ކުޅުދުއްފުށީ ޕޯޓް ބޮޑުކޮށް ބޮޑެތި ބޯޓުތަކަށް ކައިރިކުރެވޭ ގޮތް ހަދަނީ

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ -- ފޮޓޯ/ އެންއީއޯސީ

ކުޅުދުއްފުށީ ޕޯޓު އިތުރަށް ފުންކޮށް ތަރައްގީ ކުރުމަށް ބޭނުންވާ މާސްޓާ ޕްލޭން އެކުލަވާލާ މިހާރު ނިމިފައިވާ ކަމަށް މޯލްޑވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ރާއްޖެ ޓީވީގައި ވާހަަކަ ދައްކަވަމުން ރޭ ވިދާޅުވީ މާސްޓާ ޕްލޭން ހަދައި، އެ ޕްލޭނާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާއެކު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ޝާހިދު ވިދާޅުވީ މަޝްވަރާތަކަށް އަމަލީ ސިފަ އައުމުން ކުޅުދުއްފުށި ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު އައިސް ބޮޑެތި ބޯޓުތަކަށް ހިދުމަތް ދިނުމަށް ފަސޭހަވާނެ ކަމަށެވެ.

ކުޅުދުއްފުށީ ޕޯޓަށް މިހާރު ކައިރިކުރެވެނީ އެންމެ ބޮޑުވެގެން 1000 ޓަނުގެ ބޯޓުތަކަށެވެ. އެއަށްވުރެ ބޮޑު ބޯޓެއް އެ ޕޯޓަށް މުދާ ހިފައިގެން ގޮސްފިނަމަ މުދާ ހުސްކުރަން ޖެހެނީ ބޭރުގައި ބާއްވައިގެން ބާޖަކަށް ނޫނީ ދޯންޏެއް ބޭނުންކޮށްގެންނެވެ.

"އެއީ ވަރަށް ބޮޑު ޗެލެންޖެއް. އޭގެ ސަބަބުން އޮޕަރޭޝަނަލް ކޮސްޓުވެސް ބޮޑުވޭ. މުދާ ބޭލުމުގައި ލަސްތައް ދިމާވޭ،" ޝާހިދު ވިދާޅުވި އެވެ.

އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުއްޓަށް ފެށި ދަތުރުތަކާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ މިވަގުތު ކުޅުދުއްފުއްޓަށް ދަތުރު ކުރަނީ 3000 ޓަނުގެ ބޯޓެއް ކަމަށެވެ.

"އެ ބޯޓު އެތެރެއަކަށް ނުވެއްދޭ. ބޭރުގައި ބާއްވައިގެން މަސައްކަތް ކުރާއިރު އެހެެން އުޅަނދަކަށް މުދާ ބާލައިގެން ތޮށިގަނޑާ ހަމައަށް ގެންދިޔުމުގައޮި ލަސްތަކެއް އުޅޭ. ކޮޗިން ކާގޯ ދަތުރުތައް ފެށުމުން މިހާރު ވިސްނާފައި އޮތީ މިހާރަށް ވުރެ އެފިޝިއަންޓުކޮށް އެކަން ކުރަން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެއަށް އަންނަ ކާގޯ ބޯޓުތަކުންވެސް ބައެއް ފަހަރު މުދާ ބާލަން ބާޖު ބޭނުން ކުރަންޖެހޭ ކަމަށެވެ. އެގޮތުން މާލޭ ޕޯޓުގެ ބޭރު ތޮއްޓާ ކައިރި ކުރެވެނީ އެންމެ އުޅަނދެއް ކަމަށާއި އެއްފަހަރާ ތިން ބޯޓު އަތުވެއްޖެނަމަ ދެ ބޯޓުން މުދާ ހުސްކުރަން ޖެހެނީ ބޭރުގައި ބާއްވައިގެން ބާޖު ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް އިންޑިއާ އިން ޝެޑިއުލް ކާގޯ ދަތުރުތައް ފެށުމާއެކު އިތުރު ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ބޮޑެތި ބޯޓުތައް ކައިރި ކުރެވޭވަރަށް ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން މިވަގުތު ބޭނުންވާނެ މެޝިނަރީ އެ ޕޯޓަށް ހޯދުމުގެ މަސައްކަތް ކުރާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އިންފްރާސްޓްރަކްޗާ ގާއިމް ކުރެވެންދެންވެސް އިކުއިޕްމެންޓު ބޭނުންކޮށްގެން ހިދުމަތް އަވަސްކުރަން މަސައްކަތް ކުރާނަން. މިއީ އުތުރުގެ ވިޔަފާރިވެރިންނަށް އަދި ރައްޔިތުންނަށް ފައިދާ ކުރާނެ ދަތުރުތަކެއް. ފްރައިޓު އަދި ލޮޖިސްޓިކްސް ހަރަދު ކުޑަވުމުން މުދަލުގެ އަގު ހެޔޮވާނެ. މުދާ ލިބުން ފަސޭހަވާނެ،" ކޮޗިން އިން ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކާ ގުޅޭގޮތުން ޝާހިދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ޕޯޓުގެ ކޮންސެޕްޓަށް ފައިނޭންސް ހަމަޖެހުމުން ޕްރޮޖެކްޓު އިމްޕްލިމެންޓު ކުރަން ފަށާނެ ކަމަށާއި އިމްޕްލިމެންޓު ކުރަން ފަށާތާ 18 މަސް ތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އެކަމަށް 11 ނުވަތަ 12 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްޕީއެލްގެ އެމްޑީ ވިދާޅުވި އެވެ.

comment ކޮމެންޓް