެ އިންނާނެ އުސޫލެއް. މީހެއްގެ ފުރާނައަށްވުރެ ފޮޓޯއެއް މުހިންމެއް ނޫން. މި ބުނަނީ ތެދަށް. އެވަގުތު އަހަރެންގެ ފުރާނައާ އެ ދެބަފައިންގެ ފުރާނަ ސަލާމަތްކުރަން އަހަރެން މަަސައްކަތް ކުރިން. އެކަމަކު އެވަގުތު ބަޑި ޖަހަމުން ދިޔައީ މާ ގަދައަށް،" ތޮލާލް ބުންޏެވެ.

ތޮލާލްއަށް ހީވާގޮތުން އެންމެ ފުރަތަމަ ވަޒަން އެރީ ކުޑަކުއްޖާގެ ފަޔަށެވެ. ނަމަވެސް އޭގެ ފަހުން އެވަގުތު މުޅި ސަރަހައްދު ކަރުނަ ގޭހުން ފުސްވެފައި އޮތުމުން ދެން ވީގޮތެއް ތޮލާލްއަކަށް ވެސް ނޭނގެ އެވެ. ކަރުނަ ގޭސްތައް ފޭދުނުއިރު ކުޑަކުއްޖާ އޮތީ ބައްޕަގެ އުނގުގަ އެވެ. އޭރު ބައްޕަ ހުރީ ހަބަރު ހުސްވެ ވެއްޓ ނުވެއްޓޭ ހާލުގައެވެ. ކުޑަކުއްޖާގެ ބަނޑުން ލޭތައް އޭރު ފައިބަނީ އެވެ.

ވަޒަން އެރުވުމުން މުހައްމަދު އަލް ދުއްރާ ވެއްޓިފައި---

އެތައް ފަހަރަަކު އެމްބިއުލެންސްތައް އައިސް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރިތަން ވެސް ތޮލާލްއަށް ފެނުނެެވެ. އެންމެ ފަހުން އެމްބިއުލެންސްއަކުން އައިސް ދެބަފައިން ނަގައިގެން ދިޔަ އެވެ.

އެ އެމްބިއުލަންސްގެ ޑްރައިވަރަށް ގޮވާލައިފައި ތޮލާލްވެސް އެ ސަރަހައްދުން ގެންދިއުމަށް އެދުނެވެ. ނަމަވެސް އެގޮތަށް ހަމަޖައްސައެއް ނުދިނެވެ.

ބަޑީގެ އަޑު ކެނޑުމާ އެކު ތޮލާލް ކައިރީގައި ތިބި ކުދިން ރާސްލާފައި ދުއްވައިގަތެވެ.

އޭރު ތޮލާލް މަސައްކަތް ކުރަމުންދިޔައީ އޭނާ މަަސައްކަތް ކުރަމުންދިޔަ ޗެނަލްއާ ގުޅޭތޯ އެވެ. އެހެން އުޅެނިކޮށް އެވަގުތު އެހެން ނޫސްވެރިއަކާވެސް ދިމާވެއްޖެ އެވެ.

ތޮލާލް ޝޫޓްކޮށްފައި ހުރި މަންޒަރުތައް ދައްކާލުމާ އެކު އެ ނޫސްވެރިއާއަށް ލިބުނީ ޝޮކެކެވެ.

"މިއީ ޖަމާލްއާއި އޭނާގެ ދަރިފުޅު." ނޫސްވެރިޔާ ތޮލާލް އަށްް ބުންޏެވެ.

" އެމީހުން ދަންނަންތަ؟" ތޮލާލް އެހި އެވެ.

"އާނ. ޖަމާލްގެ ދައްތައަކީ އަހަރެންގެ އަންހެނުން،" ނޫސްވެރިޔާ ކިޔައިދިނެވެެ.

ތޮލާލް އެނބުރި އޭނާ މަސައްކަތްކުރާ ޗެނަލްގެ އޮފީހަށް ގޮސް ފޫޓޭޖް ދެއްކުމުން އެ ތަނުގައި މަސައްކަތް ކުރާ އެންމެނަށްވެސް ލިބުނީ ޝޮކެކެވެ.

ކަންދިމާކުރި ގޮތުން އެ ފޫޓޭޖް ހަމައެކަނި ނެގުނީ ވެސް ތޮލާލްއަށް އެކަންޏެވެ.

އެ ވީޑިއޯއާ "ފްރާންސް 2" އިން އާންމުކުރުމާ އެކު ހީވީ އުޑު ވެއްޓުނުހެންނެވެ. އިސްރާއިލްގެ ސީނިއާ މީހުންނާއި އެތައް ބަޔަކު އެ ވީޑިއޯއާމެދު ސުވާލު އުފައްދަމުން ދިޔަ އެވެ.

"އެ ވީޑިއޯއަކީ ފޭކެއްކަމަށް އެތައް ބަޔަކު ބުނި. އެކަމަކު އެހެން ބުނާ މީހުންނަށް ގިނަ ފަހަރު ނޭނގޭ އެ ވީޑިއޯ ނެގި ސަަރަހައްދު ވެސް. އެ ވީޑިއޯއާ ގުޅޭ އެތައް ތަހުގީގެއް ހިންގި. އެ ހުރިހާ ކަމަކަށް އަހަންނަށް ޖަވާބު ދޭން ޖެހުނު. އެ ހުރިހާ އެންމެނަށް ވެސް އަހަރެން ބުނަން އޮތީ އެންމެ ވާހަކައެއް. ކެމެރާއެއް ދޮގެއް ނަހަދާނެ. މީހަކު ބުނާ ވާހަކައަކުން ހަމައެކަނި އަހަރެންގެ ކެރިއަރަށް އެކަނި އަސަރުކުރަނީ. އެމީހުން އެ ހަލާކުކޮށްލަނީ އަހަރެެންގެ ކެރިއަރު. އެއީ ނޫސްވެރިކަން. އަހަރެންނަށް ނޫސްވެރިކަމަކީ އަހަރެންގެ ބަސް. ނޫސްވެރިކަމަކީ ވަކި ބޯޑަރަކަށް އޮންނަ ކަމެއް ނޫން،" ތޮލާލް ބުންޏެވެ.

މީހުން ކިތަންމެ ވާހަކައެއް ދެއްކިޔަސް އެ ވީޑިއޯއާއެކު ތޮލާލްގެ ހިތްވަރު ބަލައިގަނެ އޭނާއަށް އެތަކެއް އެވޯޑްތަކެއް ވަނީ އަރުވައިފައިވެ އެވެ. އެވަރުންވެސް މީހުން އެ ވީޑިއޯއަކީ ހަދައިފައިވާ ވީޑިއޯއެއްކަމަށް ބުނާތީ ތޮލާލް ހައިރާންވެ އެވެ.

"ބައެއް މީހުން އެބައަހާ ކިހާ ފައިސާއެއް އެ ފޮޓޯތަކުން ލިބުނުތޯވެސް. އެކަމަކު ނުލިބޭ އަހަންނަކަށް އެއްވެސް ފައިސާއެއް. ފްރާންސްގެ ޗެނަލްއާއެކު ހެދި އެއްބަސްވުމެއްގައި ވެސް އިންނާނީ އެ ފޮޓޯތައް ހިލޭ ޑިސްޓްރިބިއުޓްކުރަން. ކުޑަކުދިންގެ ލެއިން ފައިދާ ހޯދާކަށް ނެތިން." ތޮލާލް ބުންޏެވެ.

ޖަމާލްއާއި އޭނާގެ ދަރިފުޅު ފެންނަ ވީޑިއޯގެ އެކިއެކި ފްރޭމްތައް--

އެ ވީޑިއޯއަކީ ފޭކްއެއް ކަަމަށް ބުނެ ފްރާންސްގެ ކޯޓަށް ހުށަހެޅި މައްސަލަ 2013 ވަނަ އަހަރާ ހަމައަށް ދިގުދެމިގެން ދިޔަ އެވެ. އެންމެފަހުން ކޯޓުން ވެސް މައްސަލަ ނިމުނީ ތޮލާލްއާ އެއްކޮޅަށެވެ. އޭގެންވެސް އެނާއަށް ފައިސާއެއް ނުލިބެ އެވެ.

ތޮލާލްގެ ވީޑިއޯ އިން ފެންނަ ކުޑަކުއްޖާގެ ބައްޕަ، ޖަމާލް ސަލާމަތްވި އެވެ.

އެ ވީޑިއޯ ނެގިތާ އެއް ދުވަސް ފަހުން ޖަމާލްގެ ހާލު ބަލަން ތޮލާލް ހޮސްޕިޓަލަށްވެސް ދިޔަ އެވެ.

"އަހަންނަކަށް ޖަމާލްއާ މާ ގިނައިން ވާހަކައެއް ނުދެއްކުނު. މަދު ފޮޓޯތަކެއް ނަގިން ޖަމާލްގެ. ދެން ޖަމާލްގެ ޑޮކްޓަރަކާ ވާހަކަދެއްކިން. ބުނީ ޖަމާލްގެ ހާލު ވަރަށް ސީރިއަސް ކަމަށް. އޭނާގެ ގަޔަށް ވަރަށް ގިނަ ވަޒަން އެރައިފައިހުއްޓޭ ބުނި." ތޮލާލް ބުންޏެވެ.-- އަލްޖަޒީރާ

comment ކޮމެންޓް